މަންމައަކު މަރާލި އޯޓިސްޓިކް ދަރީގެ ބައިތައް ހޯދައިފި
މަންމައަކު މަރާލި އޯޓިސްޓިކް ދަރީގެ ބައިތައް ހޯދައިފި

އަމިއްލަ ދަރިފުޅު މަރާލިކަމުގެ ދައުވާ އެމެރިކާގެ މިސޯރީގެ އަންހެނެއްގެ މައްޗަށް އެ ރަށުގެ ފުލުހުން ކޮށްފި އެވެ. އެ އަންހެންމީހާ މަރާލާފައިވާ ކުއްޖާއަކީ ވަރަށް ތުއްތުއިރު މީހަކަށް އެޑޮޕްޓްކުރުމަށް ދީފައިވާ ކުއްޖެކެވެ. ސަވާނާ ލެކީ ކިޔާ މި އަންހެންކުއްޖާއަކީ އޮޓިސްޓިކް ކުއްޖެކެވެ. އަންހެންމީހާ ދިރިއުޅޭ ގޭގެ ބިއްދޮށުގައި އޮތް ހުސް ތަނަކުން އަންހެންކުއްޖާގެ ބައިތައް މިހާރު ވަނީ ފެނިފަ އެވެ. ސަވާނާ މަރާލާފައިވަނީ މިނެސޯޓާގައި ހުންނަ އޭނާ އެޑޮޕްޓްކުރި މައިންބަފައިންގެ ގެއިން އަސްލު މަންމަ ކައިރިއަށް ބަދަލުވިތާ މަސްތަކެއް ފަހުންނެވެ.

މަންމައަކު މަރާލި އޯޓިސްޓިކް ދަރީގެ ބައިތައް ހޯދައިފި
މަންމައަކު މަރާލި އޯޓިސްޓިކް ދަރީގެ ބައިތައް ހޯދައިފި

ސަވާނާ ގެއްލިއްޖެ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ކުރީ އޭނާގެ އުފަން މަންމަ އެވެ. ފުލުހުން އަންހެންކުއްޖާ ހޯދަން ފެށީ މި ރިޕޯޓަށް ފަހުގަ އެވެ. ހޯދަމުން ދަނިކޮށް މި ކުއްޖާގެ އަންދާލާފައިވާ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ މިސޫރީގެ ދަނޑެއްގައި ކޮނެފައި ހުރި ވަޅަކުންނެވެ.

ސަވާނާގެ މަންމަ ރެބެކާ ރޫޑް، 39، ގެ މައްޗަށް މިހާރު ވަނީ ދަރިފުޅު މަރާލުމާއި އަނިޔާކުރުން އަދި ހެކި ފޮރުވަން މަސައްކަތްކުރުމުގެ ދައުވާ އުފުލާފަ އެވެ. ސަވާނާ ގެއްލިގެން ހޯދަމުންދިޔަ ފުލުސް އޮފިސަރުންނަށް އޭނާގެ އަންދާލާފައި ހަށިގަނޑުގެ ބައެއް ކަށިތަކާއި ދަތްތައް ފެނިފައިވަނީ އޭނާގެ މަންމަގެ ފާމްއެއްގައި އަލިފާން އަންދާފައި ހުރި ވަޅުގަނޑަކުންނެވެ.

އެ ކަށިތަކާއި ދަތްތަކަކީ ސަވާނާގެ ކަން ފޮރެންސިކް ޓެސްޓްތަކުން ޔަގީންވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ ވަޅުގަނޑުން އެއްގަމު މަސް މުގުރާ ގްރައިންޑާ އަކާއި ވަޅިތަކެއް އަދި އަލިފާން ރޯކުރަން ބޭނުންކުރާ ކަހަލަ ފުޅިތަކެއް ވެސް ފެނުނުކަމަށް ވެއެވެ.

ސަވާނާ އޭނާގެ އުފަން މަންމަ ކައިރިއަށް ދިރިއުޅެން ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ އޭނާ އެޑޮޕްޓްކުރި ދެމަފިރިން ވަރިވުމަށްފަހު ފިރިހެންމީހާ ދިއުމުން އަންހެންމީހާ ހޯދި އާ ލޯބިވެރިޔާ އާ ސަވާނާ ހިތްހަމަ ނުޖެހިގެންނެވެ.

ސަވާނާގެ މަންމަ ކުރިން ރައްޓެހިވެގެން އުޅުނު ބަޑީ ސްމާޓް ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި ސަވާނާ ބަސްނާހައިގެން އަދަބެއްގެ ގޮތުން އޫރު ގެންގުޅޭތަނަކަށް އޭނާ ގަދަކަމުން ވައްދަނިކޮށާއި ހަޑި ފެންގަނޑަކުން ފެންވަރުވަނިކޮށް ވެސް އޭނާއަށް ފެނިފައި ވެއެވެ. އަދި މަންމަގެ އަނިޔާތަކަށް ކެތް ނުވެގެން އަމިއްލައަށް މަރުވާންވެގެން ސަވާނާ އޭނާގެ އަތް ކަނޑާލުމުން އެތަނަށް ބަނގުރަލާއި ލޮނު އަޅައިގެން ކޮންމެ ދުވަހަކު އެ ކުއްޖާ އަށް އޭނާގެ މަންމަ އަނިޔާ ދިން ކަމަށް ވެސް ބަޑީ ބުނެފައި ވެއެވެ.

ސަވާނާގެ މަންމަގެ ލީގަލް ޑޮކިއުމަންޓްތަކުގައިވާ ގޮތުން އާކަންސޯ އާއި ސަދަން މިސޫރީގެ ބޯޑަރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ތިއޮޑޯސިއާގައި ހުންނަ ރޫޑްގެ ޕްރޮޕަޓީއެއްގައި މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރޫޑް ރިޕޯޓްކޮށްފައި ވެއެވެ. އެ ދުވަހު ރޫޑް އޮފިޝަލުން ކައިރީ ބުނީ އަންހެންކުއްޖާ ސަލާމަތްކުރަން އުޅެން ހަދައިގެން އޭނާ ވެސް ފިހުނު ކަމަށެވެ. ނަމަވެސް ސަވާނާ އާ ވާހަކަ ދެއްކުމުގެ ފުރުސަތު އެ ދުވަހު އޭނަގެ މަންމަ އޮފިޝަލުންނަކަށް ނުދެ އެވެ.

އޭގެ ދެ ދުވަސް ފަހުން ސަވާނާ ގެއްލިގެން އޭނާގެ މަންމަ ރިޕޯޓްކުރި އެވެ. ފަހުން އަނެއްކާ ދެއްކި ވާހަކަތައް ބަދަލުކޮށް ސަވާނާ ފިލީ އަލިފާން ރޯވީ އޭނާގެ ސަބަބުން ކަމަށް އަމިއްލައަށް ހީކުރެވިގެން ބިރުން ކަމަށް ބުނެފައި ވެއެވެ. ރޫޑް ހައްޔަރުކޮށްފައިވަނީ ފިލަންވެގެން ކެންސޯ ސިޓީ އަށް ދިއުމަށް ބަހަށް އަރަން ގޮސް ހުއްޓަ އެވެ.