24 އޯގަސްޓް 2017 - 14:22

މިދުވަސްވަރު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އަރަނީ ރާއްޖޭގެ ސަރަހައްދުން ބޭރުގައި އުފެދޭ ބޮޑެތި ބާނިތަކެއްގެ ސަބަބުން ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް އިން މިއަދު ބުނެފި އެވެ.

މެޓްގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ އައްޑު އަތޮޅުގެ ދެކުނުން 100 ވަރަކަށް މޭލު ބޭރުގައި އުފެދޭ ބޮޑެތި ބާނިތަކެއް ސަބަބުން، ދިޔަވަރު ބޮޑުވާ ގަޑީގައި ވަރަށް ބޮޑަށް އުދަ އަރަމުން އަންނަ ކަމަށެވެ. އެ ބާނިތަކުގެ އުސްމިނުގައި ފަސް ފޫޓާއި ހަތް ފޫޓު ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަހަރު އެ ބާނިތައް އަތޮޅުތެރެއަށް ވަނުމުން އުދަ އަރާލެއް ބޮޑުވެގެން އެބަދޭ. މިއަދު ވެސް އުދަ އެރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް. މީގެ އަސަރު ބޮޑަށްކުރާނީ ދެކުނާއި މެދު ރާއްޖެތެރެއަށް،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑެތި ބާނިތަކެއް އުފެދި ރަށްތަކަށް އުދަ އަރަނީ ވައިގަދަވުމުން ކަމަށެވެ. ނަމަވެސް މިހާރު ބާނިތައް މަޑުމަޑުން ކުޑަވަމުން އަންނަ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް މި ވަރަށް ބާނިތައް ބޮޑުވެގެން އުދަ އަރާފައި އެބަހުރި. މިފަހަރު އެއާ ވަކި ތަފާތުތަކެއް ފާހަގަކުރެވިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ މެޓްގައި ކަނޑު އަޑީގެ ފުންމިން ދެނެގަނެވޭނެ ގޮތްތަކެއް ނެތުމުން އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ރަށްތައް ވިދާޅުވާން އުނދަގޫތަކެއް އެބަހުރި ކަމަށެވެ.
ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މިދުވަސްވަރު އުދައިގެ އަސަރު ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ. އެގޮތުން މާލޭގެ އިރުމަތީ ފަރާތުން ބޮޑެތި ބާނިތަކާއެކު އުދަ އަރައި ފެރީ ދަތުރުތަކަށް ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. މާލެއަށް އުދައެރުމުގެ ސަބަބުން އާޓިފިޝަލް ބީޗް ސަރަހައްދުގެ ބޮޑު ބަޔަކަށް ވެލި އަރާފައިވެ އެވެ. އަދި ކާނިވާ ސަރަހައްދުން ފެށިގެން ހުޅުލޭ ފެރީ ކައިރިކުރާ ސަރަހައްދާ ހަމަޔަށް އުދައަރައި ފެންބޮޑުވެ އެވެ. އޭގެ އިތުރުން އިއްޔެ ދިޔަވަރު ބޮޑުވި ވަގުތު މާލޭގެ ދެކުނު ފަރާތުން ކަނޑާފައިވާ ނެރުން ނުކުންނަން އުޅުނު ލޯންޗެއް އިއްޔެ ހަވީރު ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެފައިވެ އެވެ.