ހަކުރު ނުކައި އެންމެ ނުވަ ދުވަހު ހުރެވިދާނެތަ؟
ހަކުރު ނުކައި އެންމެ ނުވަ ދުވަހު ހުރެވިދާނެތަ؟

ހަކުރު ބޭނުންނުކޮށް އެންމެ ނުވަ ދުވަހު ހުއްޓަސް ހީނުކުރާ ވަރުގެ ރަނގަޅު ބަދަލެއް ހަށިގަނޑަށް އަންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ. ޖާނަލް އޮބޭސިޓީގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި، ފަލަބަލި ޖެހިފައިވާ 43 ކުއްޖަކަށް ހަކުރުގެ ބަދަލުގައި ސްޓާޗް ހުރި އެހެން ބާވަތެއް ދީގެން ޓެސްޓްކޮށްފައިވެ އެވެ.

މި ޓެސްޓްގެ ނަތީޖާއިން ދެއްކި ގޮތުގައި ހަކުރުގެ ނުރައްކާ ބޮޑުވަނީ ހަމައެކަނި އެ ކެއުމުން ކެލޮރީޒް އިތުރުވާތީއެއް ނޫނެވެ. އޭގެ ބަދަލުގައި ހަކުރު ބޭނުންކުރުމުން ނުރައްކާ އިތުރުވަނީ އޭގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ސަރުބީ ވިރުވައިދިނުމުގެ ނިޒާމަށް ބާރު ބޮޑުވާތީ އެވެ.

ދިރާސާ ލިޔުއްވި ސެން ފްރެންސިސްކޯގެ ޔޫސީއެސްއެފް ބެނިއޮފް ޗިލްރަންސް ހޮސްޕިޓަލުގެ ޕީޑިއެޓްރިކް އެންޑޮކްރައިނޮލޮޖިސްޓް ޑރ. ރޮބާޓް ލުސްޓީގް ވިދާޅުވި ގޮތުގައި މިގޮތަށް ހަކުރު ނުދީ ސްޓާޗް ދިނުމުން ކުދިންގެ ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރި މިންވަރު އިތުރުވެފައި އިންސިއުލިން ލެވެލް ދަށްވި އެވެ.

ޑރ. ލުސްޓީގް ވިދާޅުވި ގޮތުގައި މި ދިރާސާއިން އެނގުނު އެންމެ މުހިއްމު ކަމަކީ މައިންބަފައިން އެމީހުންގެ ދަރިންނަށް ފޮނި އެއްޗެހި ނުވަތަ ހަކުރު ގިނައިން އެކުލެވޭ އެއްޗެހި ކާންދޭ މިންވަރު މަދުކޮށް އެ ކުދިން އެ ފަދަ އެއްޗެހި ކާ މިންވަރު ޗެކްކުރަން ޖެހޭނެ ކަމެވެ. އަދި ހަކުރު ގިނައިން ބޭނުންކުރުމުން ކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެކަން ގަބޫލުކުރަން ޖެހޭނެ ކަމެވެ.

އިނގިރޭސި ވިލާތުގެ މީހުންގެ ތެރެއިން މިހާރު 23 ޕަސެންޓް މީހުންނަކީ ފަލަބަލި ޖެހިފައިވާ މީހުންނެވެ.

ޑރ. ލުސްޓީގްގެ މި ހޯއްދެވުމާއި މަލްޓި-ނެޝަނަލް ކޯޕަރޭޝަނުން ބުނާ ބުނުމާ ފުށުއަރަ އެވެ. އެ ކުންފުނިތަކުން ބުނަނީ ފަލަބައްޔާއި އެކަމާ ގުޅިގެން ޖެހޭ ބޮޑެތި ބަލިތަކުގެ އަސްލަކީ ހަކުރު ބޭނުންކުރުން ނޫން ކަމަށެވެ. އެއީ ކެލޮރީޒް ގިނައިން ހުންނަ ކާނާ ބޭނުންކުރާތީ ދިމާވާ ކަމެއް ކަމަށެވެ.

ޑރ. ލުސްޓީގް ވިދާޅުވީ ދިރާސާގައި ވެސް ކުންފުނިތަކުން މި ބުނާ ބުނުމަށް ވެސް ރިއާޔަތްކުރި ކަމަށެވެ. އަދި ދިރާސާގައި ބައިވެރިކުރީ ބަރުދަން އެއްވަރެއްގައި ހުރި ކުދިން ކަމަށާއި އެކުދިންގެ ބަރުދަން ލުއިވާހެން ހީވާ ނަމަ އެކުދިންނަށް އިތުރަށް ކެއުމަށް ހިތްވަރު ދިން ކަމަށެވެ.

"ހަކުރުގެ ކެލޮރީޒް އަކީ އެންމެ ގޯސް އެއްޗަކީ. ސަބަބަކީ އެ ސަރުބީއަށް ބަދަލުވަނީ ލިވާ ނުވަތަ ފުރަމޭގައި ކަމަށް ވާތީ. މީގެ ސަބަބުން އިންސިއުލިން އުފައްދަން ހުރަސްއަޅާ. އަދި ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ފުރަމޭގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވޭ،" ޑރ.ލުސްޓީގް ވިދާޅުވި އެވެ.

ދިރާސާގައި ބައިވެރިވި އެހެން ސައިންސްވެރިއެއް ކަމަށްވާ ޖީން-މާކް ޝްވާޒް ވިދާޅުވީ މިހާ ފާޅުކަންބޮޑު ގޮތެއްގައި ފެނިފައިވާ ނަތީޖާއެއް އޭނާއަށް މި ނޫނީ މިހާތަނަށް ފެނިފައި ނެތް ކަމަށެވެ. އެންމެ ނުވަ ދުވަހު ފްރުކްޓޯސް ނުދީ ހިފަހައްޓާލުމުން ނުކުތް ނަތީޖާ ވަރަށް ފާހަގަ ކޮށްލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ލުސްޓީގްގެ ޓީމުން ގަބޫލުކުރާ ގޮތުގައި ކުޑަކުދިން އާދަޔާޚިލާފަށް ފަލަވެ ބަލިބަލި ޖެހޭތީ ސަރުކާރު ތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އޭގެ ތެރޭގައި ހަކުރުގެ ޓެކްސް އިތުރު ކުރުމާއި ހަކުރު އެކުލެވޭ ބުއިންތައް އިޝްތިހާރުކުރުން ހުއްޓާލުން ހިމެނެ އެވެ.