ޚިޔާނާތުގެ ތުހުމަތުކޮށްފައިވާ ނަޖީބު ރައްޒާގު ވައިޓް ހައުސް އަށް
ޚިޔާނާތުގެ ތުހުމަތުކޮށްފައިވާ ނަޖީބު ރައްޒާގު ވައިޓް ހައުސް އަށް

ކުއާލަ ލަމްޕޫރު (އޮގަސްޓް 24) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގަށް ޚިޔާނާތުގެ ތުހުމަތުތަކެއްކޮށް އެ މައްސަލަތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބަލަމުން ދިޔަ ނަމަވެސް އޭނާ ވައިޓް ހައުސް އަށް ވަޑައިގަތުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވައިފި އެވެ.

ވައިޓް ހައުސްގެ ބަޔާނެއްގައި ބުނީ އަންނަ މަހު 12 ވަނަ ދުވަހު ނަޖީބަށް ޓްރަމްޕް މަރުހަބާ ވިދާޅުވާނެ ކަަމށެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ދެކުނު އިރުމަތީ އޭޝިއާގެ އެމެރިކާގެ އެންމެ ގާތް ޕާޓްނަރާ ގުޅުން ބަދަހި ކުރުން ކަމަށް ވެސް ބުނެފައިވެ އެވެ. ނަޖީބުގެ ދަތުރުފުޅު މެލޭޝިއާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބިލިއަން ޑޮލަރުގެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ނަޖީބަށް ވަނީ ކޮށްފަ އެވެ. މި ބޭންކުގެ ޚިޔާނާތުގެ މައްސަލަ ވަރަށް ގިނަ ގައުމުތަކުގައި ދަނީ ތަހުގީގު ކުރަމުންނެވެ. 1އެމްޑީބީ ބޭންކުގެ ޚިޔާނާތުގެ ފައިސާ އިން އެމެރިކާ އިން ގަނެފައިވާ ތަންތަން ފްރީޒް ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން އަމުރު ނެރުމާ ގުޅިގެން މެލޭޝިއާ އާއި އެމެރިކާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. އެމެރިކާގެ އޮފިޝަލުން ލަފާކޮށްފައިވާ ގޮތުން އެމެރިކާ އިން ފްރީޒްކޮށްފައިވާ 1އެމްޑީބީގެ އެސެޓުގެ އަގު 1.7 ބިލިއަން ޑޮލަރަށް އަރާނެ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުގެ ތަހުގީގުގައި ބޭންކުން ގިނަ އަދަދެއްގެ ފައިސާ ލިބުނު "މެލޭޝިއާގެ އޮފިޝަލް 1"ގެ ގޮތުގައި ބުނެފައިވާ ފަރާތަކީ ނަޖީބު ކަމަށް އެ ގައުމުގެ ކެބިނެޓުގެ މެންބަރަކު ވިދާޅުވެފައިވެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ ޓްރަމްޕާއި ރަހުމަތްތެރިކަން ބަދަހި ކުރެއްވުމަށް ނަޖީބު ހުންނެވީ ބޭނުންވެފަ އެވެ. އަދި ޓްރަމްޕާ އެކު ބާއްވާ ބައްދަލުވުމުގައި ބޭންކުގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވުމަށް ބާރު އަޅުއްވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވަނީ މި މަހު ކުރީކޮޅު މެލޭޝިއާ އަށް ވަޑައިގެންފަ އެވެ.