26 އޯގަސްޓް 2017 - 07:49

އިންޑިޔާގެ މަޝްހޫރު މެތެމެޓީޝިއަން ނުވަތަ ހިސާބު އިލްމުގެ މާހިރު އާނަންދު ކުމާރުގެ ބައޮޕިކްގެ ބަތަލަކަށް ރިތިކް ރޯޝަން ހަމަޖެހިއްޖެ އެވެ. ދާދިފަހުން ރިތިކް ދީފައިވާ އިންޓަވިއު އެއްގައި މިކަން ވަނީ ޔަގީން ކޮށްދީފަ އެވެ. ނަމަވެސް އެ ފިލްމު ކުޅެން އޭނާ އަދި ސޮޔެއް ނުކުރެ އެވެ.
"ސުޕާ 30"ގެ ނަން ދީފައިވާ މި ފިލްމު ފެށުމުގެ ތައްޔާރީތައް މިހާރު ކުރިޔަށް ދާއިރު ރިތިކް ވަނީ އާނަންދު އާ ބައްދަލުކޮށް އޭނާގެ ކެރެކްޓާ ދެނެގަތުމަށް ވަރަށް ގިނަ މައުލޫމާތު އޭނާގެ ފަރާތުން ހޯދާފަ އެވެ.
ރިތިކް ބުނި ގޮތުގައި އަދި ރަސްމީކޮށް އޭނާ އެ ފިލްމު ކުޅެން ސޮއެއް ނުކުރެ އެވެ. އެހެންވެ އިތުރަށް ފިލްމާ ބެހޭ ވާހަކަ ދެއްކޭނީ ސޮއި ކުރުމަށް ފަހުގަ އެވެ.
ދާދިފަހުން ރިތިކް އާއި އާނަންދު އަދި ފިލްމުގެ ޑައިރެކްޓަރު ވިކާސް ބާލް ބައްދަލުކުރަނިކޮށް ނަގާފައިވާ ފޮޓޮއެއް ސޯޝަލް މީޑިއާގައި ދައުރު ވެފައި ވެއެވެ.
ހުރިހާ ކަމެއް ރަނގަޅަށް ގޮސް ރިތިކް މި ފިލްމު ކުޅެން ސޮއި ކޮށްފިނަމަ މި ފިލްމު ވާނީ އޭނާގެ 17 އަހަރުގެ ކެރިއަރުގައި ކުޅޭ ފުރަތަމަ ބައޮޕިކް އަށެވެ.
ރިތިކްގެ ފަހުން އާނަންދު އާއި ކެޓުރީނާ ކައިފް ބައްދަލުކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާ އިން ވަނީ ފެނިފަ އެވެ. އެހެންވެ އެ ފިލްމުގެ ބަތަލާއަކަށް ކެޓުރީނާ ހަމަޖެހިފައިވާ ކަމުގެ ވާހަކަތައް ވަރަށް ގަދަޔަށް ދެކެވެމުން ދެއެވެ. މި ފިލްމު ކުޅެން ރިތިކް އާއި ކެޓުރީނާ ސޮއި ކޮށްފިނަމަ މިއީ "ބޭންގް ބޭންގް" އަށް ފަހު މި ދެ ތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށް ވާނެ އެވެ. ނަމަވެސް ރިތިކް ބުނީ ފިލްމުގައި ކެޓުރީނާ ބައިވެރިވާކަން އޭނާއަށް އަދި އެނގިފައި ނުވާ ކަމަށެވެ.