25 އޯގަސްޓް 2017 - 08:33

މަޝްހޫރު ބަތަލު ސުނިލް ޝެޓީ ފިލްމަކުން ނުފެންނަތާ ވަރަށް ގިނަ ދުވަސްތަކަކަށް ފަހު މިހާރުު ވަނީ އަލުން ފިލްމު ކުޅެން ފަށާފަ އެވެ. އެގޮތުން އޭނާ ކުޅޭ ފުރަތަމަ ފިލްމަކީ ސިދާރްތު މަލްހޯތުރާ އާއި ޖެކްލީން ފެނާންޑިސް ލީޑް ރޯލު ކުޅޭ "އަ ޖެންޓްލްމޭން: ސުންދަރް، ސުޝީލް، ރިސްކީ" އެވެ. އެ ފިލްމުގެ ޓްރެއިލާއިން ކޮންމެވެސް ވަރަކަށް ސުނިލް ފެނިފައި ވެއެވެ.
ފިލްމުގައި ސުނިލް އަދާކުރަނީ ކޮން ކަހަލަ ރޯލެއް ކަމެއް މިހާތަނަށް އޮތީ ސިއްރުވެފަ އެވެ. ނަމަވެސް ދާދިފަހުން ފިލްމުގެ ޑައިރެކްޓަރު ބުނި ގޮތުގައި ސުނިލް މި ފިލްމުގައި ކުޅެނީ ނުބައި ބައެވެ. މީގެ ކުރިން ފަރަހަ ޚާންގެ "މައި ހޫން ނާ"ގައި ވެސް ސުނިލް ވަނީ ނުބައިބައި ރޯލު ވަރަށް ފުރިހަމައަށް ކުޅެފަ އެވެ.
"އަ ޖެންޓްލްމޭން"ގައި ސުނިލް އަދާކުރަނީ ކާނަލްކަން ކުރިން ކޮށްފައިވާ މީހެއްގެ ބައެވެ. އޭނާގެ މަސައްކަތަކަށް އޮންނަނީ އާ ރެކްރޫޓުން ތަމްރީނު ކުރުމެވެ.
މި ފިލްމުގައި ސުނިލް އަދާކުރަނީ އޭނާގެ އަސްލު އުމުރާ އެއް އުމުރެއްގެ މީހެއްގެ ކެރެކްޓާ އެވެ. އަދި ފަހުން ފިލްމު ހަތް އަހަރު ފަސް ދައްކާއިރު ސުނިލް ހުންނަނީ ކަޅާއި ނުރަ ތުނބުޅިއެއް ލައި އުމުރުން ދުވަސްވީ މީހެއްގެ ސިފައިގައި ކަމަށް ވެއެވެ.
ސުނިލް އާއެކު މަސައްކަތް ކުރާނެ ފުރުސަތު ލިބުނީތީ ފިލްމުގެ ބަތަލު ސިދާރްތު ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނި ގޮތުގައި ސުނިލް އަކީ އޭނާ މިހާތަނަށް އެކުގައި މަސައްކަތްކުރި އެންމެ ހިތްހެޔޮ މީހާ ކަމަށެވެ. އަދި ސުނިލް ކަހަލަ ހުނަރުވެރި އެކްޓަރަކާ އެކު މަސައްކަތް ކުރުމުގެ ތަޖުރިބާއާ މެދު ވެސް ސިދާރްތު ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ސިދާރްތު ބުނި ގޮތުގައި ސުނިލް އަދިވެސް އޭނާގެ އުމުރަށް ވުރެ މާ ފިޓެވެ.
ފިލްމުގެ ޑައިރެކްޓަރު ބުނި ގޮތުގައި އެފިލްމަށް އެމީހުން ބޭނުންވީ ވެސް ހަމަ ސުނިލް އެވެ. އަދި ސުނިލްގެ ރޯލަކީ ވަރަށް މޮޅު ރޯލެއް ކަމަށް އޭނާ ބުންޏެވެ.
ސުނިލް ވަނީ އޭނާގެ ބައްޕަ ވަރަށް ބަލިވުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ކުޅުމާ ދުރުގައި ބައްޕަ ބެލުމުގައި ހޭދަކޮށްފަ އެވެ. އޭނާ އަލުން ފިލްމު ކުޅެން ފެށީ މިއަހަރުގެ ކުރީކޮޅު ބައްޕަ މަރުވުމުންނެވެ. ސުނިލްގެ ދެ ދަރިން ކަމަށްވާ އަތިޔާ އާއި އަހާން ވެސް މިހާރު ފިލްމުތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ.