މަސައްކަތްތެރިންގެ ހަޅުތާލުގެ ސަބަބުން "ޕަދްވާތީ"ގެ ޝޫޓިންގް މަޑުޖެހިފައި
މަސައްކަތްތެރިންގެ ހަޅުތާލުގެ ސަބަބުން "ޕަދްވާތީ"ގެ ޝޫޓިންގް މަޑުޖެހިފައި

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގެ ލީޑް ދެ އެކްޓަރުން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ވަރަށް ގައިގޯޅި މަންޒަރެއް ހިމެނޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން ބާންސާލީ ވަރަށް ރުޅިގަދަވެގެން އުޅުނު ކަމަށް އިންޑިޔާގެ ނޫސް ތަކުން ބުނެފައި ވެއެވެ. ނަމަވެސް ބާންސާލީ ހިތްހަމަނުޖެހިގެން އުޅެނީ މި ފޮޓޯ ލީކު ވެގެން ނޫން ކަމަށް އޭނާގެ ގާތް މީހަކު މައުލޫމާތު ދީފައި ވެއެވެ.

ބާންސާލީ ރުޅިއައިސްގެން އުޅެނީ ފިލްމު އަދި ޓީވީގައި މަސައްކަތްކުރާ މަސައްކަތްތެރިން މިހާރު ކުރަމުންދާ ހަޅުތާލުގެ ސަބަބުން ފިލްމުގެ ޝޫޓިން ކުރިޔަށް ނުގެންދެވޭތީ ކަމަށް އެ މީހާ ބުންޏެވެ.

ހަޅުތާލުގެ ސަބަބުން ފިލްމުގެ ގިނަ އަދަދެއްގެ ޓެކްނީޝަނުން ޝޫޓިންގަށް ހާޒިރު ނުވާތީ މުމްބައިގައި ކުރިޔަށްދާ ޝޫޓިންގަށް ވަނީ ބުރޫ އަރާފަ އެވެ.

ފިލްމުގެ ސެޓުގައި މަސައްކަތްކުރާ މީހަކު ބުނި ގޮތުގައި ފިލްމު ކަނޑައެޅިފައިވާ ތާރީޚަށް ނިންމަން ވެގެން ހުރިހާ އެންމެން ވެސް ކޮންމެ ދުވަހަކު 18 ގަޑިއިރު މަސައްކަތް ކުރަމުން ގެންގޮސްފައިވެ އެވެ. ނަމަވެސް ހަޅުތާލާ ހެދި ޝޫޓިންގް ކުރިޔަށް ގެންދެވެނީ 10 ވަރަކަށް ގަޑިއިރަށެވެ. އަދި އެ ވެސް ހާޒިރުވާ ވަރަށް މަދު މުވައްޒަފުންނާ އެކުގަ އެވެ.

ބެލެވޭ ގޮތުން މި މައްސަލަތަކާ ހެދި ކުރިން ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚް ކަމަށްވާ މި އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު މިފިލްމު ރިލީޒް ނުކުރެވުމަކީ ވަރަށް ކައިރި ކަމެކެވެ. މިގޮތަށް އިތުރު 15 ވަރަކަށް ދުވަސް ހިނގައްޖެނަމަ ހަމަ ޔަގީނުން ވެސް ބާންސާލީ އަކަށް ކަނޑައެޅިފައިވާ ދުވަހަކަށް ފިލްމު ރިލީޒެއް ނުކުރެވޭނެ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

"ޕަދްމާވަތީ" އަށް ފެށުނީއްސުރެ ބޮޑެތި މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. ފިލްމު ފެށުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ ބަޔަކު އެ ފިލްމުގެ ސެޓަކަށް ގަދަކަމުން ވަދެ އެތާނގައި ހުރި އަގުބޮޑު ސާމާނުތަކަށް ގެއްލުންދީ ބާންސާލީ އަށް އަނިޔާކޮށް ހަދާފައި ވެއެވެ. އެކަން ކުރީ ފިލްމުގެ ވާހަކަ ނިސްބަތްވާ "ޕަދްމާވަތީ" އަކީ ކުރީ ޒަމާނުގައި އިންޑިޔާގައި އުޅުނު ރާނީ އެއް ކަމަށާއި ބާންސާލީ އުޅެނީ އެ ތާރީޚީ ވާހަކަ އޮޅުވާލަން ކަމަށް ބުނެ "ޕަދްމާވަތީ"ގެ އާއިލާއަށް ނިސްބަތްވާ ރާޖްޕޫތުން ކަމަށް ވެއެވެ.

އޭގެ ފަހުން ފާއިތުވީ ދެ ތިން މަހު ފިލްމުގެ ޝޫޓިން ވަރަށް އޮމާން ކަމާއެކު ކުރިޔަށް ގޮސްފައި ވެއެވެ. ނަމަވެސް މަސައްކަތްތެރިންގެ ހަޅުތާލުގެ ސަބަބުން އަނެއްކާވެސް ފިލްމު ކުރިޔަށް ގެންދަން ވަނީ ދަތި ވެފަ އެވެ.

މަސައްކަތްތެރިން ހަޅުތާލު ފަށާފައިވަނީ މަސައްކަތްކުރާ ވަގުތު އަށް ގަޑިއިރަށް ކުޑަ ކޮށްދިނުމަށާއި މެޑިކަލް އިންޝުއަރެންސް ލިބޭނެ ގޮތް ހަދައިދިނުމަށް އެދި އެވެ. އަދި އެމީހުންގެ ޑިމާންޑްތަކަށް ޕްރޮޑިއުސަރުން އަދިވެސް އެއްބަސް ނުވާތީ ހަޅުތާލު ހުއްޓާލާކަށް އެ މީހުން ވެސް ބޭނުމެއް ނުވެ އެވެ.