25 އޯގަސްޓް 2017 - 08:32

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން އަދި ދެމަފިރިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޮލް އެކުގައި ފިލްމެއް ކުޅެން ނިންމައިފި އެވެ. ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު މި ދެ ތަރިން އެކުގައި ކުޅެން ހަމަޖެހިފައިވަނީ ޕްރަދީޕް ސަރްކާރް ޑައިރެކްޓްކުރާ ފިލްމެކެވެ.
އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި އަޖޭ ބުނި ގޮތުގައި ކުރިން ރާާޖް ސާރްތީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމު މިހާރު ޑައިރެކްޓްކުރުމުގެ ޒިންމާ ނަގާފައިވަނީ ޕްރަދީޕް ސަރްކާރް ކަމަށެވެ.
ކާޖޮލް އެންމެ ފަހުން ކުޅެފައިވަނީ "ވީއައިޕީ 2" ކިޔާ ތަމަޅަ ފިލްމެކެވެ. މި ފިލްމު ޑަައިރެކްޓްކޮށްފައި ވަނީ ތަމަޅަ ސުޕަސްޓާރު ރަޖްނީކާތުގެ ދަރިފުޅު ސައުންދަރިޔަ ރަޖްނީކާންތު އެވެ. ބަތަލަކީ ދަނުޝް އެވެ.
އަޖޭ މިހާރު މަސައްކަތް ކުރަމުންދަނީ "ބާދްޝާއޯ" ގައެވެ. މި ފިލްމުގައި އިމްރާން ހާޝިމީ އާއި އިލިއާނާ ޑިކްރޫޒް، އީޝާ ގުޕްތާ ފަދަ ތަރިން ބައިވެރިވެ އެވެ. މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ވެސް އަންނަ މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.
އަދި "ގޯލްމާލް އެގައިން"ގެ ޝޫޓިން ވެސް އަޖޭ ދާދިފަހުން ވަނީ ނިންމާފަ އެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކުރާނީ އޮކްޓޯބަރު 19 ވަނަ ދުވަހު އެވެ.
އަޖޭ އާއި ކާޖޮލް އެކުގައި، ފާއިތުވީ އަހަރު ތަކުގައި ގިނަ ފިލްމުތަކެއް ކުޅެފައިވެއެވެ. އެ މީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ 1995 ގައި ނުކުތް "ގުންޑާރާޖް" އެވެ. އޭގެ ފަހުން ހަމަ އެ އަހަރު ތެރޭ ނުކުތް "ހަލްޗަލް" ކުޅުނެވެ. އިންޑިޔާގެ ނޫސްތަކުން އެ ދުވަސްވަރު ބުނެފައިވަނީ އަޖޭ އާއި ކާޖޮލްގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ "ހަލްޗަލް"ގެ ޝޫޓިންގެ ތެރޭގައި ކަމަށެވެ.
އޭގެ ފަހުން "އިޝްގް"، "ޕިޔާރް ތޯ ހޯނާ ހިތާ" "ދިލް ކިޔާ ކަރޭ"، "ރާޖޫ ޗާޗާ"، "ޔޫ މީ އައުރު ހަމް" އަދި "ޓޫންޕޫރް ކާ ސުޕަ ހީރޯ" ކުޅެފައިވެއެވެ.