އަ ޖެންޓްލްމަން: އެކްޝަން-ރޮމެންޓިކް ފިލްމެއް
އަ ޖެންޓްލްމަން: އެކްޝަން-ރޮމެންޓިކް ފިލްމެއް

ބޮލީވުޑް ޑައިރެކްޓަރުންގެ ޖޯޑެއް ކަމަށްވާ ރާޖް އާއި ޑީކޭގެ "އަ ޖެންޓްމަން: ސުންދަރް، ސުޝީލް، ރިސްކީ" މިއަދު ރިލިޒްކުރުމަށް ހަމަޖެހިފައިވާއިރު ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދާނެކަމަށް ޑައިރެކްޓަރުން އުންމީދުކުރެ އެވެ. މި ފިލްމުގެ ތަރިންނަކީ ސިދާރްތު މަލްހޯތުރާ އާއި ޖެކްލީން ފެނާންޑިސް އެވެ. ސިދާރްތު މި ފިލްމުގައި ކުޅެފައިވަނީ ޑަބަލް ރޯލެވެ.

ފިލްމުގެ ޑައިރެކްޓަރުން ބުނަނީ މިހާރު ގިނަ މީހުންނަށް ކަމުދަނީ އެކްޝަން އަދި ރޮމެންޓިކް ފިލްމުތައް ކަމަށްވާ އެ ދެ ބައި ހިމެނޭ އެއް ފިލްމު ވަރަށް ކުޑަ ބަޖެޓަކުން އުފައްދަން އެމީހުން ގަސްތުކުރީ ކަމަށެވެ.

އެއްވެސް ފިލްމެއް މިހާރު ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެއް ކަމުގައި ބެލެނީ 100 ކްރޯޑު (10 ބިލިއަން) ހޯދައިގެން 100 ކްރޯޑު ކްލަބަށް ވަނުމުން ކަމަށް ވާތީ އެފަދަ ކާމިޔާބީއެއް ހޯދުމަށް އެއްވެސް ވަރެއްގެ ޕްރެޝަރެއް އޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑައިރެކްޓަރުން ބުނީ ޕްރެޝަރެއް ނެތް ކަމަށާއި އެމީހުން މި ފިލްމު އުފައްދާފައިވަނީ ވީހާ ވެސް ޚަރަދު ކުޑަވާނެ ގޮތެއް ބަލައިގެން ކަމަށެވެ. އެހެންވެ ފިލްމަށް ކުރި ޚަރަދު ފޫބެދި ވީހާވެސް އަވަހަކަށް ފައިދާ ވާނެ ގޮތަކަށް ވިސްނައިގެން ފިލްމު އުފައްދާފައިވާ ކަމަށް ވެސް ޑައިރެކްޓަރުން ބުންޏެވެ.

ޑީކޭ ބުނި ގޮތުގައި ފިލްމުގެ އެކްޝަން މަންޒަރުތައް މޮޅުކުރަން އެމީހުން ވަރަށް މަސައްކަތް ކޮށްފައި ވާނެ އެވެ. ފިލްމުގެ އެއްވެސް މަންޒަރެއް ދެ ވަނަ ފަހަރަށް ޝޫޓްކޮށްފައި ނުވާނެ ކަމަށާއި ޚަރަދު ކުޑަކުރަން އެމީހުން ވިސްނީ އެފަދަ ގޮތްތަކުން ކަމަށެވެ.

ފިލްމެއްގެ ކާމިޔާބީ އާއި ނާކާމިޔާބީ ވެސް މީހުން މިނަނީ ފިލްމަށް ލިބޭ ފައިސާގެ އަދަދު ކަމަށް ޑީކޭ އޭނާގެ ތަޖުރިބާގެ އަލީގައި ބުންޏެވެ. އެހެންވެ އެމީހުންގެ ފިލްމަށް ވެސް ކުރި ޚަރަދަށްވުރެ ގިނައިން ލިބިއްޖެ ނަމަ އެއީ ކާމިޔާބު ފިލްމެއް ކަމަށް މީހުން ވެސް ގަބޫލުކުރާނެކަމަށް ޑީކޭ ބުންޏެވެ.

ސިދާރްތު މި ފިލްމުގައި ކުޅެނީ ގޯރަވް އަދި ރިޝީގެ ކެރެކްޓާ އެވެ. މީގެ ތެރެއިން ރިޝީ އަކީ ވަރަށް ވަރުގަދަ މީހެކެވެ. ރިޝީގެ ކެރެކްޓާއަށް ފިޓްވުމަށް ސިދާރްތު ވަނީ ދެ މަސް ދުވަހުގެ އެކްޝަން ޓްރޭނިން ހަދާފަ އެވެ. އަނެއްކޮޅުން ގޯރަވް އަކީ ވަރަށް ރަނގަޅު މަޑުމައިތިރި އަދި ވަރަށް ގޭގައި ހިމޭން ދިރިއުޅުމެއް އުޅުމަށް ލޯބިކުރާ މީހެކެވެ.

ފިލްމުގެ ޝޫޓިން ފެށީއްސުރެ ޖެކްލީން އާއި ސިދާާރްތުގެ ކެމިސްޓްރީ ފުރިހަމަކަމުގެ ވާހަކަ ގިނަ ބަޔަކު ދައްކަ އެވެ. ސިދާރްތު ބުނި ގޮތުގައި ޖެކްލީން އާއެކު ޝޫޓިންގައި ހޭދަވި ދުވަސްތައް ވަރަށް މަޖަލެވެ. "ބްރަދާޒް"ގައި ވެސް ޖެކްލީން އާއި ސިދާރްތު އުޅުނެވެ. ނަމަވެސް ފިލްމުގައި ދެ މީހުން ބައްދަލެއް ނުވެ އެވެ. ނަމަވެސް މި ފިލްމުގައި އެމީހުންނަށް ކުޅެންޖެހިފައިވަނީ ވަރަށް ބޮޑަށް ލޯބިވެގެން އުޅޭ ދެ ލޯބިވެރިންގެ ރޯލެވެ. ދާދިފަހުން ރިލީޒްވެފައިވާ މި ފިލްމުގެ "ލަގީ ނާ ޗޫޓޭ" ގެ މަންޒަރުތައް ބަލާލުމުން ވެސް މި ދެ ތަރިންގެ ގުޅުން ހުރި މިންވަރު ހާމަވެ އެވެ.

މި ދުވަސްވަރަކީ ހިންދީ ފިލްމު އިންޑަސްޓްރީއަށް ވަރަށް ނާކާމިޔާބީތަކާ ކުރިމަތިވަމުންދާ ދުވަސްވަރެކެވެ. އެހެންކަމުން "އަ ޖެންޓްލްމަން" އަކީ ކާމިޔާބު ފިލްމަކަށް ވުމަށް ގިނަ ބަޔަކު އުންމީދު ކުރެ އެވެ.