24 އޯގަސްޓް 2017 - 09:45

ރައްޔިތުންގެ މަޖިލީހުގައި ހިނގި ޒުވާބުގަނޑުގެ ތެރޭގައި މިއަދު ބިސް ޖަހައިފި އެެވެ.

މަޖިލީސް ފެށުމުގެ ކުރިން މަޖިލީހުގެ ރައީސްގެ ގޮނޑި އަށް ވެސް ބިސް ޖަހާފައިވާ ކަމަށް، މެޖޯރިޓީ ލީޑަރު ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރެއްވީ ބިސް ޖެހީ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފު ކަމަށެވެ. ސަރުކާރުގެ ބައެއް މެމްބަރުގެ ގަޔަށް ވެސް ބިސް ޖަހާފައި ހުއްޓެވެ.

އެކަމަކު މަހުލޫފު އެކަން ދޮގު ކުރެއްވި އެވެ.
މަޖިލިސްގެ ޖަލްްސާ ނިމުނު ފަހުން ޗެމްބަރުގެ ބޭރުގައި ކޮރިޑޯގެ ބިންމަތީގައި ވެސް ބިހުގެ ތޮށިތައް ހުއްޓެވެ.
އެއް މެމްބަރަކު ބިސްތޮށިތަކަށް އިނގިލި ދިއްކުރައްވައި ވިދާޅުވި ގޮތުގައި "މަޖިލީހުގެ މެޖޯރިޓީ މިއޮތީ" ފެންނާށެވެ.
މަޖިލީހުގެ ތަޅުންގަނޑަށް އުކާފައިވާ ބިސްތަކުގެ ލޮނޑިގަނޑު މަތިން އިހަވަންދޫ ދާއިރާގެ މެމްބަރު މުހަންމަދު އަބްދުﷲ ވެއްޓުނު މަންޒަރު ވެސް ފެނިގެން ދިޔަ އެވެ. އަދި ބައެއް ބޭފުޅުންގެ ހެދުމަށް ވެސް ބިސް ތެޅިފައި ހުއްޓެވެ.
މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ދޮރުތަކަށާއި އިދިކޮޅު މެމްބަރުންގެ ގަޔަށް ބިސް ޖަހާފައިވާ ކަމަށާއި އެއީ ހިނގި ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދު މި ފެނުނީ މަޖިލީހުގެ ނައިބު ރައީސް މެޖޯރިޓީ ލީޑަރާ އެކު ވަޑައިގެން އައިސް އިދިކޮޅު މެމްބަރުންގެ ގަޔަށް ބިސް ޖެހިތަން،" ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރޮޒެއިނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ދުންމާރި އާއި ބިސް ކަހަލަ އެއްޗެހި މެމްބަރުން ވެއްދުން އޮންނަނީ މަނާކޮށްފަ އެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ބޭއްވި އިރު، ގަވަރުނަރު ކަމުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުން ފިޔަވައި އެހެން ކަމެއް ނުދެ އެވެ. މިއަދުގެ ޖަލްސާ އަށް ފަހު މެމްބަރުން މިއަދު ވަނީ އެއް މަހުގެ ޗުއްޓީއަކަށް ވަޑައިގެންފަ އެވެ. މަޖިލިސް ދެން ފަށާނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. މިއަދުގެ ޖަލްސާ ވެސް ކުރިއަށް ދިޔައީ ވޭތުވެދިޔަ ދެ ދުވަހެކޭ އެއްގޮތަށް ސިފައިންގެ ފައުޖެއް ޗެމްބަރު ތެރެއަށް ވައްދައިގެން، އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ ތެރޭގަ އެވެ.