24 އޯގަސްޓް 2017 - 09:40

ލިވަޕޫލް (އޮގަސްޓް 24) - އަމިއްލަ ދަނޑުގައި ޖަރުމަނުގެ ހޮފެންހައިމް އަތުން 4-2 އިން ހޯދި ބޮޑު މޮޅާ އެކު ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.
ލިވަޕޫލް ކުރިހޯދީ 6-3 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ލިވަޕޫލުން ވަނީ ޖަރުމަނު ޓީމެއްގެ އަތުން ޔޫރަޕްގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ 21 މިނިޓް ތެރޭ ލިވަޕޫލުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ލަނޑު ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކުރީ މިސްރުގެ ވިންގް މުހައްމަދު ސަލާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ހޮފެންހައިމްގެ ފުރަތަމަ ލަނޑު ޖެހީ މާކް އުތު އެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖޯޑަން ހެންޑަސަން ދިން ބޯޅަ އަކުން ޖެހީ ކުރިން ހޮފެންހައިމަށް ކުޅުނު ރޮބާޓޯ ފިރްމީނޯ އެވެ. ހޮފެންހައިމްގެ ދެ ވަނަ ލަނޑު މެޗު ނިމެން 11 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ސަންޑްރޯ ވެގްނާ އެވެ.
މިއީ 2015 ވަނަ އަހަރަށް ފަހު ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އޭރު ލިވަޕޫލްގެ ކޯޗަކީ މިހާރުގެ ސެލްޓިކްގެ ކޯޗު ބްރެންޑަން ރޮޖާސް އެވެ.
ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އަމިއްލަ ދަނޑުގައި ކުޅުމުގެ އެޑްވާންޓޭޖް އެންމެ ފުރިހަމަ އަށް އޭނާގެ ޓީމުން ނެގި ކަމަށެވެ.
"އަހަރެންނަށް މެޗުގެ ކުރިން އޮތް އެޑްވާންޓޭޖަކީ ރަށުން ބޭރުގައި ހޯދި މޮޅެއް ނޫން. އަމިއްލަ ދަނޑުގައި މި މެޗު ކުޅެން ޖެހޭއިރު އަހަރެމެންގެ ފަރާތުން ފެންނާނެ ތަފާތު. ހަމަގައިމު ވެސް މި މެޗަކީ މި ނަތީޖާ އަށް ވުރެން މޮޅަށް އަހަރެމެން ކުޅުނު މެޗެއް. އެކަމަކު ނަތީޖާ ވެސް ގޯހެއް ނޫން. ޓާގެޓަށް ވާސިލްވުމުން މިއީ ބޮޑު ކުރިއެރުމެއް،" ކްލޮޕް ބުންޏެވެ.
ހޮފެންހައިމްގެ ޒުވާން ކޯޗު ޖޫލިއަން ނާގަލްސްމަން ބުނީ އޭނާގެ ޓީމުގެ ފަރާތުން މި ފެންވަރުގައި ކުޅުމުގެ ތަޖުރިބާ ނެތްކަން ފެނުނު ކަމަށެވެ.
"މި ފެންވަރުގައި އަހަރެމެން ކުޅެފައި ނެތް ކަމުގެ ތަޖުރިބާ ދެއްކި. އަމިއްލަ ދަނޑުގައި ކުޅުނު ކުޅުމާ ގާތަށް ވެސް މި މެޗުގައި ނުކުޅެވޭ. ލިވަޕޫލުން ދިޔައީ ކެނޑިނޭޅި އަހަރެމެންނަށް ޕްރެޝަރު ކުރަމުން. މިއީ ލިވަޕޫލަށް ހައްގު މޮޅެއް،" ނާގަލްސްމަން ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން އޮންނާނީ މިރޭ އެވެ. ގްރޫޕް ސްޓޭޖުގައި ވާދަކުރާ ޓީމުތައް މިހާރު ޔަގީންވެފައިވާއިރު ޓީމުތައް ވަނީ ޔުއެފާ ކޯ އެފިޝެންޓަށް ބަލައިގެން ސީޑްކޮށް ޕޮޓްތަކަށް ބަހާލައިފަ އެވެ.
ޕޮޓް 1: ރެއާލް މެޑްރިޑް، ބަޔާން މިއުނިކް، ޗެލްސީ، ޔުވެންޓަސް، ބެންފީކާ، މޮނާކޯ، ސްޕާޓަކް މޮސްކޯ، ޝަހުތަރު ޑޮނެސްކް
ޕޮޓް 2: ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، ޕީއެސްޖީ، ބޮރޫޝިއާ ޑޯޓްމަންޑް، ސެވިއްޔާ، މެންޗެސްޓާ ސިޓީ، ޕޯޓޯ، މެންޗެސްޓާ ޔުނައިޓެޑް
ޕޮޓް 3: ނަޕޯލީ، ޓޮޓެންހަމް ހޮޓްސްޕާސް، ބަސެލް، އޮލިމްޕިއާކޯސް، އެންޑަލެކްޓް، ލިވަޕޫލް، ރޯމާ، ބެސިކްޓާސް
ޕޮޓް 4: ސެލްޓިކް، ސީއެސްކޭއޭ މޯސްކޯ، ސްޕޯޓިން، އަޕޮއެލް، ފެޔަނޫޑް، މަރިބޯ، ގަރަބަޖް، އާރްބީ ލިޕްޒިގު