23 އޯގަސްޓް 2017 - 23:19

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިންގި ހަމަނުޖެހުމުގައި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް އިދިކޮޅު މެމްބަރުން ހަމަލަ ދިން ކަމަށް ބުނެ އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިދާރާ އަށް ހުށަހަޅައިފި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިރޭ ވިދާޅުވި ގޮތުގައި މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ތިން މެމްބަރަކަށް ހަމަލަ ދިން މައްސަލަ އެވެ.
އޭގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފަށް ހަމަލަ ދިން މައްސަލަ އާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ ކަރުގައި ހިފި މައްސަލަ ހިމެނޭ ކަމަށް ނިހާނު ވިދާޅުވި އެވެ.
އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ކޮޓަރިކޮޅު ހިސޯރުކޮށް، އެމަނިކުފާނުގެ ގައިގައި އަތްލި މައްސަލަ ބަލައި ދިނުމަށް ވެސް ހުށަހަޅާފައިވާނެ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
"މަޖިލީހުގެ އިދާރާ އިން އެ މައްސަލަ ބަލައި، ފުލުހުންނަށް ހުށަހެޅުމަށް އެދުނީ،" ނިހާނު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހޫނު ޒުވާބުތަކެއް ހިނގައި، އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި ބޮޑު ތަޅާފޮޅުންގަނޑެއް ވަނީ ހިނގައިފަ އެވެ. އަދި މަޖިލީސް ތެރެއިން ފެނުނީ އެއް މެމްބަރަކު އަނެއް މެމްބަރަކަށް އަވަގުރާނަ ގޮވުމާއި ޒުވާބު ކުރުމެވެ.
މި ޒުވާބުގެ ތެރޭގައި، މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމާއި ހުސެއިނާ ދެމެދު މާރާމާރީ ހިނގައި، ހުސެއިންގެ އަނގަމަތީގައި އާޒިމް ޖަހާ މަންޒަރު ވެސް ވީޑިއޯއަކުން ފެނެ އެވެ. އަދި މެމްބަރު އާރިފްގެ ކަރުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ހިފި މަންޒަރު އެހެން ވީޑިއޯ އަކުން ފެނެ އެވެ.
އިދިކޮޅު މެމްބަރުންގެ ހުރަސް އެޅުއްވުންތަކާއި ހަޅޭކުގެ ތެރޭގައި ޖަލްސާ ބާއްވައި، ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހަމަޖެއްސުމަށް ޕީޕީއެމުގެ މެމްބަރުން ވަނީ ރުހުން ދެއްވައިފަ އެވެ. އޭނާ ސަފީރު ކަމަށް އައްޔަންކުރަން ފާސްވީ 28 މެމްބަރުންގެ އިއްތިފާގުންނެވެ. ޖަލްސާގެ ވޯޓު ނެގި ގަޑީގައި އެ މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީހުގައި ބާއްވަމުން އަންނަ ޖަލްސާތަކަކީ ޣައިރު ގާނޫނީ ޖަލްސާތަކެއް ކަމަށާއި ޖަލްސާތަކުގައި ނިންމާ އެއްވެސް ކަމެއް ސައްހަ ނުވާނެ ކަމަށެވެ. ޖަލްސާގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކުރަން ޖެހޭނީ 45 މެމްބަރުން ސޮއި ކުރައްވައި ހުށަހެޅުއްވި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށް ވެސް އިދިކޮޅު މެމްބަރުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.