އެކްސިޑެންޓާ ގުޅިގެން ފްލީޓުގެ ކޮމާންޑަރު ވަކިކޮށްފި
އެކްސިޑެންޓާ ގުޅިގެން ފްލީޓުގެ ކޮމާންޑަރު ވަކިކޮށްފި

ވޮޝިންޓަން (އޮގަސްޓް 23) - އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތަކަށް ކުރިމަތިވާ އެކްސިޑެންޓްތަކާ ގުޅިގެން ސެވަންތު ފްލީޓުގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޖޯސެފް އޫކްއަން މަގާމުން ވަކިކޮށްފި އެވެ.

އެންމެ ފަހުން ސިންގަޕޫރު ކައިރީ ހިނގި އެކްސިޑެންޓުގައި އެމެރިކާގެ މަނަވަރު ޔޫއެސްއެސް ޖޯން އެސް މެކްކޭން ވަނީ ތެޔޮ ޓޭންކަރެއްގައި ޖެހި އެމެރިކާ ސިފައިންގެ 10 މީހުން ގެއްލިފަ އެވެ. ގެއްލުނު މީހުންގެ ހަށިތަކުގެ ބައިތައް މަނަވަރުތެރޭން ޑައިވަރުންނަށް ވަނީ ފެނިފަ އެވެ. މިއީ އަހަރެއްހާ ދުވަހު ތެރޭ ހިނގި ހަތަރު ވަނަ އެކްސިޑެންޓެވެ.

އެމެރިކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ފްލީޓް ކޮމާންޑް ކުރުމުގައި އޫކްއަން އަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އޭނާ މަގާމުން ދުރުކުރި އިރު ވަނީ ރިޓަޔާ ކުރަން ވެސް ނިންމައިފަ އެވެ. ސެވަންތު ފްލީޓުގެ ކޮމާންޑަރަކަށް އޫކްއަން ހަމަޖެއްސީ 2015 ވަނަ އަހަރު އެވެ.

ޖަޕާނުގެ ޔޮކޮސޫކާގައި ގާއިމްކޮށްފައިވާ ސެވަންތު ފްލީޓަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު އެއް ލަޝްކަރެވެ. އެ ފްލީޓުގައި 50-70 އާ ދެމެދުގެ އަދަދަކަށް މަނަވަރާއި ސަބްމެރިން ހިމެނެ އެވެ.

މީގެ ދެ މަސްކުރިން ވަނީ ޖަޕާން ކަނޑު ތެރޭން އެމެރިކާގެ މަނަވަރެއް ކޮންޓެއިނާ ބޯޓެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެމެރިކާ ސިފައިންގެ ހަތް މީހުން ވަނީ މަރުވެފަ އެވެ. މެއި މަހު ވަނީ އެމެރިކާގެ މަނަވަރެއް ސައުތު ކޮރެއާގެ މަސްވެރި އުޅަނދެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފަ އެވެ. އަދި މިދިޔަ އޮގަސްޓް މަހު ވަނީ އެމެރިކާގެ ސަބްމެރިންއެއް ސަޕޯޓް އުޅަނދެއްގައި ޖެހިފަ އެވެ.