28 ޖޫން 2016 - 12:18

ކޭޕް ޓައުން (ޖޫން 28) - ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާގެ އަމިއްލަ ގެ މަރާމާތު ކުރުމަށް ނެންގެވި ސަރުކާރުގެ ފައިސާގެ ތެރޭން 509،000 ޑޮލަރު ދެއްކުމަށް އެ ގައުމުގެ ޓްރެޝަރީން އަންގައިފި އެވެ.

ޒުމާގެ އަގު ބޮޑު ގޭގެ މަރާމާތަށް ސަރުކާރުގެ ފައިސާ އިން 2009 ވަނަ އަހަރު ވަނީ 23 މިލިއަން ޑޮލަރު ޚަރަދު ކުރައްވައިފަ އެވެ.
ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓުން މާޗު މަހު ވަނީ ސަރުކާރުގެ ފައިސާ ބޭނުން ކުރުމުގައި ޒޫމާ ގާނޫނު އަސާސީއާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ނިންމައިފަ އެވެ. އަދި ޒޫމާގެ އަމިއްލަ ގެކޮޅުގައި ދައުލަތުން ކޮންމެހެން ކުރަން ޖެހޭ ޚަރަދުތައް ފިޔަވައި ދެން ކޮށްފައިވާ އެހެން ޚަރަދުތަކުގެ ތަފްސީލު ސާފު ކުރުމަށް ދުސްތޫރީ ކޯޓުން ވަނީ ނޭޝަނަލް ޓްރެޝަރީ އަށް އަންގައިފަ އެވެ.
ސަރުކާރުގެ ޚަރަދުގައި ޒޫމާގެ އަމިއްލަ ގޭގައި ސްވިމްޕޫލާއި ތިއޭޓަރާއި ކުކުޅު ކޮއްޓާއި ގެރި ކޮއްޓާ އަދި މެހުމާނުންގެ މަރުކަޒެއް ވަނީ ހަދައިފަ އެވެ. މި ގޭގައި ބޮޑު ފުޓުބޯޅަ ދަނޑެއް ވެސް އޮވެ އެވެ.
ޓްރެޝަރީން ބުނެފައި ވަނީ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ ލީޑަރު އަނބުރާ ދައުލަތަށް 509،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑިމޮކްރެޓިކް އެލަޔަންސް އިން ބުނެފައި ވަނީ މި އަދަދު މާ ކުޑަ ކަމަށެވެ. ނޭޝަނަލް ޓްރެޝަރީގެ ހިސާބުތައް ދުސްތޫރީ ކޯޓުން ދިރާސާ ކުރާނެ އެވެ.
ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ ޒޫމާ މަގާމުން ދުރު ކުރުމަށް އެޕްރީލް މަހު ޕާލަމެންޓަށް ވެއްދި މައްސަލަ ވަނީ ނާކާމިޔާބުވެފަ އެވެ.