އެންމެ ބޮޑު އާމްދަނީއެއް މާކް ވޮލްބާގަށް؛ 68 މިލިއަން ޑޮލަރު
އެންމެ ބޮޑު އާމްދަނީއެއް މާކް ވޮލްބާގަށް؛ 68 މިލިއަން ޑޮލަރު

ފިލްމީ ތަރިންގެ އާމްދަނީގެ ފަރަގުގެ ވާހަކައަކީ ދައްކައި ކޮޅުން ނުލާނެ ވާހަކައެކެވެ. ހާއްސަކޮށް ބަތަލާއިންނަށް ވުރެ ބޮޑު އާމްދަނީއެއް، ބަތަލުންނަށް ލިބޭ ވާހަކައަކީ ބަހުސް ކުރެވެމުންދާ ބޮޑު މައްސަކައަކަށް ވިޔަސް، އަނެއްކާ ވެސް މިއޮތީ އާމްދަނީގެ ފަރަގު ވަރަށް ބޮޑަށް ދައްކާލައިފަ އެވެ.

އެންމެ ބޮޑު އާމްދަނީއެއް މާކް ވޮލްބާގަށް؛ 68 މިލިއަން ޑޮލަރު
އެންމެ ބޮޑު އާމްދަނީއެއް މާކް ވޮލްބާގަށް؛ 68 މިލިއަން ޑޮލަރު

ފޯބްސް އިން އާންމު ކުރި ފާއިތުވި އަހަރުގެ، ތަރިންގެ އާމްދަނީގެ ލިސްޓުން ކަށަވަރުވި އެއް ކަމަކީ ބަތަލާއިންނާއި ބަތަލުންގެ އާމްދަނީގައި ވަރަށް ބޮޑު ތަފާތެއް ހުރި ކަމެވެ. ފާއިތުވި އަހަރު ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާގެ ޝަރަފު "ލާ ލާ ލޭންޑް" ގެ ބަތަލާ އެމާ ސްޓޯން ހޯދީ ޖުމްލަ 26 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.

ފޯބްސްގެ ބަތަލާއިންގެ އާމްދަނީގެ ލިސްޓް އާންމުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން އެކްޓަރުންގެ އާމްދަނީގެ ލިސްޓް އާންމު ކުރި އިރު، "ޑޮޕް ވޯޓަ ހޮރައިޒަން" ފަދަ ފިލްމްތައް ކުޅެފައިވާ މަޝްހޫރު އެކްޓަރު މާކް ވޮލްބާގް، 46، ކުރި ހޯދާފައި ވަނީ ޖުމްލަ 68 މިލިއަން ޑޮލަރުގެ އާމްދަނިއަކާ އެކުގަ އެވެ. އެއީ އެމާގެ އާމްދަނީ އަށް އަޅާކިޔާ ނަމަ 42 މިލިއަން ޑޮލަރުގެ ފަރަގަކާ އެކުގަ އެވެ.

އެކްޓަރުންގެ އާމްދަނީ އަށް ބަލާ އިރު ފޯބްސްގެ ލިސްޓްގެ ދެވަނާގައި 65 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު އޮތީ "ބޭވޮޗް"ގެ އެކްޓަރު ޑްވޭން "ރޮކް" ޖޯންސަން އެވެ. ވިން ޑީޒެލް އަށް ލިސްޓްގެ ތިން ވަނަ 54.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ލިބުނު އިރު، ހަތަރު ވަނާގައި 50.5 މިލިއަން ޑޮލަރާ އެކު އޮތީ އެޑަމް ސެންޑްލާ އެވެ.

ލިސްޓްގެ ފަސް ވަނާގައި 49 މިލިއަން ޑޮލަރާ އެކު ޖެކީ ޗެން އޮތް އިރު، އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރުންގެ ލިސްޓްގައި ބޮލީވުޑްގެ ތިން އެކްޓަރަކު ވެސް ހިމެނެ އެވެ.

ލިސްޓްގެ އަށް ވަނާގައި 38 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު ޝާހްރުކް ހާން އޮތް އިރު، ނުޗަ ވަނާގައި އޮތީ ސަލްމާން ހާނެވެ. އެއީ 37 މިލިއަން ޑޮލަރާ އެކުގަ އެވެ. ދިހަ ވަނާގައި އަކްޝޭ ކުމާރް އޮތީ 35.5 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކުގަ އެވެ.

ފޯބްސްގެ އަހަރީ އާމްދަނީގެ ލިސްޓްގެ ހަ ވަނަ 48 މިލިއަން ޑޮލަރާ އެކު ރޮބަޓް ޑައުނީ ޖޫނިއާ އަށް ލިބުނު އިރު ހަތް ވަނާގައި 43 މިލިއަން ޑޮލަރާ އެކު އޮތީ ޓޮމް ކްރޫޒެވެ.