23 އޯގަސްޓް 2017 - 13:42

މި އަހަރުގެ ގައުމީ އިނާމަށް 66 ފޯމު އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެމުން އަންނަ ހާއްސަ އިނާމަށް 54 ފޯމު ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނީ މިދިޔަ މުއްދަތު ހަމަވިއިރު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް ހުށަހެޅި ފޯމުތައް ގައުމީ އިނާމާ ބެހޭ ކޮމެޓީ އާއި ހާއްސަ އިނާމާ ބެހޭ ކޮމެޓީން ދިރާސާކުރަމުންދާ ކަމަށެވެ.
ސަރުކާރުން ދެމުން އަންނަ ގައުމީ އިނާމަކީ ދިވެހި ގައުމަށާއި މުޖުތަމައުގެ މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ ޖަމިއްޔާތަކާއި ވިޔަފާރީގެ އިދާރާތަކުން ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ދެމުން އަންނަ އިނާމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަކީ ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބު ފާހަގަކޮށް ދެމުން އަންނަ އިނާމެކެވެ.
މި ދެ ދާއިރާއިން ވެސް އިނާމު ދޭނީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި ހިދުމަތްކޮށްފައިވާ މީހުންނަށެވެ. އަދި އެ މީހުންގެ އުމުރު 18-35 އަހަރާ ދެމެދު ވާންޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ގައުމީ އިނާމާއި ހާއްސަ އިނާމު ދޭން ހަމަޖައްސާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.