23 އޯގަސްޓް 2017 - 12:22

ނޭޕްލްސް، އިޓަލީ (އޮގަސްޓް 23) - ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑާ އެއް ގްރޫޕެއްގައި ހިމެނި އެ ޓީމާ ދެކޮޅަށް ކުޅެން ކަމަށް އިޓަލީގެ ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.
ނަޕޯލީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދީ ކޮލިފައިން ޕްލޭ އޮފް ބުރުގައި ފްރާންސްގެ ނީސް އަތުން ދެ ލެގުން ވެސް މޮޅުވެގެންނެވެ. ރޭ ރަށުން ބޭރުގައި އެ ޓީމުން މޮޅުވީ 2-0 އިންނެވެ. ރޭގެ މެޗަށް ފަހު ސާރީ ބުނީ ގްރޫޕް ސްޓޭޖުގެ ޖާގަ ލިބުމާ އެކު ސީޒަނުގައި ކުރިއަށް ދިއުމުގެ ދޮރު ހުޅުވިއްޖެ ކަމަށެވެ.
"މެޗަށް ފަހު އަހަރެން ކުޅުންތެރިންނަށް މަރުހަބާ ކިޔައިފިން. އެއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ނުލިބުނު ނަމަ އަހަރެމެންގެ ސީޒަން ވަރަށް ގޯސްވީ. ބޭނުންވަނީ އިޓަލީ އާއި ޔޫރަޕްގައި ރަނގަޅު ނަތީޖާ ނެރެން. އެއީ މި ޓީމު މިހާރު މިއޮތް ޓްރެކުގައި ދަމަހައްޓައި އެހެން ލެވެލަކަށް ގެންދެވޭނީ އެހެން ކަމަށްވާތީ،" ސާރީ ބުންޏެވެ.
އޭނާ ބުނީ ޔުނައިޓެޑާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"އަހަރެން ވަރަށް ބޭނުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އޯލް ޓްރެފޯޑްގައި ކުޅެން. އެއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ކަމެއް،" މާދަމާ އޮންނަ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ގުރުއަތުލުމާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސާރީ ބުންޏެވެ.
ނަޕޯލީ އަށް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އެޓޭކިން ކުޅުންތެރިންނަށް ގިނަ ޓީމުތަކުގެ ހުށަހެޅުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިބުނު ނަަމަވެސް އެއްވެސް ކުޅުންތެރިއަކު އެ ޓީމުން ނުވިއްކަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ހުށަހެޅުން ލިބުނީ އިޓަލީގެ ހަލުވި ވިންގް ލޮރެންޒޯ އިންސީނޭ އަށެވެ.
ބާސެލޯނާ އިން ވެސް ވަނީ އިންސީނޭ އަށް ބިށްކޮށްފަ އެވެ. ރޭގެ މެޗުގައި ނީސް ކޮޅަށް ލަނޑު ޖެހި އިންސީނޭ ބުނީ ބާސެލޯނާ އިން އޭނާ އަށް ޝައުގުވެރިވުމަކީ ލިބޭ ފަހުރެއް ކަމަށާއި އެހެން ނަމަވެސް މި ވަގުތު ނަޕޯލީ އަށް ކާމިޔާބު ހޯދައިދިނުން ނޫން ކަމަކާ މެދު ނުވިސްނާ ކަމަށެވެ.