"ފެނުގެ ފަރުވާ"ގެ އަޖުމަ ބަލައިލަމާ
"ފެނުގެ ފަރުވާ"ގެ އަޖުމަ ބަލައިލަމާ

ހެނދުނު ހޭލާ ގޮތަށް ހޫނު ފެންތައްޓެއް ބޯލައިގެން ހަށިގަނޑަށް އަންނަ ބަދަލުގެ އަޖުމަ ބަލައިލިން ހެއްޔެވެ؟ މިއީ ވަރަށް ކުރިންސުރެ ބައެއް މީހުން ގެންގުޅޭ އާދައެކެވެ. ބޭނުމަކީ ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ހަލުވިކުރުމަށް އެހީތެރިވެދީ ހަށިގަނޑުގައިވާ ބޭރުކުރަންޖެހޭ އެއްޗިއްސާއި ވިހަތައް ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެ ދިނުމެވެ. އަދި މިއީ ނިދާ ހޭލާ ވަގުތު ހަށިގަނޑަށް ބޭނުންވާ ކުއްލި ހޭލައްވާ ލުމަށް ވަރަށް މުހިއްމު ކަމެކެވެ.

ކޮޕާ ތައްޓަކަށް ރޭގަނޑު ފެން އަޅާފައި ބަހައްޓާފައި ހެނދުނު އެއަށް ކުޑަ ލުނބޯހުތް ފޮދެއް ފިތާލައިގެން އެ ފެންތަށި ބޯލުމަކީ ވެސް ސިއްހީ ގިނަގުނަ ފައިދާ ލިބޭ ކަމެކެވެ.

ކޮންމެ ދުވަހަކު އެކަށީގެންވާ މިންވަރަކަށް ފެން ބުއިމަކީ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮންމެ މީހަކުވެސް ދުވާލަކު 2.7 ލިޓަރު ނުވަތަ 3.7 ލިޓަރު ފެން ބޯން ޖެހޭނެ އެވެ. ނަމަވެސް މިއާ ގާތް ކުރާ މިންވަރަކަށް ވެސް ގިނަ މީހުންނަކަށް ފެނެއް ނުބޮވެ އެވެ.

ނަމަވެސް ހެނދުނު ހޭލާ ގޮތަށް ހޫނު ފެންތައްޓެއް ބޯލުމުގެ އާދަ ހިފިއްޖެނަމަ ކޮންމެ ދުވަހެއް އެ ފެށުނީ ވަރަށް ރަނގަޅަށް ކަމުގައި ބަލާށެވެ. އޭޝިއާގެ އެކި ގައުމުތަކުގައި ކުރާ އެކި ކަހަލަ ބޭސް ފަރުވާގެ ތެރޭގައި ހިމެނޭ އަޔުރްވެޑާ އާއި ޓްރެޑިޝަނަލް ޖަޕަނީސް މެޑިސިންގައި ވެސް ވޯޓާ ތެރަޕީ ނުވަތަ ފެނުގެ ފަރުވާ އަކީ ވަރަށް މަޝްހޫރު އެއްޗެކެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ބާރު ދުވެލީގައި ފެށުން: ހެނދުނު ހޭލާ ގޮތަށް ފެން ތައްޓެއް ބޯލުމުން ބޭރަށް ހިންގުމާއި ބަނޑު ހިކުން ފަދަ މައްސަލަތައް ދިމާވާ މީހުންނަށް ވަރަށް ރަނގަޅު ފަރުވާ އަކަށްވެ އެވެ. ސަބަބަކީ މިފަދަ ކަންތައްތައް ގިނައިން މެދުވެރިވަނީ ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކާ ހެދި އެވެ. އެންމެ ރަނގަޅު ނަތީޖާ ލިބޭނީ ހަމަ ހޫނު ފެން ތައްޓަކުންނެވެ. މިގޮތަށް ކަންތައް ކުރުމުން ހަށިގަނޑުގައިވާ ލޭ ހޮޅިތައް އިތުރަށް ހުޅުވި ކާނާ ހަޖަމު ކުރުމަށް ފަސޭހަވެ އެވެ. އަދި މިއީ ހިތުގެ މައްސަލަތައް ހުންނަ މީހުންގެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭ ކަމެކެވެ.

ވިހަތައް ބޭރު ކޮށްލާ: ފެނަކީ ހަށިގަނޑުގައިވާ ވިހަތައް ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިގޮތަށް ވިހަތައް ބޭރުވުމުން އޮށާޅަ ނެގުން ފަދަ ކަންތައްތަކަށް ފަރުވާ އަކަށްވެ އެވެ. އަދި ކިޑްނީގެ މަސައްކަތަށް ބާރުބޮޑުވެފައިވާ ނަމަ އެ ބާރު ވެސް ކަނޑުވާލަދީ ކިޑްނީއަށް ލުއި ލިބި ކިޑްނީގެ މައްސަލަތައް ޖެހުމުން ދުރުވެ އެވެ. އަދި ހަޖަމުކުރުމުގެ މުޅި ނިޒާމުގެ މަސައްކަތް ހަލުވިވެ ބަރާބަރުވެ އެވެ. ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅަށް ނުކުރުމަކީ ފަލަބަލި ޖެހުމަށް މެދުވެރިވާ އެއް ސަބަބެވެ. ހެނދުނު ހޭލާގޮތަށް ހޫނު ފެން ބޯން އާދަކޮށްފިނަމަ މީހާގެ ސިސްޓަމް މުޅިން ސާފުވެ ދުވާލު ހަތަރުދަމު ވަރަށް ހަމަޖެހިލައިގެން އުޅެވޭނެ އެވެ.

އަދި މިއީ ބަލިތަކުން ދިފާއު ވުމަށް ވެސް ވަރަށް ރަނގަޅު ފަރުވާ އެެކެވެ. ޖަޕާންގެ ވޯޓާ-ތެރަޕީ ޕްރެކްޓިޝަނާއެއް ބުނި ގޮތުގައި މި ފަރުވާއިން މޫނުގައި އޮށާޅަނެގުމާއި ފަލަބަލި ޖެހުމުން ދުރުކޮށްދޭނެ ކަމަށެވެ.

މި ފަރުވާއަކީ އެއްވެސް ކްލިނިކަލް ސްޓަޑީޒް އެއް ހަދާފައިވާ އަދި ސައިންޓިފިކް ރިސާޗްތައް ހަދާފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް މި ފަރުވާ ބޭނުންކުރާ ގިނަ ބަޔަކު މިކަމުން ފައިދާ ކުރާކަމަށް ބުނެ އެވެ.

ޕީރިއަޑްވުމުން ބަނޑުގައި ރިއްސާ މީހުންނަށާއި ހަކުރުބަލި ހުންނަ މީހުންނަށް އަދި ބޮލުގައި ރިއްސުމާއި ގައިގައި ރިއްސުން، އާތުރައިޓިސް، ފުރަގަސްފަރާތު ބަލި ހުންނަ މީހުންނަށް މި ފަރުވާއިން ވަރަށް ބޮޑަށް ލުއި ލިބޭ ކަމަށްވެ އެވެ. މިކަމަށް އެންމެ ރަނގަޅަކީ ހަމަ އެއް ފަހަރުން ބޯލެވޭ ވަރަށް ހުންނަ ތާފަނާ ފެނެވެ. އައިސްކުރި ފެނެއް މި ފަރުވާއަކަށް ކަމަކުނުދެ އެވެ.

މިއީ ވަރަށް ފަސޭހަ ފަރުވާއެއް ކަމުން ކޮންމެ ދުވަހަކު އާދަކޮށް ކުރަން މިކަން ވަރަށް ފަސޭހަވާނެ އެވެ.

* ހެނދުނު ހޭލާގޮތަށް ދަތް ވެސް ނޫނގުޅާ، ހޫނު ފެންތައްޓެއް ބޯލާށެވެ. މީގެ ޖަޕަނީޒް ވާޝަންގައި ބުނަނީ 160 އެމްއެލް ހުންނަ ވަރުގެ ހަތަރު ތަށި ފެން ބުއިމަށެވެ. އަޔުރްވެޑާ ފަރުވާދޭ ބައެއް މީހުން ބުނަނީ 1.2 ލިޓަރު ބުއިމަށެވެ. ނަމަވެސް މިކަމުން މާބޮޑު ތަަކުލީފަކަށް ނުވެ ބޯ ލެވޭނީ އެއް ތަށި ނުވަތަ ދެ ތައްޓެވެ.

* ފެން ބުއިމަށްފަހު ދަތް އުނގުޅައިގެން 45 މިނިޓް ވަންދެން އެއްވެސް އެއްޗެއް ނުކައި ނުބޮއި ހުންނާށެވެ. އޭގެ ފަހުން ކޮންމެ އެއްޗެއް ކައިބޮއި ހެދިޔަސް މައްސަލައެއް ނެތެވެ.

އަޔުރްވެޑާ ފަރުވާގައި ބުނަނީ ފެން ތައްޓަށް ކުޑަކުޑަ ލުނބޯހުތް ފޮދެއް އެޅުމަށެވެ. އޭރުން ގޮހޮރުގެ ފަށަލަތަކުގައި ކޮންޓްރެކްޝަން އުފެދި ބޮޑުކަމު ދިއުމަށް ފަސޭހަ ވާނެ ކަމަށް ވެއެވެ. ދަ ލުނބޯހުތުގައި ހުންނަ ވިޓަމިންސް އާއި މިނަރަލްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަތައް ބޭރުކުރުމަށް އެހީތެރިވެދޭނެ އެވެ. ކޮޕާ ތެއްޔެއް ނުވަތަ ތައްޓެއް ފަދަ އެއްޗަކަށް ރޭގަނޑު ފެން އަޅާފައި ބެހެއްޓުމަށްފަހު ހެނދުނު އެ ފެން ހޫނުކޮށްލައިގެން ބުއިމުން ފެނުގައި ހުންނަ މައިކްރޯބްސްތައް މަރުވާނެ ކަމަށްވެ އެވެ.

މި ފަރުވާ ހޯދާ މީހުން ހަނދާން ކުރަން ޖެހޭނެ އެންމެ މުހިއްމު އެއް ކަމަކީ މިއީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކުރާ ކަމެއް ނޫން ކަމެވެ. އެހެންކަމުން މިއީ ތިމާއަށް ކުރަން ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ނިންމާނީ އެމީހެއްގެ އަމިއްލަ ތަޖުރިބާ އިންނެވެ. މިއީ ފަލަބައްޔާއި އޮށާޅަ ނެގުމަށް ރަނގަޅު ފަރުވާއަކަށް ވިޔަސް ހަކުރު ބައްޔާއި ހިތުގެ ބަލި ފަދަ ސީރިއަސް ބަލިތައް ހުންނަ މީހުން މި ފަރުވާ ފެށުމުގެ ކުރިން އެމީހަކު ދައްކާ ޑޮކްޓަރަކާ މަޝްވަރާ ކުރުން މުހިއްމެވެ. އަދި މާބަނޑު މީހުންނަށާއި އުމުރުން ވަރަށް ދުވަސްވެފައި ތިބޭ މީހުންނަށް އަދި ކިޑްނީގެ މައްސަލަ ހުންނަ މީހުން މި ފަރުވާ ހޯދުން ރަނގަޅެއް ނޫނެވެ.