ޒިލާގެ މޮޅު ކުޅުމާ އެކު ފުރަތަމަ މެޗު ކިންގްސް އަށް
ޒިލާގެ މޮޅު ކުޅުމާ އެކު ފުރަތަމަ މެޗު ކިންގްސް އަށް

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ކިންގްސް ބާސްކެޓްބޯލް ކްލަބް ރޭ ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ކިންގްސް ކާމިޔާބުކުރީ ރެޕްޓޯސް ބީސީއާ ވާދަކޮށް 72-44 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ މުހައްމަދު ޒިލާލެވެ. ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ވެސް 20 ޕޮއިންޓާ އެކު ޒިލާލެވެ. ރެޕްޓޯސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 10 ޕޮއިންޓާ އެކު އިވާން ޒާހިރު މުހައްމަދެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ އަށް ޓީމެވެ. ގްރޫޕް އޭ ގައި ހިމެނެނީ ކިންގްސް ބީސީ އާއި ރެޕްޓޯސް ބީސީގެ އިތުރުން ސްޓިންގާސް ބީސީ އަދި ރެޑްވިންގްސް ބީސީ އެވެ. ގްރޫޕް ބީ ގައި އޮތީ ޓީރެކްސް ބީސީ އާއި އެލްކިއު ސްޕޯޓްސް އާއި ކްލަބް އެޗްޑީސީ އަދި ދަ ބައުސް އެވެ.

ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެވެ. ގްރޫޕް އޭ ގެ އެއް ވަނަ ޓީމާއި ގްރޫޕް ބީ ގެ ދެ ވަނަ ޓީމު ވާދަކުރާ ސެމީ ފައިނަލް ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހު ހަވީރެވެ. އެރޭ އޮންނާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީ ގެ އެއް ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެރެ އެވެ.

އަންހެން ޑިވިޝަނުގައި ވާދަކުރަނީ ހަތް ޓީމެވެ. ގްރޫޕް އޭ ގައި އޮތީ ޓައިޓަންސް އެސްސީ އާއި ރެޑްވިންގްސް ބީސީ އާއި ރައިވެރިޔާ އަދި ދިވެހި ސިފައިންގެ ކްލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ސައިކްލޯން ބީސީ އާއި ޔޫތު ސްޕޯޓްސް ކްލަބް އަދި ޓީރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ) އެވެ.

އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މާދަމާރޭ ވާދަކުރާނީ ގްރޫޕް އޭ ގެ ޓައިޓަންސް އާއި ރެޑްވިންގްސް އެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 6 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއް ވަނަ އާއި ގްރޫޕް ބީ ގެ ދެ ވަނަ އެވެ. އެރޭ އޮންނާނީ ގްރޫޕް ބީ ގެ އެއް ވަނަ އާއި ގްރޫޕް އޭ ގެ ދެ ވަނަ ޓީމު ބައްދަލުކުރާ ސެމީ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު ހަވީރެވެ.