23 އޯގަސްޓް 2017 - 11:47

ލިވަޕޫލް (އޮގަސްޓް 23) - ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ޕްލޭއޮފް ދެ ވަނަ ލެގުގައި މިރޭ ޖަރުމަނުގެ ހޮފެންހައިމްއާ ދެކޮޅަށް ނުކުންނައިރު ލިވަޕޫލަކީ ޗެމްޕިއަންސް ލީގު ފެންވަރު ކްލަބެއް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލް ވަނީ ހޮފެންހައިމް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 2-1 އިން މޮޅުވެފަ އެވެ. މިރޭގެ މެޗު އެއްވަރު ކޮށްލައިގެން ވެސް ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ. އެހެން ނަމަވެސް ކްލޮޕްގެ ވިސްނުން ހުރީ މެޗުން މޮޅުވެގެން ގްރޫޕް ސްޓޭޖުގެ ޖާގަ ޔަގީން ކުރުމަށެވެ.
"ގިނަ ބަޔަކު ހީކޮށްފާނެ ހޮފެންހައިމް އިން މި މެޗަށް ނުކުންނާނީ އާދައިގެ ގޮތަކަށް ކަމަށް. އެކަމަކު އަހަންނަށް އެނގޭ އެމީހުން ނުކުންނާނީ ވަރުގަދަކޮށްކަން. އަހަރެމެންނަށް މިރޭ އޮތް ތަފާތަކީ އަމިއްލަ ދަނޑުގައި ކުޅޭތީ. އެންފީލްޑްގެ ބާރު. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭ އަމިއްލަ ދަނޑުގައި ވެސް މަސައްކަތް ކުރަން ޖެހޭނެކަން. ލިވަޕޫލަކީ ޗެމްޕިއަންސް ލީގު ކްލަބެއް. އެ މަގާމަށް ގެންދިއުމުގެ މަސައްކަތް މިއީ،" މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.
މިރޭގެ މެޗުގައި ވެސް ލިވަޕޫލުން ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ނުކުޅޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އަންނަނީ ކުޓީނިއޯ އަށް ހަތަރު ވަނަ ބިޑެއް ކުރަން ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް ކުޓީނިއޯގެ ވިސްނުން މިހާރު ވަނީ ބަދަލުވެފައި ކަމަށާއި ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު ކުޓީނިއޯ ލިވަޕޫލުގެ މެޗުތަކުން ފެންނާނެ ކަމަށް ކުޓީނިއޯގެ އޭޖެންޓާ ހަވާލާދީ ބްރެޒިލް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ކްލޮޕް ބުނީ ކުޓީނިއޯ މި ވަގުތު ޓީމާ އެކު ނެތް ނަމަވެސް އޭނާ އަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
"އަހަރެންނާ އޭނާ (ކުޓީނިއޯ)އާ އެއްވެސް މައްސަލައެއް ނެތް. މި ވަގުތު އޭނާ ޓީމާ އެކު ނެތް ނަމަވެސް ޕްރެކްޓިހުގައި ބައިވެރިވާން ފެށުމާ އެކު އޭނާ އަށް ފުރުސަތު ދިނުމާ މެދު ދެ ވަނަ ވިސްނުމެއް ނެތް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލާއި ހޮފެންހައިމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ. ހޮފެންހައިމް މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފައިނުވާއިރު، ޔޫރަޕް މުބާރާތެއްގައި ޖަރުމަނު ޓީމެއް އަތުން ލިވަޕޫލް ކަޓާފައިނުވެ އެވެ.
ލިވަޕޫލް ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިނަމަ މި ފަހަރުގެ ޗެެމްޕިއަންސް ލީގުގައި އިނގިރޭސި ފަސް ކްލަބް ވާދަކުރާނެ އެވެ. އެއީ އެ ޓީމުގެ އިތުރުން ޗެލްސީ، މެންޗެސްޓާ ސިޓީ، ޓޮޓެންހަމް، މެންޗެސްޓާ ޔުނައިޓެޑް އެވެ.