24 އޯގަސްޓް 2017 - 05:48

ފޯބްސް މަޖައްލާއިން ހޮވާ އެކްޓަރުންގެ އާމްދަނީގެ ލިސްޓުގެ ގަދަ 10 ގައި ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ޝާހްރުކް ޚާނާއި ސަލްމާން ޚާން އަދި އަކްޝޭ ކުމާރު ހިމެނިއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު ފޯބްސް އިން އިއުލާން ކުރި މި ލިސްޓުގައި ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ޝާހްރުކް ޚާނެވެ. އޭނާއަށް ލިބިފައިވަނީ އަށް ވަނަ އެވެ. ސަލްމާނަށް ނުވަ ވަނަ އަދި އަކްޝޭ އަށް 10 ވަނަ އެވެ.
ޝާހްރުކަށް މިއަހަރު 38 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. "ޓިއުބުލައިޓް"ގެ ބަތަލު ސަލްމާން ޚާނަށް 37 މިލިއަން ޑޮލަރު މިއަހަރު ލިބޭނެ ކަމަށް ލަފާ ކޮށްފައި ވާއިރު އަކްޝޭ އަށް 35.5 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފޯބްސްގައިވާ ގޮތުން އެންމެ ގަދަ 10 ވަނައިގައި އުޅޭ 10 އެކްޓަރުންނަށް 488.5 މިލިއަން ޑޮލަރު މިއަހަރު ލިބޭއިރު އެންމެ ގަދަ 10 ވަނައިގައި ހިމެނޭ 10 ބަތަލާއިންނަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ އެންމެ 172.5 މިލިއަން ޑޮލަރެވެ. މިއީ ބަތަލުންނަށް ލިބޭ ވަރަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ ދަށް އަދަދެކެވެ.
މިިދިޔަ އަހަރުގެ ޖޫން އިން މިއަހަރުގެ ޖޫން އަށް 20 މިލިއަން ޑޮލަރު ހޯދިފައިވަނީ ވެސް އެންމެ ތިން ބަތަލާއިންނަށެވެ. ނަމަވެސް 16 ބަތަލުންނަށް 20 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބެ އެވެ.
ކުރީ އަހަރު މި ލިސްޓުގެ އެއްވަނައިގައި އޮތް ޑުވޭން ޖޯންސަން އަށް މިފަހަރު ލިބުނީ ދެވަނަ އެވެ. އޭނާއަށް 2017 ގައި ލިިބޭނެކަމަށް ލަފާ ކޮށްފައިވަނީ 65 މިލިއަން ޑޮލަރެވެ. އެކްޓަރު ވިން ޑީސަލް އަށް 54.5 މިލިއަން ޑޮލަރު ލިބޭއިރު އެކްޓަރު އެޑަމް ސެންޑްލާ އަށް 50.5 މިލިއަން ޑޮލަރު އަދި ޖެކީ ޗެން އަށް 49 މިލިއަން ޑޮލަރު ލިބޭނެކަމަށް އަންދާޒާ ކޮށްފައި ވެއެވެ. މި ލިސްޓުން މި ތިން އެކްޓަރުންނަށް ލިބިފައިވަނީ ތިން ވަނަ ހަތަރުވަނަ އަދި ފަސް ވަނަ އެވެ.
ހަވަނައިގައި އޮތީ "އަޔަން މޭން" ގެ ތަރި ރޮބަޓް ޑޯނީ ޖޫނިއާ އެވެ. އަދި ހަތް ވަނައިގައި ޓޮމް ކްރޫޒް އެވެ. ބާކީ އޮތް ތިން ވަނަ ކަމަށްވާ އަށް ވަނަ ނުވަ ވަނަ އަދި 10 ވަނައިގައި ބޮލީވުޑް ބަތަލުންނެވެ.
ބަތަލާއިންގެ ލިސްޓުގެ އެއްވަނައިގައި އޮތީ ހޮލީވުޑް ބަތަލާ އެމާ ސްޓޯންސް އެވެ. އެމާއަށް 26 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އަންހެން ފިރިހެން ދެބައި އެއްކޮށް ލިސްޓު ކުރުމުން އެމާ އަށް ލިބެނީ 15 ވަނަ އެވެ. ބޮލީވުޑް އެއްވެސް ބަތަލާއަކު މި ލިސްޓުގައި ހިމެނިފައެއް ނުވެ އެވެ.