24 އޯގަސްޓް 2017 - 05:51

ވަރިކޮށްފީމޭ ތިން ފަހަރަށް ބުނެ މުޅި އުމުރަށް އަނބިމީހާ ވަރި ކުރެވޭ ގޮތަށް އޮންނަ އޮތުން އިންޑިޔާގެ ސުޕްރީމް ކޯޓުން މިހާރު ވަނީ ބާތިލް ކޮށްފަ އެވެ. ތިންފަށް ވަރިން ވަރިކުރުމުގެ ސަބަބުން ހިތްހަލާކުވެ ބޮލީވުޑްގެ ބަތަލާއިންގެ ތެރޭގައި ކުރީގެ މަޝްހޫރު ތަރި މީނާ ކުމާރީ ހިމެނެ އެވެ.
މީނާ ކުމާރީގެ ހަޔާތަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު ސުވާލެކެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާގެ ހަޔާތުގައި ދިމާވި ހާދިސާތަކުގެ ހަގީގަތް އެއްވެސް މީހަކަށް ނޭނގެ އެވެ. އޭނާގެ "ޓްރެޖެޑީ ކުއީން"ގެ ނަމުން ނަން ދީފައިވަނީ ފިލްމުތަކުގައި ކުޅެފައިވާ ހިތާމަވެރި ރޯލުތަކުންނެއް ނޫނެވެ. އޭނާގެ ހަޔާތުގައި ދިމާވި ތަފާތު އެތައް ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ވެސް މެއެވެ.
މިގޮތުން މީނާއަށް އެންމެ ބޮޑު ހިތާމައެއް ލިބުނު އެއް ކަމަކަށްވީ އޭރުގެ ވަރަށް މަޝްހޫރު ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ކަމާލް އަމްރޯހީ ދެކެ އޭނާއަށް ވެވުނު ލޯތްބެވެ. މީނާ އެކަންޏެއް ނޫނެވެ. ކަމާލް އަމްރޯހީ ވެސް މީނާ ދެކެ އިންތިހާއަށް ލޯބިވި އެވެ. އަދި ދެ މީހުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ކައިވެނި ވެސް ކުރި އެވެ. ނަމަވެސް ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ ދެ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އިތުރުވެގެން ގޮސް އެއްފަހަރަކު އައި ރުޅީގައި ކަމާލް ވަނީ ތިން ފަށް ވަރިއަކުން މީނާ ވަރިކޮށްފަ އެވެ.
އެ ދުވަސްވަރުގެ ނޫސް މަޖައްލާތަކުގައިވާ ރިޕޯޓުތަކުގައިވާ ގޮތުން ކަމާލް ވަރިކުރުން ވެގެން ދިޔައީ މީނާގެ ހިތް ކުދިކުދިވެ ޑިޕްރެޝަންގެ ޝިކާރައަކަށް ވީ ކަމަކަށެވެ.
ރުޅީގައި ވަރި ކުރެވުުނު ނަމަވެސް އޭނާއަށް މި ހެދުނު ބޮޑު ގޯސް ކަމާލް އަށް ވިސްނުނެވެ. އޭނާގެ އަތުން ޖަވާހިރެއް ފަދަ އަންބެއް ބީވެގެން ދިއުމުގެ ހިތާމަ ކަމާލް ވެސް ކުރި އެވެ. ނަމަވެސް އޭރު އިންޑިޔާގައި އަމަލުކުރަމުންދިޔަ ކައިވެނީގެ ގާނޫނުތަކުގެ ދަށުން ތިން ފަހަރަށް ވަރި ކޮށްފީމޭ ބުނެ ވަރިކޮށްފި ނަމަ ދެން އަލުން އެމީހަކާ ކައިވެންޏެއް ނުކުރެވެ އެވެ. އެހެންވެ ދެން އިންޑިއާގައި އޭރު އަމަލު ކުރަމުންދިޔަ އުސޫލުތަކުގެ ދަށުން މީނާއަށް ދެން ޖެހެނީ ހަލާލާ ނިކާހް ނުވަތަ ފަށް ކަނޑަން އެހެން މީހަކާ ކައިވެނި ކުރާށެވެ.
މިކަން ކޮށްގެން ވެސް މީނާއާ އަލުން ކައިވެނި ކުރަން ކަމާލް ބޭނުންވި އެވެ. އެހެންވެ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އަމާނުއްލާ ޚާން (ޒީނަތު އަމަންގެ ބައްޕަ) ގެ ކިބައިން މިކަން ކޮށްދޭން އެދުނެވެ. މީނާއާ ކައިވެނިކޮށް މަހެއް ވުމުން އޭނާ ވަރިކުރާ ގޮތަށެވެ. ނަމަވެސް މީނާގެ ބަލި ހާލު ގޯސްވެގެން މިކަން ވެސް ކުރެވޭ ގޮތް ނުވީ އެވެ.
ކަމާލް ވަކިވުމުގެ ހިތާމައިގެ ތެރޭ ބަނގުރަލުގެ ޝިކާރައަކަށް މީނާ ވެގެން ދިޔަ އެވެ. ނަތީޖާ އަކީ ފުރަމެއަށް ޖެހުނު ނުރައްކާތެރި ބައްޔެއްގައި 1972 ގައި މީނާ މަރުވީ އެވެ. އޭރު އޭނާގެ އުމުރުން 38 އަހަރެވެ.