23 އޯގަސްޓް 2017 - 10:38

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި އަންނަ މަހު 5 ވަނަ ދުވަހު އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން، މެޑިކަލް ޓެސްޓްތަކަށް ފަހު މާޒިޔާގެ އަސަދުﷲ އަބްދުﷲ ބާކީކޮށް، ނިއު ރޭޑިއަންޓްގެ އަލީ އަޝްފާގު (ދަގަނޑޭ) ޓީމުގައި ހިމަނަން ނިންމައިފި އެވެ.
އުރީދޫ ދުވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި އަސަދުﷲ ގެ ކަކުލަށް އަނިޔާވެފައިވަނިކޮށް އޭނާ ގައުމީ ސްކޮޑުގައި ހިމެނީ އިތުރު ޓެސްޓްތައް ހެދުމަށެވެ. އެހެން ނަމަވެސް އޭނާގެ މެޑިކަލް ޓެސްޓްތަކުން ފިޓް ނޫން ކަމަށް ދައްކާތީ އެފްއޭއެމްގެ މެޑިކަލް ޓީމުން ވަނީ ގައުމީ ސްކޮޑުން އޭނާ ބާކީކުރަން އަންގައިފަ އެވެ.
ދަގަނޑޭގެ ކަކުލަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނަށް ފަހު އެނބުރި އައިސް އޭނާ ވަނީ ޕްރިމިއާ ލީގުގައި ނިއު އަށް ތިން މެޗު ކުޅެދީ ދެ ގޯލް ޖަހައިދީފަ އެވެ. އެކަމަކު އަދިވެސް އޭނާގެ ފިޓްނަސް ސަތޭކަ ޕަސެންޓެއް ނުވާތީ ގައުމީ ޓީމަށް ނެގުމުގެ ކުރިން ފިޓްނަސް ޓެސްޓް ހަދަން އެފްއޭއެމުން ނިންމި އެވެ. އަދި ޓެސްޓްތަކަށް ފަހު ދަގަނޑޭ ފިޓްކަމަށް އެފްއޭއެމްގެ މެޑިކަލް ޓީމުން އަންގާފައިވާތީ އޭނާ ޓީމުގައި ވަނީ ހިމަނައިފަ އެވެ.
ދަގަނޑޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ ލެގުގައި ލާއޮސް އަތުން 4-0 އިން މޮޅުވި މެޗުގަ އެވެ. އޭގެ ފަހުން އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ފަލަސްތީނު އަތުން ބަލިވި މެޗާއި ބޫޓާން އަތުން މޮޅުވި މެޗުގައި އޭނާ ނުކުޅެ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ފަލަސްތީން އަތުން މާލޭގައި 2-0 އިން ބަލިވިއިރު ރަށުން ބޭރުގައި ބޫޓާން އަތުން މޮޅުވީ 1-0 އިންނެވެ.
މާޒިޔާ: އަމްދާން އަލީ (އެންޑީ)، މުހައްމަދު އިރުފާން، އަޝްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، ސަމޫހު އަލީ (ސަމުއްޓެ)، އިސްމާއިލް އީސާ.
ނިއު ރޭޑިއަންޓް: މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަކްރަމް އަބްދުލްގަނީ، ރިލްވާން ވަހީދު (ރިލޭ). އަބްދުﷲ ޒިޔަޒަން. އަލީ އަޝްފާގު (ދަގަނޑޭ)
ޓީސީ ސްޕޯޓްސް ކްލަބް: ހަސަން ނާއިޒް (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ). އަހުމަދު ޒާދު.
ގދ. ތިނަދޫ: އިމްރާން ނަޝީދު، އަހުމަދު ރިޒްވާން (ރިޒޭ).
ށ. މިލަންދޫ: މުހައްމަދު އިމްރާން.
ކްލަބް ގްރީން ސްޓްރީޓްސް: އަހުމަދު ރަޝީދު (އައްމަޑޭ). ޝާފިއު އަހުމަދު (ޝާފީ)