އޮފީހަށްދާ ފުރަތަމަ ދުވަހު ލާނީ ކޮންކަހަލަ ހެދުމެއް؟
އޮފީހަށްދާ ފުރަތަމަ ދުވަހު ލާނީ ކޮންކަހަލަ ހެދުމެއް؟

ކޮންމެ މުނާސަބަތަކަށް ވެސް ހެދުން ލާންޖެހޭ ވަކި ސްޓައިލެއް އަދި ވައްޓަފާޅިއެއް އޮވެ އެވެ. ޕާޓީ އަކަށް ދާއިރު ހެދުން ލައި ސްޓައިލްކުރާނީ ގޭތެރޭގައި އުޅޭއިރު ހެދުން އަޅާ ގޮތަކަށެއް ނޫނެވެ. ހަމަ އެގޮތަށް، އޮފީހަށް ދާއިރު ހެދުން ލާންވާނީ ޕާޓީއަކަށް ތައްޔާރުވާ ގޮތަކަށް ވެސް ނޫނެވެ.

އޮފީހަށްދާ ފުރަތަމަ ދުވަހު ލާނީ ކޮންކަހަލަ ހެދުމެއް؟
އޮފީހަށްދާ ފުރަތަމަ ދުވަހު ލާނީ ކޮންކަހަލަ ހެދުމެއް؟

އޮފީހަށް ދާއިރު ހެދުން އަޅާ ވަކި ގޮތެއް އޮންނައިރު؛ އޮފީހުގެ ފުރަތަމަ ދުވަހަކީ ވަރަށް މުހިއްމު އަދި ހާއްސަ ދުވަހެކެވެ. މުޅިން އާ ތަނަކަށް އާ މީހުންނާ ބައްދަލުވާއިރު، ތިމާ ހުށަހަޅައިދޭ ގޮތް ވަރަށް މުހިއްމެވެ. ލާނެ އެއްޗެއް ނޭނގޭ ނަމަ ހާސް ނުވާށެވެ. މި ފަސް ކަންތައްތަކަށް ސަމާލުވުމުން އޮފީހުގެ ފުރަތަމަ ދުވަހަކީ ވަރަށް "ސްޓައިލިޝް" ދުވަހަކަށް ވާނެކަން ޔަގީނެވެ.

ކްލެސިކް ހެދުމަކީ ކޮބާހެއްޔެވެ؟ އެއީ އާއްމުކޮށް ކޮންމެ މުނާސަބަތަކަށް އަދި ކޮންމެ ޒަމާނަކަށް ގުޅޭ ހެދުމެވެ. މިސާލަކަށް ހުދު ގަމީހެއް، ފަޓުލޫނެއް ނުވަތަ ޕެންސިލް ސްކާޓެކެވެ. ނަމަވެސް މިބާވަތުގެ ހެދުންތައް ގަޔަށް ހެޔޮވަރުކޮށް ފުރިހަމަކޮށް ފަހާފައި ހުންނަންޖެހޭނެ އެވެ. ވީމާ، މާ ބޮޑަށް ދޫ ފަޓުލޫނެއް ނުވަތަ ގަމީހެއް ލުމުން ދުރުވާށެވެ.

އާދަޔާ ހިލާފު ޑިޒައިނަކަށް ހުންނަ ހެދުން ނުވަތަ ގަދަޔަށް ވިދާ ޓޮޕެއް ލުމަކީ އޮފީހަށް ދާން، ހާއްސަކޮށް އޮފީހުގެ ފުރަތަމަ ދުވަހަށް އެކަށީގެންވާ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ވީހާ ވެސް ސިމްޕަލް އަދި ސާދާ ކުލަތަކުން މައްޗާއި ތިރި ގުޅުވާލައިގެން ލާށެވެ. ނިއުޓްރަލް ކުލަތައް ކަމަށްވާ އަޅި، ހުދު، ކަޅު، ކްރީމް އަދި މުށި ކުލަ އަށް އިސްކަން ދޭށެވެ.

ހެޔޮވަރު ބޫޓަކަށް އަރަން ސަމާލުވާށެވެ. ހެދުމުގެ ކުލަތައް ސިމްޕަލްކޮށް ބެހެއްޓުމަށް ފަހު ތަފާތު ކުލައެއްގެ ނުވަތަ ޑިޒައިނެއްގެ ބޫޓަކަށް އަރާލުމުން ވަރަށް ޒަމާނީ ސްޓައިލަކަށް ވާނެ އެވެ. ބޫޓު، އަތް ދަބަސް ނުވަތަ ގަހަނާ ފަދަ އެކްސެސަރީޒް ބޭނުންކޮށްގެން ތަފާތު ކުލަތައް ހެދުމުގެ ސްޓައިލާ އެކު ގުޅުވާލެވިދާނެ އެވެ.

ހެދުން އަޅާ ސްޓައިލްގެ އިތުރުން ތިމާގެ އިސްތަށިގަނޑާއި މޭކަޕް ރީތިކޮށް އެ މުނާސަބަތަކާ ގުޅޭގޮތަށް ސްޓައިލް ކުރަން އިސްކަންދޭންވާނެ އެވެ. އިސްތަށިގަނޑު ސިމްޕަލް ސްޓައިލަކަށް ބަހައްޓަންވާނެ އެވެ. މޭކަޕް ޖައްސަން ވާނީ ޕާޓީއަކަށް ދާ ގޮތަކަށެއް ނޫނެވެ. ނުވަތަ ގަދަ ރަތް ދަނބު ފަދަ ކުލަތައް ބޭނުންނުކޮށް ވީހާ ވެސް ހަމުގެ ކުލައާ އެއްގޮތް ކުލަތައް ބޭނުންކޮށްގެން މޭކަޕް ކޮށްލާށެވެ.

ތިމާ ހުށަހަޅައިދޭ ސިފަ ފުރިހަމަވަނީ ހަމައެކަނި ލައި ކުލައަކުން ނުވަތަ އެއްޗަކުން އެކަންޏެއް ނޫނެވެ. ހެދުން ސާފުކޮށް އިސްތިރިކޮށްފައި ބަހައްޓަން އިސްކަން ދޭންވާނެ އެވެ. އަދި އޮފުކޮށްފައިވާ ސާފު ބޫޓަކަށް އަރާށެވެ.

މިހުރިހާ ކަމަކަށްވުރެ އެންމެ މުހިއްމީ ތިމާ ހެދުން ލައިގެން އުޅޭ ވައްޓަފާޅި އެެވެ. ކެރިގެން ކޮންމެ ކަމަކާ ވެސް ކުރިމަތިލާންވާނެ އެވެ. އަދި ބޮޑާކަމާއި ކިބުރުވެރި މިޒާޖެއްގެ ބަދަލުގައި އޯގާވެރި އެކުވެރި މަސައްކަތްތެރި ފަހުލަވާނެއް ގޮތަށް އޮފީހުގައި އުޅެން މަސައްކަތް ކުރަންވާނެ އެވެ.