23 އޯގަސްޓް 2017 - 00:03

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ލިއުނު ހުކުމް، އިދިކޮޅު ހަތަރު ލީޑަރުންނަށް އެނގުނު ގޮތެއް ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ސުޕްރީމް ކޯޓުން ހުކުމް ލިއުނު ގޮތް އެނގޭ ކަމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ސުޕްރީމް ކޯޓު ކައިރިއަށް ވަޑައިގެން އިއްޔެ ވިދާޅުވެފައިވާ ކަމަށެވެ. ކޯޓުން ލިއުނު ހުކުމެއް އިދިކޮޅު ލީޑަރުންނަށް އެނގިވަޑައިގަތުމަކީ ފަނޑިޔާރުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަކީ ކޮބައިތޯ؟ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ލިއެފައި އޮތް ހުކުމެއް މި ތިއްބެވި [އިދިކޮޅު] ހަތަރު ލީޑަރުންނަށް އެނގެންވީ ކޮން ސަބަބަކާ ހުރެތޯ؟ އެއީ ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވުމެއް ނޫންތޯ؟" މޫސަ ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވުމުގެ ބާރެއް އެއްވެސް ސިޔާސީ ޕާޓީއަކަށް ލިބިގެނެއް ނުވެ އެވެ. ގާނޫނުއަސާސީ އަށް އިހްތިރާމްކުރުމަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމާ، އޭނާ ގުޅިވަޑައިގަތީ އެއީ ރާއްޖޭގައި މިހާރު އޮތް އެންމެ ޑިމޮކްރެޓިކް ޕާޓީއަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ. މިސާލެއް ދައްކަވަަމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވީ އެމްޑީޕީގެ ހުރިހާ މަގާމަކީ ވެސް ނަޝީދު ކަމަށެވެ. އެމަނިކުފާނަށް ދެން މި ގައުމަށް ވަޑައިނުގެންނެވޭނެ ކަމަށާއި ހުންނަވަން ޖެހިވަޑައިގަންނަވާނީ ސްރީ ލަންކާގައި ކަމަށް ވެސް ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު "އެއްލަކިން" ރައީސް އަބްދުﷲ ޔާމީން ކާމިޔާބުކުރައްވާނެ އެވެ. އެކަމަށްޓަކައި ޕީޕީއެމުގެ ސަފުތައް ރަށްރަށުގައި ވެސް ރުކުރުވާލާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިދިކޮޅު ސިޔާސީ ލީޑަރުންނަށް މޫސަ ފާޑުވިދާޅުވިއިރު، ހުކުމް ލަސްވާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ހުކުމް ލަސްވާ ކޮންމެ ދުވަހަކީ މެމްބަރުންތަކެއްގެ ހައްގު ގެއްލި ރައްޔިތުންގެ މަސްލަހަތު ގެއްލިގެންދާ ކަމެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.