ޓީޓީގެ އާ ރައީސްގެ ބަސް: "މިއީ އެއް އާއިލާއެއް"
ޓީޓީގެ އާ ރައީސްގެ ބަސް: "މިއީ އެއް އާއިލާއެއް"

ރާއްޖޭގެ ޓޭބަލް ޓެނިސް އާއިލާ އޮތީ ވަރަށް އެކުވެރިކޮށް ކަމަށާއި މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ރޭ އިންތިހާބުވެވަޑައިގެން ޒުވާން ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.

ޓީޓީގެ އާ ރައީސްގެ ބަސް: "މިއީ އެއް އާއިލާއެއް"
ޓީޓީގެ އާ ރައީސްގެ ބަސް: "މިއީ އެއް އާއިލާއެއް"

ހުރިހާ މަގާމަކަށް ވެސް އެންމެ ކެންޑިޑޭޓެއް ކުރިމަތިލާފައި އޮތުމުން، ރޭގެ އިންތިހާބުގައި ފެންނަ ނުފެންނަ ވޯޓެއް ނެގިއިރު، ނައިބް ރައީސަކަށް އިންތިހާބުވެވަޑައިގަތީ ޒުލައިޚާ އިބްރާހިމެވެ. ހަޒާންދާރަކަށް އިންތިހާބުވީ އަހުމަދު ޝާޒިލެވެ. ކުޅުންތެރިންގެ ފަރާތުން ފިރިހެން މެމްބަރަކަށް ކުރީގެ އެއް ވަނަ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އަދި އަންހެން މެމްބަރަކަށް އައިޝަތު ނިޝާ ހޮވުނުއިރު ބެލެނެވެރިންގެ ފަރާތުން އެކްސްކޯ އަށް ހޮވުނީ އިބްރާހިމް ލަތީފެވެ. އަދި ކްލަބްތަކުގެ މެމްބަރުގެ މަގާމަށް ހޮވުނީ މަޝްހޫރު ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ އެވެ.

ކުރީގެ ކުޅުންތެރިޔާ އައްޔަ ވިދާޅުވީ އެހެން ކުޅިވަރާތަކާ ހިލާފަށް ޓޭބަލް ޓެނިހުގައި ދެ ފަޅިއެއް އެއް ނެތް ކަމަށާއި މިއީ ބޮޑު އެއް އާއިލާއެއް ކަމަށެވެ.

"އަޅުގަނޑުމެން އެއްމެން އެއްކޮށް މިތިބީ. އޭގެ ސަބަބުން ވަރަށް ފަސޭހަވެގެންދާނެ ކުރިއަށްދާން. އެހެން ގިނަ ކުޅިވަރަތާ ހިލާފަށް މި ކުޅިވަރުގައި ނެތް އެއްވެސް ބައިބައިވުމެއް،" އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަން އަދި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސޯސިއޭޝަން ހިންގާނީ އެންމެންގެ ހިޔާލާ އެއްގޮތަށް ކަމަށާއި ކޮންމެ މީހެއްގެ ހިޔާލާއި ލަފާ ވެސް އެސޯސިއޭޝަނަށް ހުށަހެޅޭނެ ކަމަށެވެ.

އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުން ހުއްޓާލީއްސުރެ އެސޯސިއޭޝަނަށް ހިދުމަތްކުރަމުންނެވެ. އެގޮތުން 2006 އިން 2008 އަށް އިދާރީ މަސައްކަތްތައް ކުރިއިރު 2008 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ނައިބް ރައީސެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ މުޅި ރާއްޖެ އަށް ޓީޓީ ފަތުރާލުން ކަމަށާއި ބަޖެޓް ހަދައި އަންނަ އަހަރަށް ރަނގަޅު ޕްލޭނެއް އެކުލަވާލާނެ ކަމަށެވެ.

"މި ކުޅިވަރު މިހާރަށް ވުރެ ބޮޑަށް ޑިވެލޮޕްކުރުން އެއީ އަޅުގަނޑުގެ އަމާޒު. އެގޮތުން މުޅި ރާއްޖެ އަށް މި ކުޅިވަރު ފަތުރާލައި، ރަށްރަށުގައި ޓީޓީގެ ހަރަކާތްތައް ފުޅާކުރާނަން. މީގެ އިތުރުން ގައުމީ ޓީމު ވަރުގަދަކޮށް އަދި ވައިޑީޕީގެ ފެންވަރު ވެސް ރަނގަޅުކުރާނަން،" އައްޔަ ވިދާޅުވި އެވެ.