އެކްސިޑެންޓްތަކާ ގުޅިގެން އެމެރިކާގެ ކަނޑުގެ ސިފައިން "ހުއްޓުމަކަށް"
އެކްސިޑެންޓްތަކާ ގުޅިގެން އެމެރިކާގެ ކަނޑުގެ ސިފައިން "ހުއްޓުމަކަށް"

ވޮޝިންޓަން (އޮގަސްޓް 22) - އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް ދިމާވާ އެކްސިޑެންޓްތަކާ ގުޅިގެން ފްލީޓަށް "އޮޕަރޭޝަނަލް ހުއްޓުމެއް" ގެންނަން ނިންމައިފި އެވެ.

އެންމެ ފަހުން ހިނގި އެކްސިޑެންޓުގައި މަލަކާ ކަނޑުއޮޅިން ސިންގަޕޫރު ކައިރީގައި ޔޫއެސްއެސް ޖޯން އެސް މެކޭން މަނަވަރު ތެޔޮ ޓޭންކަރެއްގައި ޖެހި އެމެރިކާ ސިފައިންގެ ތެރޭން 10 މީހުން ވަނީ ގެއްލިފަ އެވެ. އަދި ފަސް މީހުން ވަނީ ޒަޚަމްވެފަ އެވެ. މިއީ އަހަރެއް ތެރޭ އެމެރިކާގެ މަނަވަރުތަކަށް ކުރިމަތިވި ހަތަރު ވަނަ އެކްސިޑެންޓެވެ. އަދި ދެ މަސް ތެރޭ ކުރިމަތިވި ދެ ވަނަ އެކްސިޑެންޓެވެ.

ހޯމަ ދުވަހު ހިނގި އެކްސިޑެންޓާ ގުޅިގެން އެމެރިކާގެ ޕެސިފިކް ފްލީޓް އެކުގައި "ޗެކް ކުރުމުގެ" މަސައްކަތް ވަނީ ފަށައިފަ އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ޗީފް އޮޕަރޭޝަންސް އެޑްމިރަލް ޖޯން ރިޗަޑްސަން ވިދާޅުވީ އެކްސިޑެންޓްތައް ހިނގާ ސަބަބު ހޯދަން އޮޕަރޭޝަންތަކަށް މަޑުޖެހުމެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

މީގެ ދެ މަސްކުރިން ވަނީ ޖަޕާން ކަނޑު ތެރޭން އެމެރިކާގެ މަނަވަރެއް ކޮންޓެއިނާ ބޯޓެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އެމެރިކާ ސިފައިންގެ ހަތް މީހުން ވަނީ މަރުވެފަ އެވެ. މެއި މަހު ވަނީ އެމެރިކާގެ މަނަވަރެއް ސައުތު ކޮރެއާގެ މަސްވެރި އުޅަނދެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފަ އެވެ. އަދި މިދިޔަ އޮގަސްޓް މަހު ވަނީ އެމެރިކާގެ ސަބްމެރިންއެއް ސަޕޯޓް އުޅަނދެއްގައި ޖެހިފަ އެވެ.