22 އޯގަސްޓް 2017 - 14:20

ށ. މިލަންދޫ ޓީމުގެ ކޯޗު މުހައްމަދު ނާސިރުގެ ރޭވުންތެރިކަމާއި އެ ޓީމުގެ ކުޅުންތެރިންގެ ކުޅުމަށް ތައުރީފް ހައްގު ކަމަށާއި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މިލަންދޫ އަތުން ފުރަތަމަ މެޗުން 2-1 އިން ގްރީންސްޓްރީޓްސް މޮޅުވީ ފަހު ވަގުތެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުން ގަދަފަދަ މާޒިޔާ އަށް ވެސް އެ ޓީމު އަތުން މޮޅުވެވުނީ 1-0 އިން އެހާމެ އުނދަގުލުންނެވެ. މި މެޗުތަކަށް މިލަންދޫ ނުކުތީ ވެސް ކުޅޭނީ ދިފާއީ ގޭމެއް ކަމަށް ބުނަމުންނެވެ. ދެ މެޗުގައި ވެސް އެ ޓީމުން ވަނީ މޮޅު ޑިފެންސިވް ގޭމެއް ކުޅެފަ އެވެ.
މިލަންދޫގެ ކޯޗު ނާސިރަކީ ރާއްޖޭގައި އުފެދުނު މޮޅު ޑިފެންޑަރެވެ. ގައުމީ ފުޓްބޯޅަ ޓީމުން 2004 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ގަދަފަދަ ދެކުނު ކޮރެއާއާ 0-0 އިން އެއްވަރުވި މެޗުގައި އޭނާ ގައުމީ ޓީމުގެ ފަހަތް ބެލެހެއްޓި އެވެ. އަދި ނިއު ރޭޑިއަންޓުން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި މެދުއިރުމަތީގެ ޓީމުތައް ބަލިކޮށް ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އިރު އޭނާ ވަނީ އެ ޓީމުގެ ދިފާއުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
"މިލަންދޫގެ ކުޅުންތެރިންނާއި ކޯޗު ނާސިރަށް ތައުރީފް ހައްގު. މާޒިޔާ މެޗުގައި އެ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތާއި ކުރި ހިތްވަރު ފެނުނު. އެހެންވެ މި މެޗުގައި ޓީސީން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ. މިލަންދޫ އަކީ ސަމާސާ ޓީމެއް ނޫންކަން ސާބިތުކޮށްދީފި،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ މާޒިޔާ މެޗުގައި މިލަންދޫ އިން ކުޅުނީ ވަރަށް ވަރުގަދަ ޑިފެންސިވް ގޭމެއް ކަމަށާއި އެ ޓީމަށް ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްވިޔަކަ ނުދިން ކަމަށެވެ. އަދި އެގޮތަށް ކޮމްޕެކްޓްކޮށް ޓީމު ހިފަހައްޓާލެވޭނީ ކޯޗުގެ ރޭވުންތެރިކަން ރަނގަޅުވެ ކުޅުންތެރިންގެ ޑިސިޕްލިން ރަނގަޅުވެގެންކަން ވެސް ނިޒާމްބެ ފާހަގަކުރި އެވެ.
"މި މެޗުގައި ޓީސީ އަށް ސްކޯކުރަން އުނދަގޫވާނެ. އަނެއްކޮޅުން މާޒިޔާ މެޗުގައި މިލަންދޫ އިން އެޓޭކް ވެސް ކުރި. ކައުންޓާ އެޓޭކިން ގޭމެއް ކުޅުނީ. އެއީ ވަރަށް ވިސްނަން ޖެހޭ ކަމެއް ހައިލީ ޑިފެންސިވް ޓީމުތަކާ ދެކޮޅާށް ކުޅޭއިރު،" ނިޒާމްބެ ބުންޏެވެ.
ފުރަތަމަ މެޗުން ނިއު އަތުން 3-1 އިން ބަލިވި ނަމަވެސް ޓީސީ ވަނީ ޖެހިގެން އައި މެޗުން ދ. ކުޑަހުވަދޫ އަތުން 6-1 އިން މޮޅުވެފަ އެވެ. އަދި އެންމެ ފަހުން ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިފަ އެވެ. ނިޒާމްބެ ބުނީ ބްރޭކަކާ ދިމާލަށްދާއިރު މޮޅެއް ލިބިފައި އޮތުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެކަމަށް މަސައްކަތްކުރާނެ ކަމަށެވެ.
ނާސިރު ބުނީ މި މެޗަށް ނުކުންނައިރު އަމާޒަކީ މޮޅެއް ހޯދުން ކަމަށާއި އެކަމަކު ޓީސީއާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވާނެ ކަމަށެވެ.
"ޓީސީގައި މިތިބީ ވަރަށް ހަލުވި އެޓޭކިން ކުޅުންތެރިންތަކެއް. ޓީސީން ކުޅެނީ ވެސް ވަރަށް އަވަސް ގޭމެއް. އެހެންވެ މި މެޗު މާޒިޔާ މެޗާ ވަރަށް ތަފާތުވާނެ. ޓީސީ ހުއްޓުވާނެ ގޮތެއް އަޅުގަނޑުމެން ރާވަން ޖެހޭނެ. މި މެޗުގައި އަޅުގަނޑުމެން ނުކުންނާނީ ތަފާތު ގޭމްޕްލޭނަކާ އެކު،" ނާސިރު ބުންޏެވެ.
ނާސިރު ވަނީ ނިޒާމްބެ ކޯޗުކަމުގެ ދަށުން 2009 ވަނަ އަހަރު ކ. ކަޅައިދޫ ޓީމަށް ދިވެހި ލީގުގައި ކުޅެފަ އެވެ. ނިޒާމްބެ ބުނީ ނާސިރު ކޯޗިންގެ ތެރެއިން ފެނުމަކީ ލިބޭ އުފަލެއް ކަމަށެވެ. ނާސިރު ވެސް ވަނީ އޭނާ އަށް ކުރިން ކޯޗުކޮށްދިން ކޯޗަކާ ދެކޮޅަށް ނުކުމެވޭތީ މި މެޗު ހާއްސަކަމަށް ބުނެފަ އެވެ.
"ނިޒާމްބެ އަކީ އަޅުގަނޑުގެ ކުރީގެ ކޯޗެއް. އެހެންވެ މި މެޗު ވަރަށް ހާއްސަ. އަނެއްކާ އަޅުގަނޑު ކޯޗިންގެ ތެރެއަށް ވަނުމުން ނިޒާމްބެ ވަރަށް ގިނަ އެއްޗެހި ކިޔައިދީ އެހީތެރިވި. އެކަން ފާހަގަކުރަން،" ނާސިރު ބުންޏެވެ.
މި މެޗު އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ.