ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ނަގިލި އެއްލައިގެން ކުރި ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކައިފި
ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށް ނަގިލި އެއްލައިގެން ކުރި ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކައިފި

ގއ. ހިތަދޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ގަވާއިދާ ހިލާފަށް އުޅަނދެއް ވަން މައްސަލާގައި އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކުރި ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކައިފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ގއ. ހިތާދުއާ އެ ރަށުގެ ފަރަށް އެރި "ކޯގޯ ޖޯޖް ޓައުން"ގެ އޭޖެންޓް އޭޝިޔާ ޕެސިފިކް ސުޕަ ޔޮޓްސް ޖޫރިމަނާކުރީ މިިދިޔަ އޭޕްރީމް މަހުގެ ތެރޭގަ އެވެ. އަދި މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އެ ބަޔާނުގައި ބުނީ އެ އުޅަނދުން ވަނީ ހިތާދޫގެ ފަރުގެ ސަރަހައްދަށް ނަގިލި އެއްލައި އެ ރަށަށް އަރައިފައި ކަމަށެވެ. އަދި އެ މަންޒަރުގެ ފޮޓޯ އާއްމު އެކި ފަރާތްތަކުން އެ އެޖެންސީ އަށް ފޮނުވާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

މީގެ އިތުރުން އެ ރަށަށް ވަދެ ތިމާވެއްޓަށް އެކި ވަރުގެ ގެއްލުންދީފައިވާ ކަމަށް ބުންޏެވެ.

"ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދަށް ރިއާޔަތްކޮށް، "އެމްވައީ ކޯގޯ ޖޯޖްޓައުން" އިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވަނީ މި އެޖެންސީގެ ހުއްދަ ހޯދުމަކާނުލައި ކަމުގައި ވާތީ، އޭޝިއާ ޕެސެފިކް ސުޕަ ޔޮޓްސް ކުންފުނީގެ އެޖެންޓުކަމުގެެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ސުޕަޔޮޓެއް ކަމަށްވާ "އެމްވައީ ކޯގޯ ޖޯޖް ޓައުން ގަވާއިދާ ހިލާފަށް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަން ކަށަވަރުކުރެވުނެވެ،" އީޕީއޭގެ ބަޔާނުގައި ބުންޏެވެ.

ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގާނޫނު ބުުނާ ގޮތުން އެކަމެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު 100 މިލިއަން ރުފިޔާ ނޫން ބޮޑު ނޫން އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރެވޭނެ އެވެ.