22 އޯގަސްޓް 2017 - 14:43

ފާއިތުވި ހަތް މަހުގެ ތެރޭގައި އަމާނާ ތަކަފުލް އަށް ސާފު ފައިދާގެ ގޮތުގައި 4.8 މިލިޔަން ރުފިޔާ ލިބި، ހިއްސާދާރުންނަށް ވެސް ބޮޑު އެއްޗެއް ބަހަން ނިންމައިފި އެވެ.
އަމާނާ ތަކަފުލް އިން ބުނީ މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ފައިދާ މިދިޔަ އަހަރާ އަޅާ ބަލާއިރު 21 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި ފައިދާ އިތުރުވުމުން ކޮންމެ ހިއްސާ އަކަށް މޫނުމަތީ އަގުގެ ފަސް ޕަސެންޓް ބެހުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
ކޮންމެ ހިއްސާ އަކަށް މޫނުމަތީ އަގުގެ ފަސް ޕަސެންޓް ބެހުމަށް ނިންމުމުން، ފައިދާގެ ތެރެއިން ޖުމްލަ 1.3 މިލިޔަން ރުފިޔާ ހިއްސާދާރުންނަށް ބަހާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
"މައިގަނޑު ތަކަފުލް ކްލާސްތަކުން ލިބުނު ކުރިއެރުމާއެކު ކުންފުނީގެ ގްރޮސް ރިޓްން ޕްރީމިއަމް (ޖުމްލަ އާމްދަނީ) ވަނީ ފާހަގަކުރެވޭ ދަރަޖައެއްގައި އިތުރުވެފައި،" 2011 ވަނަ އަހަރު ސްޓޮކް އެކްޗޭންޖްގައި ލިސްޓުކުރި އަމާނާ ތަކަފުލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ބަދަލުގެ ގޮތުގައި މިހާތަނަށް 24.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޫކުރި ނަމަވެސް، ރިސްކް ފަންޑް 27 ޕަސެންޓަށް ކުރި އަރާފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ކުންފުނިން ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހާއި އަޅާ ބަލާއިރު، ރިސްކް ފަންޑް މި އަހަރު ވަނީ 19 ޕަސެންޓް އިތުރުވެފަ އެވެ. ފަންޑް އިތުރުވީ އިންވެސްޓްމަންޓްތަކާއި އެހެނިހެން އާމްދަނީ އިތުރުވެގެން ކަމަށް ވެސް ތަނުން ބުންޏެވެ.
ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ތަކަފުލް ހިދުމަތްދޭ ކުންފުނިން ބުނީ ފައިދާ ބަހާނީ މި މަހުގެ ނިޔަލަށް ހިއްސާ ގަންނަ ފަރާތްތަކަށް ކަމަށެވެ.