މުއްދަތު ހަމަވުމުގެ ކުރިން ޕީޖީން ފޮނުވި މައްސަލަތައް ބައެއް ކޯޓުތަކުން އަނބުރާ ފޮނުވާލައިފި
މުއްދަތު ހަމަވުމުގެ ކުރިން ޕީޖީން ފޮނުވި މައްސަލަތައް ބައެއް ކޯޓުތަކުން އަނބުރާ ފޮނުވާލައިފި

ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބައެއް މައްސަލަތަކުގައި ދައުވާކުރަންޖެހޭ މުއްދަތު މިދިޔަ ހަފުތާގައި ހަމަވުމުގެ ކުރިން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުތަކަަށް ހުށަހެޅި ބައެއް މައްސަލަތައް ކޯޓުތަކުން އަނބުރާ ފޮނުވާލައިފި އެވެ.

މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނު ބުނާގޮތުން އެ ގާނޫނު އައިއިރު ތަހުގީގު ކުރަމުން ދިޔަ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު މިދިޔަ އަންގާރަ ދުވަހުގެ ރޭ މެންދަމު 12 ޖެހުމާ އެކު ހަމަވާނެ އެވެ. ދައުވާ ކުރުމުގެ މުއްދަތު ހަމަވީ ގާނޫނު އައިއިރު ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން ބަންދުން ދޫކޮށްލާފައި ތިބި މީހުންގެ މައްސަލަތަކެވެ.

އެ މުއްދަތު ހަމަވުމުގެ ކުރިން ޕީޖީ އޮފީހުން ވަނީ ދައުވާކުރަންޖެހޭ މީހުންގެ މައްސަލަތައް ކޯޓުތަކަށް ފޮނުވައިފަ އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މައްސަލަތައް އަނބުރާ ފޮނުވާލީ ދައުވާ ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާތީ ކަމަށް ބުނެ އެވެ. ބައެއް ކޯޓުތަކަށް މައްސަލަތައް ފޮނުވީ އީމެއިލް މެދުވެރިކޮށް ކަމަށް ވަނީ އެނގިފަ އެވެ.

އެ މައްސަލަތައް އަނބުރާ ފޮނުވާލީ ކޮން ކޯޓުތަކަކުން ކަމެއް ސާފެއް ނުވެ އެވެ. އެ މައްސަލަތަކުގައި ދެން އަމަލުކުރާނެ ގޮތެއް އަދި ނުނިންމަ އެވެ.

ގާނޫނު އައިއިރު ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން ބަންދުން ދޫކޮށްލާފައި ތިބި މީހުންގެ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު މިދިޔަ ހަފުތާގައި ހަމަވިއިރު ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު މި މަހުގެ ދެވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.