23 އޯގަސްޓް 2017 - 06:29

ދެކުނު އެފްރިކާގައި މީހަކު މަރާލުމަށް ފަހު އޭނާގެ މަސް ކޭ ކަމަށް ޝައްކު ކުރެވިގެން ފުލުހުން ހޯދަމުން ދިޔަ މީހަކު އަމިއްލައަށް ފުލުހުންނާ ހަވާލު ވެއްޖެ އެވެ.
މި މީހާ ފުލުހުންނާ ހަވާލުވާން ދިޔައިރު، ނުކެވި ބާކީ ހުރި އިންސާނެއްގެ ބައިތައް ވެސް ގެންދިޔަ ކަމަށާއި އެއީ މިނިމަސް ކާ މީހާކަށް ސާބިތުކޮށްދޭން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
"އަހަރެން މިހާރު އިންސާނުންގެ މަސް ކައިކައި ގޮސް ވަރުބަލިވެއްޖެ،" އެމީހާ ޕޮލިސް ސްޓޭޝަނަށް ގޮސް ބުނި ކަމަށްވެ އެވެ.
މި މީހާއަކީ ކުރީ ޒަމާނުގެ ގޮތްތައް ބޭނުންކޮށްގެން ބަލި ފަސޭހަ ކޮށްދޭ މީހެއް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ. އަދި މި މީހާ ވަނީ ޒުވާން އަންހެނުން ރޭޕްކޮށް މަރައި އެ މީހުންގެ މަސް ކައިފައި ކަމަށް ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ ނޫނަސް ގިނަ އަދަދެއްގެ ބަޔަކު މަރައިގެން ކައިފައިވާ ކަމަށްވެ އެވެ.
ފުލުހުންނާ ހަވާލުވި އިރު އިންސާނެއްގެ އަތަކާއި ފަޔެއް ވެސް މި މީހާ ފުލުހުންނާ ހަވާލު ކުރި ކަމަށްވެ އެވެ. އަދި އޭނާގެ ގެއަށް ފުލުހުން ގޮވައިގެން ގޮސް އެ ގޭތެރޭގައި ހުރި އިންސާނުންގެ ހަށިތަކުގެ ބައިތަކެއް ވެސް ދެއްކި އެވެ.
އެހިސާބުގަނޑުގައި ހިނގާފައިވާ މީހުން މެރުމުގެ ހާދިސާ ތަކަކާ ގުޅުވައިގެން މި މީހާ ފިޔަވައި އިތުރު ދެ މީހަކު ވެސް ހައްޔަރު ކޮށްފައިވެ އެވެ. އަދި އިންސާނުންގެ މަހާއި ޓިޝޫ ގެންގުޅުމުގެ ކުށުގައި ހަތަރު ވަނަ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.