22 އޯގަސްޓް 2017 - 12:27

ނިއު ދިއްލީ (މެއި 14) - އިންޑިއާގެ މުސްލިމުން ވަރިކުރަން ގެންގުޅޭ އުސާލާ ބެހޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ މެދު މިއަދު ގޮތެއް ނިންމައިފި އެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ 3-2 ގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ މުސްލިމުން ވަރިކުރަން ތިން ފަހަރު ވަރީގެ ލަފުޒް ބޭނުންކުރުމަކީ އިސްލާމީ އުސޫލެއް ނޫން ކަމަށެވެ. މިއީ އަންހެނުންނަށް ލިބުނު ކުރިއެރުމެކެވެ. އިންޑިއާ އަކީ ވަރީގެ ބަސް ތިން ފަހަރު ބުނެގެން ވަރިކުރާ މަދު ގައުމުތަކުގެ ތެރޭން ގައުމެކެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ "ޓްރިޕްލް ތަލާގު (ތިން ފަހަރު ވަރިކުރުން)ގެ މައްސަލަ ކުރިމަތިވި ފަސް އަންހެނަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދެ ޖަމާއަތަކުންނެވެ.
"އިންޑިއާގެ މުސްލިމް އަންހެނުން މި ތަޖްރިބާކުރާތާ 70 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. މިއީ އަންހެނުންނަށް ކާމިޔާބު ލިބުނު ދުވަހެއް. ކޮންމެ ދީނަކަށް އުޅުނު ނަމަވެސް މި މައްސަލަ ކޯޓަށް ހުށަހަޅަން އިންޑިއާގެ ވަރަށް ގިނަ އަންހެނުން ތާއިދުކުރި،" ކޯޓަށް މައްސަލަ ހުށަހެޅި ޖަމާއަތެއް ކަމަށްވާ ބާރަތިޔާ މުސްލިމް މަހިލާ އެންޑޯލަންގެ އެކްޓިވިސްޓް ޒަކިއާ ސުމާން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.
އިންޑިއާގެ ގިނަ އެކްޓިވިސްޓުން ބުނާ ގޮތުގައި ޓްރިޕްލް ތަލާގު ވަނީ އިސްލާމީ ވަރަށް ގިނަ ގައުމުތަކުގައި މަނާކޮށްފަ އެވެ. ވަރީގެ ބަސް ތިން ފަހަރު ބޭނުން ކުރުން ވަނީ ޕާކިސްތާން، ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ވެސް މަނާކޮށްފަ އެވެ. މިއީ އިންޑިއާގައި އެތައް އަހަރެއް ވަންދެން ކުރަމުންދިޔަ ކަމެއް ނަމަވެސް އެއީ ޝަރީއަތުގައި އޮންނަ ގޮތް ނޫން ކަމަށް އިންޑިއާގެ ދީނީ އިލްމުވެރިން ބުނެ އެވެ. އަދި ވަރިކުރަންވީ ގޮތް އިސްލާމް ދީނުގައި ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށް ވެސް އިލްމުވެރިން ބުނެ އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި ނާޒުކް މައްސަލަ ބެލީ ތަފާތު ދީންތަކަށް ނިސްބަތްވާ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ވަނީ ހިންދޫ، ސިކް، ކްރިސްޓިއަން، ޒޮރޮސްޓްރިއަން އަދި މުސްލިމް ފަނޑިޔާރުން ހިމަނައިފަ އެވެ.