22 އޯގަސްޓް 2017 - 14:22

މާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓްތައް މަރާމާތު ކުރުމަށް ފަހު، އަލުން ބޭނުންކުރަން ފަށައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު މިއަދު ވިދާޅުވީ ޓްރެފިކް ލައިޓްތައް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރީ ލައިޓްތައް ހަލާކުވެފައި ހުރުމުން ކަމަށެވެ.
ޓްރެފިކް ލައިޓްތައް އަލުން ބޭނުންކުރަން ފެށުމުގެ ގޮތުން، ރޭގައި ފުރަތަމަ ވަނީ ބިލަބޮންގް ސްކޫލް ކައިރީގައި ހުންނަ ލައިޓް ޖައްސައިފަ އެވެ. އެކަމަކު އެ ލައިޓް ކައިރީގައި ޓްރެފިކްގެ ގަވައިދު އަންގައިދޭ ރޮނގުތަކެއް ކުރަހާތީ މިއަދު ވަނީ ލައިޓް ނިއްވާލައިފަ އެވެ.
"މަޖީދީ މަގާއި އެހެން ބައެއް މަގުތަކުގައި ހުރި ލައިޓްތައް މަރާމާތުކުރަން މިހާރު ވަނީ އިންޖިނިއަރަކާ ހަވާލުކޮށްފައި. އެތަކެތި މަރާމާތުކޮށް ނިމެމުންދާ ވަރަކަށް ބޭނުންކުރަން ފަށާނެ،" މަހުދީ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މާލޭގެ އިތުރު މަގުތަކުގައި ދެން ޓްރެފިކް ލައިޓެއް ނުޖަހާނެ އެވެ. އަދި މިހާރު ޖަހާފައި ހުރި ލައިޓްތައް މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ވެސް މަހުދީ ވިދާޅުވި އެވެ.
"މިއޮއްހާ ދުވަސްވީއިރު ވެސް އެ ލައިޓްތައް ހަލާކުވުމުން ހުރީ އަޅާނުލައި. އެހެން ނަމަވެސް އެއީ މަގުމަތީގައި ވެހިކަލް ދުއްވާ ފަރާތްތަކަށާއި ހިނގާ މީހުންގެ ރައްކާތެރިކަމަށް ވަރަށް ބޭނުންތެރި އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ޓްރެފިކް ލައިޓް ޖަހާފައި ވަނީ 2000 ގެ ކުރީކޮޅުގައި، ޓްރާންސްޕޯޓް މިނިސްޓަރަކަށް އިލްޔާސް އިބްރާހިމް ހުންނެވި ދުވަސްވަރު އެވެ. އެ ދުވަސްވަރު އެކަމަށް ގިނަ ބަޔަކު ފާޑުކިޔަމުން ދިޔަ ނަމަވެސް ފަހުން އެއީ އެ މީހުން ބަލައިގަތް ކަމަކަށް ވި އެވެ.