23 އޯގަސްޓް 2017 - 06:26

ވަރުން ދަވަން ޑަބަލް ރޯލު ކުޅޭ "ޖުޅްވާ 2"ގެ ފުރަތަމަ ޓްރެއިލާ މިދިޔަ ހޯމަ ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. މި އިޝްތިހާރަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ސަލްމާން ޚާން ޑަބަލް ރޯލަށް ލައިގެން ޑޭވިޑް މީގެ 20 އަހަރު ކުރިން އުފެއްދި "ޖުޅްވާ"ގެ ދެ ވަނަ ބައެވެ. މި ފިލްމުގައި ވެސް ސަލްމާން ޚާން މެހެމާނެއްގެ ގޮތުގައި ފެނިގެން ދާނެ އެވެ.
ފިލްމުގެ ޓްރެއިލާ ލޯންޗުކުރުމާ އެކު ސަލްމާން ވަނީ އެ ޓްރެއިލާ ޓުވީޓްކޮށްފަ އެވެ. "ޖުޅްވާ 1 ގެ ފަރާތުން ޖުލްވާ 2 އަށް ޓުވީޓް ފޮނުވާކަމަށް އޭނާގެ މެސެޖުގައި ބުނެފައިވެ އެވެ.
އަކްޝޭ ކުމާރު ވެސް ވަނީ މި ފިލްމުގެ ޓްރެއިލާ އަށް ތައުރީފުކޮށް ޓުވީޓެއް ކޮށްފަ އެވެ.
ސެޕްޓެމްބަރު 20 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަށް "ޖުޅްވާ"ގެ ފޭނުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަދި ޓްރެއިލާ އިން އެކަނިވެސް ފިލްމަކީ ބްލޮކްބަސްޓާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ވަރުން އަކީ ކޮމެޑީ ރޯލުތައް އެއްވެސް އުނދަގުލަކާ ނުލާ ކުޅެލާ ހުނަރުވެރި އެކްޓަރެކެވެ. އަދި މި ފިލްމުގައި މަގުދައްކައިދޭން ހުރީ އޭނާގެ ބައްޕަ ޑޭވިޑަކީ ކޮމެޑީ ފިލްމުތައް އުފެއްދުމުގައި ދެވަނައެއް ނެތް ކުޅަދާނަ ޑައިރެކްޓަރެކެެވެ.
ޖެކްލީން ފެނާންޑިސް އާއި ތާޕްސީ ޕަންނޫ ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމުގެ ފުރަތަމަ އިޝްތިހާރާއެކު ވަރުން އާއި ސަލްމާންގެ އެއްގޮތްކަން ގިނަ ބަޔަކު ފާހަގަކުރަން ފެށި އެވެ.
"ޖުޅްވާ" ސަލްމާން އެކްޓްކޮށްފައިވާ ގޮތާއި "ޖުޅްވާ 2"ގައި ވަރުން އެކްޓްކޮށްފައިވާ ގޮތް ވަރަށް އެއްވަރުކަމަށް ގިނަ ބަޔަކު ބުނާތީ އެކަމާ ބެހޭ ގޮތުން ވަރުން ބުނީ "ޖުޅްވާ"ގައި ސަލްމާން ކުޅެފައިވާ ޑަބަލް ރޯލު ހާ މޮޅަށް އޭނާ "ޖުޅްވާ 2"ގައި އޭނާވެސް އެކްޓްކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ. އަދި އެ ޕްރެޝަރު އޭނާއަށް އިހްސާސް ވެސް ކުރެވެ އެވެ.
ވަރުން ބުނި ގޮތުގައި ކުރީގެ ފިލްމުގައި ސަލްމާން އެހާ މޮޅަށް ރާޖާ އާއި ޕްރޭމްގެ ރޯލު އަދާ ނުކުރި ނަމަ މި ސީކުއަލް އަކީ ވުޖޫދަށް ވެސް އަންނާނެ ފިލްމެއް ނޫން ކަމަށެވެ.
"ޖުޅްވާ" ރިލީޒްކުރިއިރު ވަރުން އަކީ ކުޑަ ކުއްޖެކެވެ. ނަމަވެސް އޭރުވެސް އޭނާއަށް ފިލްމުގެ ލަވަތަކާއި ނެށުންތައް އަދި ތަޅާފޮޅާ މަންޒަރުތައް ވަރަށް ކަމުދިޔަ އެވެ.
"އަަހަރެން އަބަދުވެސް ސަލްމާން ބާއީގެ ފިލްމުތައް ބަލާހިތްވޭ. މުޅި އާއިލާ އެއްކޮށް ސިނަމާއަށް ވަދެ ބަލާ މަޖާކޮށްލަން ރަނގަޅު ފިލްމުތައް ގިނައިން ސަލްމާން ކުޅެފައި ހުންނަނީ،" ވަރުން ބުންޏެވެ.
ވަރުން ބުނި ގޮތުގައި ފިލްމުގައި ސަލްމާން މެހެމާނެއްގެ ރޯލު ކުޅުނަސް ފިލްމުގެ ޕްރޮމޯޝަން މަސައްކަތުގައި އޭނާ ބައިވެރިއެއް ނުވާނެ އެވެ.