23 އޯގަސްޓް 2017 - 06:25

ވިހައިގެން ނެގި ދިގު ޗުއްޓީ ނިންމާލާފައި ކަރީނާ ފިލްމުތަކުގައި މަސައްކަތް ކުރަން ތައްޔާރުވެއްޖެ އެވެ. ވަރަށް ރަނގަޅު ޕްރޮޖެކްޓްތަކެއް ކަރީނާ މިހާރު ވަނީ ހޯދާފަ އެވެ. މީގެ ތެރޭގައި ދައްތަ ކަރިޝްމާ ކަޕޫރާ އެކު މަސައްކަތްކުރާ ޕްރޮޖެކްޓެއް ހިމެނެ އެވެ.
ކަރީނާއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު ކަރިޝްމާ އިންސްޓަގްރާމްކޮށްފައިވާ މެސެޖެއްގައި އެ ދެބެއިން މަސައްކަތްކުރަނީ ބްރޭންޑެއްގެ ފޮޓޯޝޫޓެއްގައި ކަމަށް ވަނީ ބުނެފަ އެވެ.
ކަރިޝްމާ ބުނެފައިވާ ގޮތުގައި ކޮއްކޮއާ އެކު ޝޫޓިންއެއްގައި ބައިވެރިވުމަކީ ވަރަށް މަޖާ ކަމެކެވެ.
މި ޝޫޓިން ހިނގަމުންދިޔަ ވަގުތު އެތަނަށް އެ ދެބެއިންގެ މަންމަ ބަބީތާ އާއި ކަރިޝްމާގެ ދެ ދަރިން ވެސް ގޮސް ތިއްބެވެ.
ކަރީނާ މިހާރު އަންނަނީ ވިހެއުމަށްފަހު ކުޅޭ ފުރަތަމަ ފިލްމު "ވީރޭ ދީ ވެޑިންގް"ގެ ޝޫޓިންގް ފެށުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން ފިލްމުގެ ހުރިހާ ތަރިން ބައިވެރިވެގެން ބޭއްވި ފުރަތަމަ ރީޑިންގައި ކަރީނާ އާއި ފިލްމުގެ އެހެން ބައިވެރިން ކަމަށްވާ ސޯނަމް ކަޕޫރާއި ސްވާރާ ބާސްކަރް، ޝިކާ ތަލްސާނިޔާ އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރު ވަނީ ބައިވެރިވެފަ އެވެ.
މީގެ އިތުރުން ބައެއް ފިލްމުތަކަށް ވެސް ކަރީނާ ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް އެ ފިލްމުތައް އަދި އިއުލާނެއް ނުކުރެ އެވެ.