ސުޝާންތަށް ފަހު މާދަވަން ވެސް ނާސާގައި ތަމްރީނު ވަނީ
ސުޝާންތަށް ފަހު މާދަވަން ވެސް ނާސާގައި ތަމްރީނު ވަނީ

ސުޝާންތު ސިންގް ރާޖްޕޫތު ދާދިފަހުން ވަނީ "ޗަންދާ މާމާ ދޫރް ސޭ" ގައި އެސްޓްރޮނޯޓެއްގެ ރޯލު ކުޅުމަށް ނާސާގައި ތަމްރީން ހަދަމުން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

ސަންޖޭ ޕޫރަން ސިންގް ޗައުހާން އުފައްދާ މި ފިލްމުގައި ސުޝާންތާ އެކު ސައުތު އިންޑިޔާގެ މަޝްހޫރު އެކްޓަރު އާރް. މާދަވަން ވެސް މިފިލްމުގައި އެސްޓްރޮނޯޓެއްގެ ބައި އަދާ ކުރެ އެވެ. އަދި މިހާރު މާދަވަން ވެސް ވަނީ ނާސާގެ ތަމްރީނުތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ނާސާގެ ތަޖުރިބާ ހިއްސާކުރަމުން މާދަވަން ބުނީ ކުޑަ ކުއްޖަކަށް ޑިޒްނީލޭންޑަށް ދެވުމުން ކުރެވޭ ކަހަލަ އިހްސާސެއް ނާސާއަށް ދެވުމުން އޭނާއަށް ކުރެވުނު ކަމަށެވެ.

ފުރަތަމަ ފަހަރަށް ސްޕޭސް ސޫޓް ލުމުގެ ތަޖުރިބާ ކިޔައިދެމުން މާދަވަން ބުނީ ފުރަތަމަ ދުވަސްކޮޅު އޭނާ ލީ ތަފާތު ސްޕޭސް ސޫޓެއް ކަމަށާއި އަސްލު ސޫޓެއް ލާން ލިބުނީ އޭގެ ފަންކްޝަންތައް ރަނގަޅަށް ދަސްވުމަށް ފަހު ކަމަށެވެ. އަދި ސްޕޭސް ސޫޓެއްގެ އަގު އެނގުމުން ހައިރާންވި ކަމަށާއި މިހާރު އެއީ އޭނާގެ ފޭވަރިޓް ކުޅޭކުޅޭ އެއްޗަށް ވެފައިވާ ކަމަށެވެ.

އަލަބާމާގައި ހުންނަ ޔޫއެސް ސްޕޭސް އެންޑް ރޮކެޓް ސެންޓަރުގައި މިހާރު ހުރި މާދަވަން އެތަނުގައި ހަފުތާއެއް ވަންދެން ތަމްރީނުތައް ހަދާނެ އެވެ. ފިލްމުގައި އޭނާ ކުޅޭ އެސްޓްރޮނޯޓްގެ ކެރެކްޓާއަށް އޭނާ ތަމްރީނުކޮށްދެނީ ޖޯން ޕާމާ އެވެ. ޖޯން އަކީ ސްޕެޝަލް އިފެކްޓްސް ޑައިރެކްޓަރެކެވެ.

ޖޯންއާ ބެހޭ ގޮތުން މާދަވަން ބުނީ ކޮންމެ ސޫޓެއްގެ ޓެކްނިކަލް ކަންތައްތައް ދަސްކުރުމުގައި އޭނާއަށް އެހީތެރިވެދިނީ ޖޯން ކަމަށެވެ. ޖޯން އަކީ ވަރަށް ގިނަ ހޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި "ޖިއޯސްޓޯމް" (2017)، "އެޕޯލޯ 18" (2011) އަދި "ދި އެސްޓްރޮނޮޓް ފާމާ" (2006) ހިމެނެ އެވެ.

އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމު "ޗަންދާ މާމާ ދޫރް ސޭ" ގައި ނަވާޒުއްދީން ސިއްދީގީ ވެސް މުހިއްމު ބައެއް އަދާކުރެ އެވެ. އަދި ފިލްމުގެ ބަތަލާއަކަށް ޝްރައްދާ ކަޕޫރު ހަމަޖެހިފައިވާ ކަމަށް ބަައެއް ރިޕޯޓްތައް ބުނެ އެވެ. ޝްރައްދާ ވެސް ކުޅެނީ އެސްޓްރޮނޯޓެއްގެ ބައި ކަމަށްވެ އެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން އަދި ޝްރައްދާ ފިލްމަށް ފައިނަލް ވެފައިވާ ކަމުގެ ޔަގީންކަމެއް ނުދެ އެވެ.