22 އޯގަސްޓް 2017 - 10:17

ބާސެލޯނާ (އޮގަސްޓް 22) – ބޮރޫޝިއާ ޑޯޓްމަންޑުގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ ވަރަށް އަވަހަށް ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޑެމްބެލޭ 100 މިލިއަން ޔޫރޯ އަށް ވިއްކާލަން ޑޯޓްމަންޑުން އެއްބަސްވެފައިވާ ކަމަށާއި މިހާރު މަޝްވަރާކުރަމުން އަންނަނީ ބޯނަސްގެ ގޮތުގައި 30 މިލިއަން ކަނޑައެޅުމާ ބެހޭގޮތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާ އިން އެންމެ ފުރަތަމަ މި އަގަށް އެއްބަސްނުވި ނަމަވެސް އެ ޓީމުން ދެން ބޭނުންވި ކުޅުންތެރިން ލިބެން ނެތުމުން ހަތިޔާރު ބެހެއްޓީ ކަމަށް ލަފާކުރެވެ އެވެ. ބާސެލޯނާ އިން އެންމެ ބޮޑަށް މަސައްކަތްކުރީ ލިވަޕޫލުގެ ފިލިއްޕޭ ކުޓީނިއޯ ގަތުމަށެވެ. އެކަމަކު ލިވަޕޫލުން އަންނަނީ އެ ޓީމުގެ ބިޑްތަކަށް ފުރަގަސްދެމުންނެވެ.
އޮގަސްޓް 31 ގައި ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ކުޅުންތެރިއަކު ގެންނަން އެ ޓީމަށް މަޖުބޫރެވެ. ސަބަބަކީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ނޭމާ ޓީމު ދޫކޮށްގޮސްފައިވާތީ އެވެ. އުމުރުން 20 އަހަރުގެ ޑެމްބެލޭ އަކީ ނޭމާ ނެތްތަނަށް ކުޅުވަން ސީދާ ގެންނަ ކުޅުންތެރިއެކެވެ.
ޑެމްބެލޭ މި ވަގުތު ޑޯޓްމަންޑުގެ ޓްރެއިނިންގައި ބައިވެރިނުވެ އެވެ. ކްލަބުން ވަނީ ޕްރެކްޓިހަށް ނައުމުގެ ސަބަބުން ވަގުތީ ސަސްޕެންޝަނެއް ދީފަ އެވެ. އޭނާ ޕްރެކްޓިހަށް ނައީ ވެސް ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އަށް ބަދަލުވާން ބާރު އެޅުމުގެ ގޮތުންނެވެ.
އުމުރުން 20 އަހަރުގެ އޮސްމާނޭ ވަނީ މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ކުޅެދިން 49 މެޗުން 10 ގޯލް ޖަހައި 21 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އޭނާ އަކީ ފޯވާޑް ލައިނުގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ. ޑޯޓްމަންޑުން މިދިޔަ އަހަރު 15 މިލިއަން ޔޫރޯ އަށް ގަތް އޮސްމާނޭ ވަނީ ފްރާންސް ގައުމީ ޓީމަށް ހަތް މެޗު ކުޅެދީ އެއް ގޯލް ޖަހައިފަ އެވެ.