22 އޯގަސްޓް 2017 - 10:21

ވޮޝިންޓަން (އޮގަސްޓް 22) - އަފްޣާނިސްތާން ހަނގުރާމައިގައި ޓެރަރިސްޓުންގެ މައްޗަށް ކާމިޔާބު ހޯދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އަފްޣާނިސްތާނާ ބެހޭ ގޮތުން އެމެރިކާގެ ސިޔާސަތު ހާމަކުރައްވަމުން، ކޮމާންޑާ އިން ޗީފްގެ ގޮތުގައި ޓްރަމްޕް ދެއްވި ފުރަތަމަ ތަގްރީރުގައި ވިދާޅުވީ އެ ގައުމުން އެމެރިކާ ސިފައިން ބޭލުންވީ ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. އަދި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުން ލިބުނު ހުސްކަން ފުރަން ޓެރަރިސްޓުންނަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.
ގައުމާ މުޚާތަބް ކުރައްވާ ޓްރަމްޕް ވިދާޅުވީ އެމެރިކާ ސިފައިން ގައުމުތަކަށް ދަނީ އެ ގައުމުތަކުގައި ޑިމޮކްރެސީ ބިނާ ކުރަން ނޫން ކަމަށާއި އެކަމަކު ޓެރަރިސްޓުން މަރަން ކަމަށެވެ.
އަފްޣާނިސްތާނާ ބެހޭ އާ ސިޔާސަތުގައި އެ ގައުމަށް ފޮނުވާނެ ސިފައިންގެ އަދަދު ޓްރަމްޕް ހާމަ ނުކުރެއްވި ނަމަވެސް، ޓްރަމްޕުގެ ތަގްރީރުގެ ކުރިން ޕެންޓަގަންގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ 4،000 ސިފައިން ފޮނުވަން ލަފާދީފައިވާނެ ކަމަށެވެ.
ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާ ސިފައިން އެންމެ ގިނައިން އަފްޣާނިސްތާނުގައި ތިބި ދުވަސްވަރު، 2010-2011 އަށް، 100،000 ސިފައިން އެ ގައުމުގައި ހަރަކާތްތެރިވި އެވެ. އެމެރިކާ ސިފައިން 2014 ވަނަ އަހަރު އަފްޣާނިސްތާނުން ފޭބި ނަމަވެސް އެ ގައުމުގެ ސިފައިން ތަމްރީނު ކުރުމަށް 8،400 އެމެރިކާ ސިފައިން އެ ގައުމުގައި އެބަތިއްބެވެ.
ޓްރަމްޕުގެ ތަގްރީރުގައި ވަނީ ޕާކިސްތާނަށް ވެސް އިންޒާރު ދެއްވައިފަ އެވެ. ޓެރަރިސްޓުންނަށް ޕާކިސްތާނުން "ހިޔާވަހިކަން" ދޭ ނަމަ ޕާކިސްތާނާ މެދު އެމެރިކާ ގެންގުޅޭ ސިޔާސަތު ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.