ހަސަދަ
ހަސަދަ

އާދިއްތަ ދުވަހާ ގުޅޭ

"ދަރިފުޅާ!" ނާޒިމާ ހަޅޭއްލަވައިގަތެވެ.

ދެވަނަ ސިކުންތުގައި ނާޒިމާއަށް ވަޅި ފެނުނެވެ. ވަޅި އޮތީ މޭޒުމަތީގައެވެ. އެހެންނަމަވެސް ހައުލާގެ ރުއިމަކަށް ބަދަލެއް ނައެވެ. ނާޒިމާ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ތަޅުންގަނޑުގައި ލޭ ތިކިތިކި ހުއްޓެވެ. އަޑު އައީ ފާޚާނަތެރެއިންނެވެ. ފާޚާނައިގެ ދޮރު ހުރީ ހުޅުވައިފައެވެ. ދުވެފައި ގޮސް ފާޚާނައިގެ ދޮރުމައްޗަށް އެރިއިރު ހައުލާ އިނީ ކަނުގައި އިށީނދެގެންނެވެ. އޭނަގެ އަތުގައި އޮތީ ފޯނުގެ ޗާޖަރެވެ. އޭރު ވެސް ޗާޖަރުގެ ފޯނަށް ޖަހާ ކޮޅުން އަތުގައި އަޅުވަމުންގެންދިޔައެވެ. ޙަޤީޤަތުގައި އެއީ މާ ތޫނު އެއްޗެއް ނޫނެވެ. އެކަމަކު، ގައިގައި ހުރި ބާރެއް ލައިފައި އަތުގައި ހާކަން ފެށުމުން އަތް ހުރީ ހަލާކުވެފައެވެ. ނާޒިމާ ގޮސް ޗާޖަރު ދަމައިގަތެވެ.

"އެކަމަކު ދަރިފުޅާ!" ނާޒިމާއަށް ބުނެވުނެވެ.

"މަންމާ އެއީ މަ ކުރާ ކަމެއް ނޫނޭ!" ގިސްލެވިފައި ހައުލާ ބުންޏެވެ. "އަހަރެން ލައްވާ ގަދަކަމުން ކުރުވަނީއޭ."

ކުޑަމިނުން ދަރިފުޅާ ދިމާއަށް އެއްޗެއް ބުނުމުގެ ޙައްޤު ވެސް ނާޒިމާއަކަށް ނެތެވެ. ހައުލާ ގަސްތުގައި ކުރާ ކަމަކަށް ނުވާތީއެވެ. ހައުލާގެ އަތުގައި ހިފައިގެން ގެނެސް އެނދުމަތީގައި ބޭންދިއެވެ. އަތުގައި ބޭސްއެޅިއެވެ.

"ދެން އެއްދުވަހަކުން މަ މަރުވާނީތަ މަންމާ؟" ހައުލާ އެހިއެވެ.

"ތިހެން ނުބުނޭ ދަރިފުޅާ!" އޯގާތެރިކަމާ އެކުގައި ނާޒިމާ ބުންޏެވެ. "ﷲ އިރާދަކުރެއްވިއްޔާ ދަރިފުޅު ރަނގަޅުވާނެ. ރަނގަޅުވަންދެން އަހަރުމެން ހުއްޓައިނުލައި މަސައްކަތް ކުރާނަން."

ނާޒިމާ ދައްކާ ވާހަކަ ހައުލާއަށް ގަބޫލުކުރެވޭހެނެއް ހިއެއްނުވެއެވެ. އުންމީދުގެ ކުޑަ ވެސް އަލިކަމެއް ހައުލާގެ މޫނަކުން ނުފެނެއެވެ. ހައުލާ އަތުގައި ބޭސްއަޅަން ހުއްޓައި މޫނިސާ އައެވެ.

"ކިހިނެއްވީ؟" މޫނިސާ ސުވާލުކުރިއެވެ.

ނާޒިމާ ވީގޮތް ކިޔައިދިނެވެ. ނާއުންމީދުވެފައި ހުރީ ހައުލާ އެކަންޏެއް ނޫނެވެ. މޫނިސާ ވެސް ހުރީ އެ ހާލަތުގައެވެ.

"ދެން އަހަރުމެން އަބަދުވެސް މިހެންތަ އުޅެންޖެހޭނީ މަންމާ؟" މޫނިސާ އެހިއެވެ. "މިހާރު ކިހާ ދުވަހެއް ވެއްޖެ؟ ޓެސްޓެއް ނުހެދުނު. ގެއިން ބޭރަކަށް ނުނިކުމެވޭ. ގޭގަ އުޅެން އެހާ އުނދަގޫ. އަހަރުމެންނަށް ވުރެ ބާރު ގަދަ ބަޔަކާ ފައިޓެއް ނުކުރެވޭނެ."

ދަރިންގެ ހިތްވަރުއެލެމުން ދިޔައިރު ޚުދު ނާޒިމާ ވެސް ހުރީ، އެ ކަމާ އުޅެއުޅެ ވަރުބަލިވެފައެވެ. އެހެންނަމަވެސް، ދަރިންގެ ކުރިމަތީގައި ނާޒިމާ ހިތްވަރުގަދަކުރަން ޖެހެއެވެ. އުންމީދު އާކޮށްދޭން ޖެހެއެވެ. ދޮގުތަކެއް ހަދައިގެނެއް ނޫނެވެ. ކަން އޮތް ގޮތް ތެދަށް ބުނެދީގެންނެވެ.

"ޖިންނީންނަށް ބާރުތަކެއް ދެއްވި،" ނާޒިމާ ބުންޏެވެ. "އަހަރުމެން އިންސާނުންނަށް ދެއްވީ ބުއްދި. ކޯޗެއް ބާރުގަދައީ؟ މިސާލަކަށް ދުނިޔޭގަ ހުރި އެންމެ ބާރުގަދަ މީހާ މޮޔަވެއްޖެއްޔާ ދެން އެ ބާރުގެ ބޭނުން ހިފޭނެތަ؟ ނުހިފޭނެ. މޮޅު މީހަކީ ބާރުގަދަ މީހާއެއް ނޫން. ބުއްދިވެރި މީހާ. އެހެންވީމަ، ދުންނާރާ އަލިފާނުން އިބިލީސް ހެއްދެވިޔަސް، މަށިން ހެއްދެވި އިންސާނާއަށް ސަޖިދަކުރަން އިބިލީހަށް އެންގެވީ. އެހެން ނޫން ނަމަ އެންގެވީހީ އިބިލީހަށް ސަޖިދަކުރަން. އަހަރުމެން އިންސާނުންނަކީ ބުއްދީގެ އަހުލުވެރިން. ބުއްދި ކުރިޔަށް ނެރެ، އީމާންކަން ވަރުގަދަކޮށް، ޤުރުއާނާ ސުންނަތުގައި އަހަރުމެން ހިފައިގެން ތިބިހައި ހިނދަކު، ޖިންނިޝައިތާނަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އިބިލީހަށް އެނގޭ އާދަމްގެފާނަށް އިތުރު އިނާޔާތްތައް ﷲ ދެއްވިކަން. އެ ކަމާ އިބިލީސް ހަސަދަވެރިވީ. ބަދަލުހިފަން ބޭނުންވީ. އިހާނެތިކޮށް ހިތަން ބޭނުންވީ. އިންސާނާގެ ހިތުގަ ވެސް ހަސަދަވެރިކަން ހަމަ އުފެދޭއިރަށް އޭނަގެ ކިބައިގަ އެ ސިފަތައް އަށަގަންނާނެ. އަނެކާ ނިކަމެތިކޮށްލަން ބޭނުންވާނެ. ސިހުރަށް މަގު ހުޅުވޭ ހިސާބަކީ އެއީ. އެކަމަކު ޙައްޤަށް ނަޞްރު ލިބޭނީ. ޙައްޤު ގޮތުގަ ތިބީ އަހަރުމެން."

ދަރިންނަށް ކިތަންމެ ހިތްވަރެއް ދިނަސް، ނާޒިމާ ކުރިމަތިލާން ޖެހުނީ ވަރުގަދަ ގޮންޖެހުންތަކަކާއެވެ. މައްސަލައަކީ، މެދުނުކެނޑި ހައުލާއަށް ސިހުރު ހަދާތީއެވެ. ސިހުރުގެ އުނދަގުލާއި، ޖިންނިޝައިތާނުންގެ ނުފޫޒާއި، ރުޤްޔާގެ ބާރާ ވެސް ކުރިމަތިލާން ހުރީ ހައުލާއެވެ. އޭނަގެ ހަށިގަނޑުގައި އެ ވަރުގެ ހަކަތައެއް ނެތެވެ. ހައުލާއަށް ކެވެނީ ވަރަށް މަދުންނެވެ. އަރުން އެއްޗެއް ނުދިރެނީއެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް ވެހެވެ. އެކަމަކު ހައުލާ ބަނޑުހައެއް ނުވެއެވެ. ނުކައިހުރުން އޭނައަކަށް މައްސަލައަކަށް ނުވެއެވެ.

ރުޤްޔާކުރި ދުވަސްވަރު ހައުލާއަށް ކުރި ގޯނާތައް އިތުރުވިއެވެ. ރާޝިދުގެ ފަރާތުން އެނގުނު ގޮތުގައި، ޖިންނި ވަދެނުކުމެވާ ހަށިގަނޑުގެ ދިފާޢީ ބާރު ކުޑަވާނެއެވެ. އެހެން ޖިންނިތަކަށް އެ ފަދަ ހަށިގަނޑު ކަޝްފުވާލެއް ބޮޑުވާނެއެވެ. އެއީ އޮޅުކޮށްފައިވާ ދޫންޏެއް ކަހަލަ މަޚްލޫޤެކެވެ. އެ ފަދަ ދޫނި ހިފަން އިންސާނުންނަށް ފަސޭހަވެއެވެ. ހަމަ އެ ގޮތަށް، ޖިންނިއެއް އަވަލަވައިފައި ހުންނަ އިންސާނާއަށް އެހެން ޖިންނީންގެ ދުއްތުރާ ވެސް ފަސޭހައިން ފޯރައެވެ. އަނެއްކޮޅުން، އެ ފަދަ މީހަކު ސަލާމަތްކުރަން ރުޤްޔާއިން ހަމަލަދޭ ނަމަ ރައްދު ވެސް ދޭނެއެވެ. އެ މީހަކާ ލޭގެ ގުޅުން ހުރި މީހަކު ޖިންނިއެއްގެ ބާރުގެދަށުގައިވާ ނަމަ އެ ވާހަކަ ވެސް ގޮވައިލާނެއެވެ. ހަމީދުގެ ކަންތައް ބޭޒާރުވީ އެހެންވެއެވެ.

ގިނަ ވަގުތު ހައުލާ އިންނަނީ ޚަރަކާތް ހުއްޓިފައެވެ. ވަރަށް ބަސްމަދެވެ. އެހެން އިނދެފައި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ނާޒިމާ ނިދާފައި އޮއްވައި ނާޒިމާގެ މޫނަށް އައިސްފެން ފުޅި އޮއްސައިލަފާނެއެވެ. ބިއްލޫރިތަށިތައް، ދޮންނަމެޝިނަށް އަޅާލައިފައި މެޝިނު ޖައްސަފާނެއެވެ. ފައިވާންތައް ގެންގޮސް އައިސްއަލަމާރިއަށް ލައިފާނެއެވެ. ހަކުރުފުޅި ގެންގޮސް އަންނައުނުލާ އަލަމާރިއަށް އޮއްސައިލަފާނެއެވެ. ފެންބޮއިފައި ތަށި ހޫރައިލަފާނެއެވެ. ކުދިކުދި ކަންތަކެވެ. ކޮންމެ ކަމެއް ކޮށްފައި ވެސް ނާޒިމާއަށް ފެންނައިރަށް އަޑުގެކޮޅަށް ހައުލާ ހީނގަނެއެވެ. އެއްދުވަހަކު ނާޒިމާ ބިރުން ފިތްކަނޑައިގެންދާ ކަހަލަ ކަމެއް ވެސް ކުރިއެވެ. ހައުލާ ފެންބޮއިފައި ބިއްލޫރިތަށި ކާލީއެވެ. ނާޒިމާގެ ލޯ ކުރިމަތީގައެވެ. ހައުލާގެ އަނގަޔަކަށް އެއްވެސް ގެއްލުމެއް ނުވެއެވެ. ގެއްލުންވީ ނާޒިމާގެ އަތަށެވެ. ހައުލާގެ އަނގައިން ބިއްލޫރިތައް ނަގަންއުޅުމުގެ ތެރޭގައެވެ. ނާޒިމާގެ އިނގިލިތައް އެކި ތަންތަނުން ކަނޑައިގެންދިޔައެވެ.

ރުޤްޔާކުރި އަށްވަނަ ރެޔަކީ، ވަރަށް އާދަޔާޚިލާފު ކަމެއް ދިމާވި ރެޔެކެވެ. އާދައިގެމަތިން އެ ރޭ ވެސް، ހައުލާއާ ސުވާލުކުރަން ފެށުމުން އެކި ފަހަރު ހައުލާ ވާހަކަދެއްކީ އެކި އަޑުންނެވެ. ބައެއްފަހަރު ވަރުގަދަ ފިރިހެން އަޑަކުންނެވެ. ދަރިފުޅުގެ އަރުތެރެއިން އެ އަޑު ނެރެނީ ކިހިނެއްކަމެއް ނާޒިމާއަކަށް ނުވެސް ވިސްނެއެވެ. އަނެއްބައި ފަހަރު ތޫލި އަންހެން އަޑަކުންނެވެ. ހައުލާއަކީ މާލެ ކުއްޖެކެވެ. އެކަމަކު، ރަށެއްގައި އުޅޭ ޖިންނިއެއް ވިއްޔާ ހައުލާގެ ރާގާއި ބަހުރުވަ އެ ރަށެއްގެ ބަސްމަގަށް ބަދަލުވެއެވެ. ހީވަނީ ހައުލާއަކީ އެ ރަށުގެ ރަށްވެއްސެއްހެންނެވެ. އެއްވެސް ތަފާތެއް ނުހުރެއެވެ. އެ ހުރިހައި ކަމަކަށް ވުރެ ވެސް ބޮޑު ހައިރާންކަމެއް އަށްވަނަ ރޭ ނާޒިމާއަށް ލިބުނެވެ. އެ ރޭ މަސައްކަތް ހުއްޓައިލީ މަޣުރިބު ނަމާދަށް ބަންގި ގޮވަން ފެށުމުންނެވެ. ރާޝިދު އަވަސްވެގަތީ މިސްކިތަށް ދާށެވެ.

"ހައުލާ އަދިވެސް އިންނާނީ ހަމައަކަށް ނޭޅި،" ރާޝިދު ބުންޏެވެ. "އަޒާބުގެ އާޔަތްތައް ޖަހައިފަ ބަހައްޓާ! އޭނަ އެކަނި ނުކުރާތި! އެއްކޮށް ނުނިންމާ މި ދަނީ. އިޝާ ނަމާދުގެ ފަހުން އަންނާނަން. ތަކުރާރުކޮށް ބުނެލާނަން. އޭނަ އެކަނި ނުކުރާތި! އަހަރެން އަންނަންދެން ކޮންމެވެސް އެކަކު ހައުލާ ގާތުގަ އިންނާތި!"

ރާޝިދު ބުނި ގޮތަށް ނާޒިމާ ކަންތައް ކުރިއެވެ. ހައުލާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. ނާޒިމާ އުޅުނީ ނަމާދަށް އަރަން ދާށެވެ. ހައުލާ ގާތުގައި މޫނިސާ އިނެވެ. އަބަދުވެސް އެ ދެބެންގެ މެދުގައި ވަރަށް ވަރުގަދަ ލޯތްބެއް އޮވެއެވެ. ސިހުރުގެ އުނދަގޫ ހައުލާއަށް ކުރިމަތިވާން ފެށުމުން މޫނިސާގެ ލޯބި ދެގުނައަށް އިތުރުވިއެވެ. ނަމާދުކުރަން ކޮޓަރިއަށް ވަންނަން އުޅެފައި ވެސް ނާޒިމާއަށް މަޑުކޮށްލެވުނެވެ. ހައުލާއާ ދިމާއަށް ބަލައިލެވުނެވެ. އެހެން ހުއްޓައި ކުއްލިއަކަށް ނާޒިމާއަށް ފެނުނީ ހައުލާ ތެޅިގަތްތަނެވެ. މޫނިސާ ދިޔައީ ސިއްސައިގެންނެވެ. ނާޒިމާ ދުވެފައި ހައުލާ ގާތަށް އައެވެ. އެކަމަކު، ދެން އިތުރު ހަރަކާތެއް ހައުލާ ނުކުރެއެވެ. ތެޅިގެންފައި އިން ގޮތަށް އިސްޖަހައިލައިގެން އިނީއެވެ. ނާޒިމާއާއި މޫނިސާ އެކަކުއަނެކަކަށް ބަލައިލިއެވެ. ޙަޤީޤަތުގައި ވީ ގޮތަކީ ހައުލާގެ ގައިތެރެއަށް ޖިންނިއެއް ވަނީއެވެ. ވަދެފައި އެ ޖިންނި މަޑުމަޑުން އިނީއެވެ. އޭރަކު އެ ކަމެއް ނޭނގެއެވެ. އިރުކޮޅަކުން ހައުލާ ރޯން ފެށިއެވެ. ނާޒިމާ ވަރަށް ހައިރާންވިއެވެ. ގާތުގައި އިށީނެވެ. ނާޒިމާ ހީކުރީ ހައުލާގެ ކޮންމެވެސް ތަނަކަށް ތަދުވަނީކަމަށެވެ. ރުޤްޔާ ކިޔަވާއިރު ހައުލާ ބައެއް ފަހަރު ވަރަށް ބޮޑަށް ތެޅިފޮޅިހަދައެވެ.

"ދަރިފުޅާ ކިހިނެއް ތި ވަނީ؟" ހައުލާގެ ކޮނޑުގައި ފިރުމައިލައިފައި ނާޒިމާ ސުވާލުކުރިއެވެ. "ތަނަކަށް ތަދުވަނީތަ؟ ކިހިނެއްވީ؟"

ހައުލާ ޖަވާބެއް ނުދިނެވެ. އެކަމަކު ވަރަށް އަސަރާ އެކުގައި ނާޒިމާއާ ދިމާއަށް ބަލައިލިއެވެ. އެހެން ބަލަން އިނދެގެން ވެސް އޭނައަށް ރޮވެނީއެވެ. ހައުލާގެ ލޮލުން ނާޒިމާއަށް ފެނުނީ ބިރުވެރިކަމެއް ނޫނެވެ. ހިތްދަތިކަމާއި އޯގާތެރިކަމެވެ. ލޮލުން ކަރުނަ އޮހޮރެމުންދިޔައިރު ގިސްލުމެއް ވެސް ނުހުއްޓުނެވެ. އެތައް އިރެއް ވީއިރު ވެސް އެ ކަމެއް ނުހުއްޓުނެވެ. ނާޒިމާ ކުރި ސުވާލަކަށް ޖަވާބެއް ނުދެއެވެ. ހުއްޓައި ނުލައި ނާޒިމާ އެކި ސުވާލު އެހިއެވެ. ހައުލާގެ އިސްތަށިގަނޑު ރީތިކޮށްދީ، ކޮނޑުގައި ފިރުމައި ހެދިއެވެ. ހައުލާއަށް އެ ކަމެއް ދިމާވީއްސުރެ އެންމެ ގިނަ ވަގުތު ގާތުގައި އިންނަނީ މޫނިސާއެވެ. މޫނިސާ ވަރަށް ފަރުވާތެރިކަމާ އެކުގައި ހައުލާގެ މޫނަށް ބަލައިލިއެވެ. ވެގެން އުޅޭ ގޮތް ފުރަތަމަ އެނގުނީ މޫނިސާއަށެވެ.

"މަންމަ ހައު ގައިގަ އިހަށް އަތްނުލައްޗޭ!" މޫނިސާ މަޑުމަޑުން ބުނެލިއެވެ.

"އެޔޯ؟" ނާޒިމާ ހައިރާންވެފައި އެހިއެވެ. "ކިހިނެއްވީ؟"

"ހުރެ ދައްކާލާނަން." ބިރުގަތުމުގެ ބަދަލުގައި މޫނިސާ އިނީ ލާނެތް ހިންޏެއް އައިސްފައެވެ.

މޫނިސާ އެހެން ބުނީ ސަބަބެއް ނެތިއެއް ނޫނެވެ. ދެބެން ބައިތިއްބައިގެން ރުޤްޔާކުރަން ފެށުމުން ނާޒިމާއަށް ވަނީ އެހެން ކަމެއް ފާހަގަކުރެވިފައެވެ. ފަރުދާވެގެން އުޅުނު އެތައް އެއްޗެއް ދެބެންނަށް ފެންނަން ފެށީއެވެ. އެހެންކަމުން، އެ ވަގުތު ވެސް ނާޒިމާއަށް ނުފެންނަ އެއްޗެއް މޫނިސާއަށް ފެނެއެވެ.

"މަންމާ!" މޫނިސާ ބުންޏެވެ. "މިހާރު އެއީ ހައުއެއް ނޫން އިނގޭ. ހައު ކަމަށް ހީކޮށް މަންމައަށް ތި އަތްލެވެނީ އެހެން އެއްޗެއްގެ ގައިގަ. ބަލަންއިންނައްޗޭ!"

ނުނިމޭ