22 އޯގަސްޓް 2017 - 08:55

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލިހުގެ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހަމަޖެއްސެވުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އަހުމަދު ނަސީރު ހަމަޖެއްސެވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ދާއިމީ ކޮމެޓީ އަށް ފޮނުވުން. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން އެ ބާވަތުގެ ކަންކަން ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީ އަށް ފޮނުވުމަށް މަޖިލިހުގައި ވޯޓު ނަގާކަށް ނުޖެހޭ. ދާއިމީ ކޮމެޓީ އަށް އެ މައްސަލައެއް ފޮނުވިކަން ރިޔާސަތުން އިއުލާން ކުރުމުން އެކަން ނިމޭނެ.

އިދިކޮޅު މެމްބަރުންނާއި ސަރުކާރުގެ މެމްބަރުން މިހާރު ތިއްބެވީ މަޖިލިހުގެ އިދާރާގެ ސައިކޮޓަރީގައި. އަދިވެސް މޫސަ އާއި މަހްލޫފު ގެންދަވަނީ ޒުވާބު ކުރައްވަމުން. މަހްލޫފު ފޭސްބުކް ލައިވް ކުރައްވަމުން ގެންދަވާއިރު، އޭނާ ގެންދަވަނީ މޫސަގެ ފަހަތުން ހިންގަވަމުން.

މަހްލޫފާއި މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު ގެންދަވަނީ ޒުވާބު ކުރައްވަމުން. މަހްލޫފު މޫސަ އަށް ވިދާޅުވީ ވޯޓުލާން ފުރުސަތު ދެއްވުމަށާއި 45 މީހުން ސޮއިކޮށްފައި ހުށަހަޅާފައިވާނެ ކަމަށް. އިދިކޮޅު މެމްބަރުން ގެނދަވަނީ މަޖިލިހުގެ ކޮރިޑޯގައި މޫސައާ ދިމާލަށް ހަޅޭއްލަވަމުން. އަދި މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފުރުސަތު ދިނުމަށް މަހްލޫފު ގެންދަވަނީ މޫސަ އަށް ގޮވާލައްވަމުން. މޫސަ ވިދާޅުވީ "އެކަން ނިމިއްޖެ" ކަމަށް.
ޖަލްސާ ނިންމަވާފައި މަސީހް ކޮޓަރިކޮޅަށް ވަޑައިގެންނެވި ވަގުތު އޭނާއާ ދިމާލަށް "ފޭރޭ" ގޮވަމުން އިދިކޮޅު މެމްބަރުން ފަހަތްޕުޅުން ހިނގި މަންޒަރު ވެސް ފެނުނު.
ޖަލްސާ ނިންމަވާލެއްވުމަށް ފަހު މަސީހް ވަޑައިގެންފި.
އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަސީހްގެ ރިޔާސަތުގައި މިއަދު ވެސް ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށް. އިދިކޮޅު ހަރަކާތުގެ ތަރުޖަމާނު މަހްލޫފު ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ވޯޓަށް ވުރެ ކުރިން އެހެން އެއްވެސް ކަމެއް އެޖެންޑާކުރެވިގެން ނުވާނެ ކަމަށް.
މަސީހް ޖަލްސާ ކުރިއަށް ގެންދަވާއިރު، ރިޔާސަތުގެ މޭޒު ވަށައިގެން ގިނަ އަދަދެއްގެ ސިފައިން އެތުރިގެން އެބަތިބި.
މަހްލޫފު ވިދާޅުވަމުން ގެންދަވަނީ "އަނިޔާ ކުރަން ނުޖެހޭ" ކަމަށާއި "އަޅުގަނޑުމެން އައިސް މިތިބީ ޖަލްސާ އަށް" ކަމަށް.
ފޭސްބުކް ލައިވް ކުރަމުން ގެންދާއިރު، "އަނިޔާ ނުކުރޭ" ކަމަށް ބުނެ މަހްލޫފާއި އެހެން މެމްބަރުން ގެންދަވަނީ އަޑުގަދަ ކުރައްވަމުން.
މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް ޗެމްބަރަށް ވެދެވަޑައިގެން މިހާރު ޖަލްސާ ފައްޓަވައިފި. ނަމަވެސް އދިިކޮޅު މެމްބަރުން ޗެމްބަރުގައި އަޑުގަދަ ކުރައްވާއިރު، ރިޔާސަތު ވިދާޅުވާ އެއްޗެއް ސާފެއް ނުވޭ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ވެސް ސިފައިންގެ އެހީތެރިކަމާ އެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މަޖިލިސް މެދުކެނޑިފައި އޮންނަތާ 22 ދުވަސް ފަހުން މިއަދު ޖަލްސާ ބާއްވަން ތައްޔާރުވެފައިވާއިރު، ރިޔާސަތުގެ މޭޒާއި އިދާރީ މޭޒުގެ ވަށައިގެން ގާތްގަނޑަށް 30 ސިފައިން ވަނީ އެތުރިފަ އެވެ. އިދިކޮޅު ބައެއް މެމްބަރުން ބުނިގޮތުގައި ހެނދުނު 8:50 ވުމުގެ ކުރިން މަޖިލިހުގެ އިދާރާގެ ގޭޓް ހުޅުވައި ދިނުމަށް ވެސް ސިފައިން ވަނީ ދެކޮޅު ހަދައިފަ އެވެ.