21 އޯގަސްޓް 2017 - 21:35

ނޫސްވެރިކަމާ ގުޅުންހުރި ބައެއް ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްސީގެ ރައީސް އަބްދުލް މުއީދު ހަސަން އަދި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަބްދުލް ލަތީފެވެ.
މި އެއްބަސްވުމުގެ ދަށުން ކުރުމަށް ނިންމާފައިވަނީ މައިގަނޑު ތިން ކަމެކެވެ. އެއީ އެމްއެމްސީން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގެ މީޑިއާ ޕާޓްނަރުކަމާއި ދެ ފަރާތް ގުޅިގެން ނޫސްވެރިންނަށް އެކި ޕްރޮގްރާމުތައް ހިންގުމާއި އެމްއެމްސީ އަދި ޕީއެސްއެމް އިން ގުޅިގެން، ނޫސްވެރިކަމާ ގުޅުންހުރި ޕްރޮގްރާމެއް އުފެއްދުމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އިކްރާމް ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ މީހުންނަކީ އެކަށީގެންވާ ގޮތެއްގައި އެކަމާ ގުޅުންހުރި ތަމްރީނު ލިބިފައިވާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން އެ ނޫސްވެރިންނަށް އެކަށީގެންވާ ތަމްރީނު ދިނުން މުހިއްމުކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްސީއާ ޕީއެސްއެމް ގުޅިގެން، ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދޭނެކަން އިކްރާމް ވިދާޅުވި އެވެ.
އެމްއެމްސީގެ ރައީސް މުއީދު ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ނޫސްވެރިކަމާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.