21 އޯގަސްޓް 2017 - 17:00

ޕިއޮންޔޮން (އޮގަސްޓް 21) - އެމެރިކާ އާއި ސައުތު ކޮރެއާ ސިފައިން ގުޅިގެން މިއަދު ފެށި ވަރުގަދަ އަސްކަރީ ތަމްރީނުތަކާ ގުޅިގެން ނޯތު ކޮރެއާ އިން އިންޒާރު ދީފި އެވެ.
ނޯތު ކޮރެއާ އިން ވަނީ މިއީ އެ ގައުމަށް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި ކޮންމެ ވަގުތަކު ވެސް އެމެރިކާ އަށް ހަމަލާ ދޭން ޖެހިދާނެ ކަމަށް ވަނީ ބުނެފަ އެވެ. އެއީ ނިއުކްލިއާ ހަނގުރާމައެއް ފަށަން ފުރުސަތު ބޮޑު ކުރަން ކުރާ ކަމެއް ކަމަށާއި އެމެރިކާ އިން އުޅެނީ އަލިފާނަށް ތެޔޮ އަޅަން ކަމަށް ވެސް ނޯތު ކޮރެއާ އިން ބުނެފައިވެ އެވެ.
ނޯތު ކޮރެއާ އާއި އެމެރިކާ އިން ފެށި ތަމްރީނުތަކުގައި އެމެރިކާގެ 17،500 ސިފައިންނާއި ސައުތު ކޮރެއާގެ 50،000 ސިފައިން ބައިވެރިވާނެ އެވެ. މި އަހަރުގެ ތަމްރީނުތަކުގައި ބައިވެރިވާ އެމެރިކާ ސިފައިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން މަދުކޮށްފަ އެވެ. ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވިދާޅުވީ ސިފައިންގެ އަދަދު މަދުކުރީ ތަމްރީނުތަކުގެ ފުރިހަމަ ބޭނުން ހިފުމުގެ ގޮތުން ކަމަށެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން ވިދާޅުވީ މިއީ އެއްވެސް ގައުމަކަށް ބިރު ދައްކަން ކުރާ ކަމެއް ނޫން ކަމަށާއި މިއީ ދިފާއީ ތަމްރީނުތަކެއް ކަމަށެވެ.
ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނުތައް މަޑުޖައްސާލުމަށް ޗައިނާ އާއި ރަޝިޔާ އިން މިދިޔަ ހަފުތާގައި ވަނީ އެމެރިކާގެ ކިބައިން އެދިފަ އެވެ. އެއީ ނޯތު ކޮރެއާގެ މިސައިލް ޕްރޮގްރާމާއި ނިއުކްލިއާ ޓެސްޓްތައް ހުއްޓާލަން އެ ގައުމު އެއްބަސް ކުރުވުމުގެ ގޮތުންނެވެ.