21 އޯގަސްޓް 2017 - 16:46

ލ. މާބައިދޫއަށް މިއަދު އުދަ އަރައި އެކިވަރުގެ ގެއްލުންތައް ވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު އަބްދުﷲ ރަޝީދު ވިދާޅުުވީ މިއަދު ހެނދުނު ގޭގެއަށް ލޮނު ވަދެ، ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުންލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިީ ރަށުގެ އިރުމައްޗާއި ދެކުނު ފަރާތުން އުދަ އަރަމުންދާ ކަމަށާއި އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
"ރަށުގެ ބޮޑު ބަޔަކަށް ވަނީ އުދައިގެ އަސަރުކޮށްފައި. ބައެއް ގޭގެ ފާހަނަތާކާއި ގަސް ގަހަށް ވެސް އެކަމުގެ އަސަރުކޮށްފައި ވޭ. އެއްޗެހި އޮޔާދާތަން ވެސް އެބަ ފެނޭ،" ރަޝީދު ވިދާޅުވި އެވެ.
މާބައިދޫގެ އިތުރުން އެހެން ބައެއް ރަށްރަށަށް ވެސް މިއަދު އުދަ އަރާފައިވެ އެވެ.
މޫސުން ލަފާކޮށް މޯލްޑިވްސް މީޓިއޮލޮރޮޖިކަލް ސެންޓަރުން ބުނީ ދެކުނާއި މެދުރާއްޖެ ތެރެއަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެ ތެރެއަށް ވެސް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ގުގުރާނެ ކަމަށް ބުންޏެވެ.
ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާ 13 މޭލާ ދެމެދުގެ ބާރު މިނުގައި އަދި ކެރިގަނޑުގައި 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.