22 އޯގަސްޓް 2017 - 06:19

މިއަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ދެ ފިލްމަކަށް ވަނީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ސަލްމާން ޚާންގެ "ޓިއުބުލައިޓް" އެވެ. އަނެއް ފިލްމަކީ ޝާހްރުކް ޚާންގެ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.
މި ދެ ފިލްމު ރިލީޒްކުރިތާ މިހާރު ދުވަސްކޮޅެއް ވެފައި ވިޔަސް އަދިވެސް ފިލްމު އިންޑަސްޓްރީގައި މި ދެ ފިލްމަށް ދިމާވި ނާކާމިޔާބީއާ ބެހޭ ގޮތުން އަންނަނީ ވާހަކަ ދެކެވެމުންނެވެ. ނޫސްވެރިން ވަނީ އާމިރު ޚާނާ މިކަމާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.
އާމިރު ބުނި ގޮތުގައި އެ ދެ ފިލްމު ފްލޮޕްވީ ޓްރެންޑް އެހެން ގޮތަކަށް ބަދަލުވެގެންނެކޭ ވެސް ނުބުނެވޭނެ އެވެ. ކާމިޔާބީ އާއި ނާކާމިޔާބީ އަކީ އަބަދުވެސް އޮންނަ އެއްޗެއް ކަމަށާއި އެއީ މިފަހަރު ދިމާވި ގޮތް ކަމަށް އޭނާ ބުންޏެވެ.
އާމިރު މި ވާހަކަތައް ދައްކާފައިވަނީ އޭނާ ޕްރޮޑިއުސްކޮށް އެކްޓްކުރާ "ސީކްރެޓް ސުޕަސްޓާ" ގެ "މެއި ކޯން ހޫން" ލަވަ ލޯންޗުކުރުމަށް ބޭއްވި އިވެންޓެއްގައި ފިލްމުގެ ބަތަލާ ޒާއިރާ ވަސީމް އާއި ޑައިރެކްޓަރާ އެކު ބައިވެރިވަމުންނެވެ.
"ޖަބް ހެރީ މެޓް ސޭޖަލް" ފްލޮޕް ވީއްސުރެ އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ތިން ޚާނުންނަށެވެ. ނޫންނަމަ ދެ ޚާނުންނަށެވެ. އެއީ ސަލްމާނާއި ޝާހްރުކެވެ. އެމީހުންނަށް ފަހަކަށް އައިސް މާ ރަނގަޅު ފިލްމުތައް ކުޅެވޭ ގޮތް ވެފައި ނެތުމުންނެވެ.
ސަލްމާނާއި ޝާހްރުކްގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިވުމުން ދޭހަވަނީ ބެލުންތެރިން މިހާރު ވަކި އެކްޓަރެއް ފިލްމުގައި އުޅޭތީ އެ ފިލްމެއް ބަލަން ޝައުގުވެރި ނުވާ ކަމެވެ. އޭގެ ބަދަލުގައި ބެލުންތެރިން ބަލަނީ ފިލްމުގެ ކޮންޓެންޓަށާއި އުފައްދާފައިވާ ގޮތަށެވެ.
ވަރަށް ގިނަ ފަންނާނުން މިހާރު އެއްބަސްވާ ގޮތުގައި ފިލްމު ބަލާ މީހުން މިހާރު ޝައުގުވެރިވަނީ ކޮންޓެންޓް ރަނގަޅު ފިލްމުތަކަށެވެ. މަޝްހޫރު ތަރިން އުޅުނަސް ހުތުރު ފިލްމެއް ބެލުންތެރިންނެއް މިހާރަކުނުބަލަ އެވެ.
ދެން އެންމެ އަވަހަށް ރިލީޒްވާން އޮތީ އާމިރު ޚާން ޕްރޮޑިއުސްކޮށް އަދި އޭނާ ކޮންމެވެސް ވަރެއްގެ ރޯލެއް ވެސް ކުޅެފައިވަނީ "ސީކްރެޓް ސުޕަސްޓާ" އެވެ. ޝާހްރުކް އާއި ސަލްމާންގެ ފިލްމުތަކަށް ދިމާވި ގޮތުން އާމިރު މި ފިލްމުން އެއްވެސް ރިސްކެއް ނަގާކަށް ބޭނުމެއް ނޫނެވެ. އެހެންވެ އޭނާ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި ވެސް އަމަލީ ގޮތުން ބައިވެރިއެއް ނުވެ އެވެ. ހުރިހާ ތަނަކަށް ވެސް ފޮނުވަނީ ބަތަލާ އެކަންޏެވެ. އެއީ ކުޑަ ބަޖެޓަކުން އުފައްދާ އާންމުން އެހާ ދެކެފަރިތަ ނޫން މީހުންނަށް އުޅޭ ފިލްމުތައް ހިނގާ އުސޫލުން ކޮންޓެންޓް ކަމުގޮސްގެން މި ފިލްމު ވެސް ހިނގާނެ ކަމުގެ އުންމީދުގަ އެވެ.