21 އޯގަސްޓް 2017 - 15:04

ދޯހާ (އޮގަސްޓް 21) - ގަތަރުން ހައްޖަށްދާ މީހުން ގެންދިއުމަށް ދޯހާ އަށް ދިޔަ ސައުދީ އަރަބިއާގެ ފްލައިޓް ޖައްސަން ހުރަސް ނާޅާ ކަމަށް ގަތަރުން ބުނެފި އެވެ.
ސައުދީ އަރަބިއަން އެއާލައިންސް އިން އިއްޔެ ބުނީ ގަތަރުގެ ހައްޖުވެރިން ގެންދިއުމަށް ސައުދީ ފްލައިޓް ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ހުއްދަ ގަތަރުގެ ކަމާބެހޭ ފަރާތްތަކުން ދީފައި ނުވާ ކަމަށެވެ.
ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ސައުދީ އެއާލައިނުން ދައްކާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި ސައުދީ އެއާލައިނުން ދޯހާގައި ޖެއްސުމުގެ ހުއްދަ އަށް އެދުމުން އެ މައްސަލަ ގަތަރުގެ އިސްލާމިކް އެފެއާޒް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.
ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު ޖޫން 5 ވަނަ ދުވަހު އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ގަތަރު އެއާވޭސްގެ ބޯޓުތައް ސައުދީގައި ޖެއްސުން ވަނީ މަނާކޮށްފަ އެވެ. އަދި އެ ގައުމުގެ ބޯޑަރު ވެސް ވަނީ ގަތަރަށް ބަންދުކޮށްފަ އެވެ. އެކަމަކު ސައުދީން މިދިޔަ ހަފުތާގައި ވަނީ ގަތަރުގެ ހައްޖުވެރިންނަށް ބޯޑަރު ހުޅުވާލާނެ ކަމަށް ބުނެފަ އެވެ. ވައިގެ މަގުން ގަތަރުގެ ހައްޖުވެރިން އުފުލޭނީ ރިޔާޒުން ހުއްދަ ކުރާ އެއާލައިންތަކުން ކަމަށް ސައުދީން ބުނެފައިވެ އެވެ. ސައުދީން ދަނީ ހައްޖު ސިޔާސީ ކަމަކަށް ހަދަން މަސައްކަތް ކުރަމުން ކަމަށް ގަތަރުން ބުނެފައިވެ އެވެ.