އަރްޖުން ހީކުރި ވަރަށް ވުރެ "މުބާރަކަން" ކާމިޔާބު
އަރްޖުން ހީކުރި ވަރަށް ވުރެ "މުބާރަކަން" ކާމިޔާބު

ބޮކްސް އޮފީހުގައި އެހާ ރަނގަޅު ނަތީޖާއެއް "މުބާރަކަން" ހޯދަފާނެ ކަމަށް ފިލްމުގެ ބަތަލު އަރްޖުން ކަޕޫރު އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ. ފިލްމު ރިލީޒްކުރިތާ މަހެއްހާ ދުވަސް ވެފައިވާއިރު އަދިވެސް ބައެއް ސިނަމާތަކުގައި ފިލްމު އޮތީ އަޅުވާފަ އެވެ.

އަރްޖުން ޑަބަލް ރޯލު ކުޅެފައިވާ މި ފިލްމުގައި އޭނާގެ ބޮޑުބޭބެ އަނިލް ކަޕޫރު ވެސް ވަރަށް މުހިއްމު ބައެއް ކުޅެފައިވެ އެވެ. އަރްޖުން، 32، ބުނި ގޮތުގައި ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ އަކީ ކޮމިކް ފިލްމުތައް އުފެއްދުމަށް ވަރަށް ކުޅަދާނަ ޑައިރެކްޓަރަށް ވާތީ ފިލްމު މޮޅުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ކުރިން ވެސް އޮތެވެ.

ނަމަވެސް ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާގެ "ޖަބް ހެރީ މެޓް ސޭޖަލް" އެޅުވުމަކުން ވެސް މި ފިލްމުގެ ހިނގުމަކަށް މަޑުޖެހުމެއް ނާދެ އެވެ.

އަރްޖުން ބުނި ގޮތުގައި "މުބާރަކަން" ގިނަ ބަޔަކަށް މަގްބޫލުވުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި މިޒަމާނުގައި ހަފުތާއަކަށް ވުރެ ގިނަ ދުވަހު ތިއޭޓަރެއްގައި ފިލްމެއް އޮތުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރަކަށް ވާއިރު "މުބާރަކަން" އަށް އެއްމަސް ދުވަސް ވަންދެން ސަލާމަތުން އޮވެވުުމަކީ އުފާކުރުން ހައްގު ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޚާއްސަކޮށް، ޝާހްރުކް ކަހަލަ މަޝްހޫރު އެކްޓަރެއްގެ ފިލްމެއް ނުހިނގާފައި ފިލްމު ކުޅޭތާ އެންމެ ފަސް އަހަރުވީ މީހެއްގެ ފިލްމު ހިނގުމަކީ ވެސް ވަރަށް ފާހަަގަ ކޮށްލެވޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.