އައިޝްވަރިޔާ އާއެކު "ޕަދްމާވަތީ" ކުޅެން ސަލްމާން ދެކޮޅުހެދީ ކީއްވެ؟
އައިޝްވަރިޔާ އާއެކު "ޕަދްމާވަތީ" ކުޅެން ސަލްމާން ދެކޮޅުހެދީ ކީއްވެ؟

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އިއުލާން ކުރީއްސުރެ އަބަދުވެސް ފިލްމާ ބެހޭ ކޮންމެވެސް ވާހަަކައެއް އޮންނަނީ އިވިއިވި އެވެ.

އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ، ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ލީޑް ރޯލުތައް ކުޅޭ މިފިލްމުގެ ޝޫޓިން މިހާރު މުމްބައިގައި ވަރަށް ބާރަށް ކުރިޔަށް އެބަދެ އެެވެ.

ދީޕިކާ މި ފިލްމުގައި ކުޅެނީ ރާނީ ޕަދްމާވަތީގެ ރޯލެވެ. ރަންވީރު ކުޅެނީ އަލާއުއްދީން ޚިލްޖީގެ ބައެވެ. މިއީ ފިލްމުގެ ނުބައިބައި ކެރެކްޓާ އެވެ. ޝާހިދު ކުޅެނީ ދީޕިކާގެ ފިރިމީހާގެ ރޯލެވެ. ނަމަވެސް މި ތަރިންނަކީ ފިލްމަށް ބާންސާލީ އަސްލު ބޭނުންވި ތަރިންނެއް ނޫނެވެ. ބާންސާލީ އަސްލު ބޭނުންވީ މި ފިލްމު އައިޝްވަރިޔާ ރާއީ އާއި ސަލްމާން ޚާން ލައްވާ ކުޅުވާށެވެ. މި ދެ ތަރިންނަށް ބާންސާލީ މި ފިލްމު މީގެ އަހަރު ތަކެއް ކުރިން ވެސް ހުށަހެޅި އެވެ.

ފަހަރެއްގައި ސަލްމާން ފިލްމުގައި އުޅުނަސް އައިޝްވަރިޔާ މި ފިލްމު ކުޅެދޭން އެއްބަސްވާނެ އެވެ. ސަބަބަކީ ސަލްމާނަށް ދޭން ބާންސާލީ ނިންމާފައި އޮތީ އަލާއުއްދީން ޚިލްޖީގެ ރޯލަށް ވެފައި ފިލްމުގައި ޕަދްމާވަތީ އާއި ޚިލްޖީ އެކުގައި ފެންނަ އެއްވެސް މަންޒަރެއް ނެތީމަ އެވެ.

މިފަހަރު ފިލްމު ކުޅެދޭން އެއްބަސްނުވީ ސަލްމާނެވެ. ސަލްމާންގެ ގާތް މީހަކު ބުނި ގޮތުގައި އެއީ ލޯބީގެ ފިލްމަކަށް ވާތީ އެ ފިލްމު ކުޅެން ސަލްމާން ހުރީ ތައްޔާރަށެވެ. "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގައި ދެއްކި ކެމިސްޓްރީ އައިޝްވަރިޔާއާ އެކު އަނެއްކާވެސް ދައްކާލަން ސަލްމާން ހުރީ ބޭނުންވެފަ އެވެ. ނަމަވެސް އޭނާއަށް އެ ފިލްމުގައި އައިޝްވަރިޔާއާ އެކު ލޯބީގެ މަންޒަރުތައް ކުޅޭނެ ފުރުސަތު ނެތްކަން އެނގުމުން ސަލްމާން ފިލްމު ކުޅެދޭން އެއްބަސް ނުވީ އެވެ.

މިކަމުގެ ސަބަބުން ބާންސާލީ ވަރަށް މާޔޫސްވި އެވެ. އަދި ސަލްމާނާއި އޭނާގެ އޮންނަ ގާތް ގުޅުމަށް ވެސް ބުރޫ އެރި އެވެ. އެހެންވެ ފިލްމުގެ މަސައްކަތް ނުފަށާ އެތައް އަހަރަކު އޮތުމަށްފަހު ދީޕިކާ އާއި ރަންވީރު އަދި ޝާހިދާ އެކު ފިލްމު ކުރިޔަށް ގެންދަން ބާންސާލީ ނިންމީ އެވެ.