އެމްބީއޭ ޗެމްޕިއަންޝިޕް 15 ޓީމާ އެކު މާދަމާރޭ ފަށަނީ
އެމްބީއޭ ޗެމްޕިއަންޝިޕް 15 ޓީމާ އެކު މާދަމާރޭ ފަށަނީ

ޖުމްލަ 15 ޓީމާ އެކު ރާއްޖޭގެ އެންމެ ބޮޑު އެއް ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އެމްބީއޭ ޗެމްޕިއަންޝިޕް މާދަމާރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ފަށާނެ އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ އަށް ޓީމެވެ. ގްރޫޕް އޭ ގައި ހިމެނެނީ ކިންގްސް ބީސީ އާއި ރެޕްޓޯސް ބީސީ އާއި ސްޓިންގާސް ބީސީ އަދި ރެޑްވިންގްސް ބީސީ އެވެ. ގްރޫޕް ބީ ގައި އޮތީ ޓީރެކްސް ބީސީ އާއި އެލްކިއު ސްޕޯޓްސް އާއި ކްލަބް އެޗްޑީސީ އަދި ދަ ބައުސް އެވެ.

ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ގްރޫޕް އޭ ގެ ކިންގްސް އާއި ރެޕްޓޯސް އެވެ. މީގެ ތެރެއިން ކިންގްސް އަކީ ކުރިން ރެޑްލައިން ކްލަބަށް ކުޅުނު ކުޅުންތެރިން ހިމެނޭ ބާސްކެޓްބޯޅައިގެ މިހާރުގެ ގަދަ ބާރެކެވެ. ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު ވާދަކުރާނީ ޓީރެކްސް އާއި އެލްކިއު އެވެ.

ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެވެ. ގްރޫޕް އޭ ގެ އެއް ވަނަ ޓީމާއި ގްރޫޕް ބީ ގެ ދެ ވަނަ ޓީމު ވާދަކުރާ ސެމީ ފައިނަލް ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހު ހަވީރެވެ. އެރޭ އޮންނާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީ ގެ އެއް ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެރެ އެވެ.

އަންހެން ޑިވިޝަނުގައި ވާދަކުރަނީ ހަތް ޓީމެވެ. ގްރޫޕް އޭ ގައި އޮތީ ޓައިޓަންސް އެސްސީ އާއި ރެޑްވިންގްސް ބީސީ އާއި ރައިވެރިޔާ އަދި ދިވެހި ސިފައިންގެ ކްލަބެވެ. ގްރޫޕް ބީ ގައި ހިމެނެނީ ސައިކްލޯން ބީސީ އާއި ޔޫތު ސްޕޯޓްސް ކްލަބް އަދި ޓީރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ) އެވެ.

އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ވާދަކުރާނީ ގްރޫޕް އޭ ގެ ޓައިޓަންސް އާއި ރެޑްވިންގްސް އެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 6 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއް ވަނަ އާއި ގްރޫޕް ބީ ގެ ދެ ވަނަ އެވެ. އެރޭ އޮންނާނީ ގްރޫޕް ބީ ގެ އެއް ވަނަ އާއި ގްރޫޕް އޭ ގެ ދެ ވަނަ ޓީމު ބައްދަލުކުރާ ސެމީ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު ހަވީރެވެ.