21 އޯގަސްޓް 2017 - 12:06

ޖިއްދާ (އޮގަސްޓް 21) - ހައްޖަށް ދިއުމަށްޓަކައި ބައިސްކަލުގައި ދަތުރު ފެށި އިނގިރޭސިވިލާތުގެ ނުވަ މީހަކު ހަ ހަފުތާގެ ދަތުރަށް ފަހު ސައުދީ އަރަބިއާ އަށް ހިނގައްޖެ އެވެ.

ޖުލައި 14 ވަނަ ދުވަހު ފެށި 3،000 ކިލޯ މީޓަރުގެ ދިގު ދަތުރުގައި އެ މީހުން މަދީނާ އަށް ދިއުމުގެ ކުރިން ވަނީ ފްރާންސް، ސްވިޒަލެންޑް، އިޓަލީ، ގްރީސް އަދި މިސްރުން ދަތުރުކޮށްފަ އެވެ. އެ މީހުން ބުނީ ދަތުރުގެ ބޭނުމަކީ ސައުދީ އަށް ދިއުމުގެ ކުރިން އެ މީހުން ހުރަސްކުރި ގައުމުތަކަށް އިސްލާމް ދީނަކީ ސުލްހައިގެ ދީންކަމުގެ މެސެޖް ދިނުން ކަމަށެވެ. އެ ގްރޫޕުން ފުރަތަމަ ޕްލޭންކޮށްފައި އޮތީ ތުރުކީ އާއި ސީރިއާ އަދި ޖޯޑަން އިން ދަތުރު ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެ ތިން ގައުމަށް ނުގޮސް އެ މީހުން ވަނީ ގްރީސް އިން މިސްރަށް ކަނޑު ބޯޓެއްގައި ދަތުރުކޮށްފަ އެވެ. އަދި މިސްރުން ޖިއްދާ އަށް އެ މީހުން ދިޔައީ މަތިންދާ ބޯޓުގަ އެވެ. ޖިއްދާ އިން މަދީނާ އަށް ދިޔައީ ބައިސްކަލުގަ އެވެ.
ބައިސްކަލުގައި ހައްޖަށް ދިއުމުގެ ދަތުރު ފެށީ އީސްޓް ލަންޑަނުންނެވެ. ނިއު ހެވަން އަށް ބައިސްކަލުގައި ދިއުމަށް ފަހު ފްރާންސްގެ ޑިއެޕެ އަށް ދިޔައީ ފެރީގަ އެވެ. އެ ތަނުން ޕެރިހަށް ދިޔައީ ބައިސްކަލުގަ އެވެ. އޭގެ ފަހުގައި ސްވިޒަލެންޑް، އިޓަލީ އަށް ދަތުރު ކުރީ ބައިސްކަލުގަ އެވެ.
"ހައްޖު ރައިޑް"ގެ ނަމުގައި ކުރި ދަތުރުގެ ސަބަބުން ސީރިއާގެ ރެފިއުޖީންނަށް ގާތްގަނޑަކަށް އެއް މިލިއަން ޕައުންޑް ހޯދައިދެވޭނެ ކަމަށް އެ މީހުން ތަމްސީލް ކުރާ ޗެރިޓީ ހިއުމަން އެއިޑް ޔޫކޭ އިން ބުންޏެވެ. "ހައްޖު ރައިޑް" ކުރިއަށް ދިޔަ އިރު ފައިސާ ހަދިޔާ ކުރުމުގެ އިންތިޒާމް އެ ގްރޫޕުން ވަނީ ހަމަޖައްސައިފަ އެވެ.
ބައިސްކަލުގައި ހައްޖަށް ދިޔަ މީހުންނަށް ސައުދީން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ބައިސްކަލް ޓީމުގެ އިސް މީހަކަށް ހުރީ މީގެ 11 އަހަރު ކުރިން އިސްލާމްވި އަބްދުލް ވާހިދެވެ.